ޓެލެގްރާމް މެދުވެރިކޮށް ދިވެހިންނާއި ބޭރު މީހުންގެ ބަރަހަނާ ފޮޓޯއާއި ވީޑިއޯ އާންމުކޮށް، އެ ކަން ވިޔަފާރިއެއްގެ ގޮތުގައި ހިންގައިގެން މާލީ މަންފާ ހޯދި މައްސަލައެއްގައި ހިމެނޭ ތިން މީހަކަށް ޖަލު ހުކުމް އިއްވައިފި އެވެ.
މި މައްސަލައިގައި ކުށް ސާބިތުވެ ހުކުމްކުރީ އދ. މަހިބަދޫ، ބަހާރުގެ، ޒުބައިރު އަލީ އާއި، މާލޭ ދަފްތަރު ނަންބަރު ރސ 14751 ނާސިފް އަލީގެ އިތުރުން ކ. ކާށިދޫ، ސިލިންކޯ، އިސްމާއިލް ޒަބީހުގެ މައްޗަށެވެ. ދައުލަތުން މި މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ކުށުގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގައެވެ.
ޓެލެގްރާމްގައި ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ވިއްކައިގެން އާމްދަނީ ހޯދަމުން ދިޔަ މައްސަލައިގައި މި ތިން މީހުން ވެސް ހައްޔަރު ކުރީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
މައްސަލައިގައި ތިން މީހުންގެ މައްޗަށް ވެސް އިއްވާފައި ވަނީ ދެ އަހަރާއި، ހަ މަސް ދުވަހުގެ ހުކުމެކެވެ.
މީގެ އިތުރުން އެ ކުށުގެ އަދަބެއްގެ ގޮތުން ޒުބައިރު ހަ ލައްކަ ރުފިޔާއިން، ނާސިފް ދެ ލައްކަ ރުފިޔާއިން އަދި ޒަބީހު އެއްލަކަ ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ތިން ދައުވާއެއް ސާބިތުވެ، ޒުބައިރުގެ މައްޗަށް ވަކިވަކިން އެއް އަހަރާއި ހަ މަސް ދުވަސް، 18 ދުވަސް އަދި ނުވަ ދުވަހުގެ ޖަލު ހުކުމެއް ވެސް ވަނީ އިއްވާފައެވެ.
ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، މި ނެޓްވޯކުން ވަނީ ޓެލެގްރާމްގައި 571 ޗެނަލް ހަދައިގެން ބަރަހަނާ މަންޒަރުތައް ޕޯސްޓުކޮށްފައެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ އޮރިޔާން މަންޒަރު ހިމެނޭ 43 ޗެނަލް ވެސް ހިމެނެއެވެ. މި ޗެނަލްތަކުގައި ދިވެހި އަންހެނުންގެ 241،000 އަށް ވުރެ ގިނަ ފޮޓޯއާއި 86،000 އަށް ވުރެ ގިނަ ވީޑިއޯ ވަނީ ދައުރުކޮށްފަ އެވެ.
މި މަންޒަރުތައް ބެލުމަށްޓަކައި 34،000 އަށް ވުރެ ގިނަ މީހުން ފައިސާ ދައްކައިގެން ޗެނަލްތަކަށް ސަބްސްކްރައިބް ކޮށްފައިވާއިރު، ތިން މީހުން ވެސް ވަނީ ޓެލެގްރާމް ގުރޫޕް މެދުވެރިކޮށް ދެ މިލިއަން ރުފިޔާގެ ނާޖާއިޒް މަންފާ ހޯދާފައެވެ.
މި މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ އެ މީހުން ބޭނުންކުރި ޑިޖިޓަލް 14 އާލާތަކާއި، ޓެލެގްރާމް ނުވަ އެކައުންޓެއްގެ އިތުރުން ފޮޓޯ އާއި ވީޑިއޯ އަޅާފައި ހުރި ހުރިހާ ޗެނަލްތަކެއް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ސީޒްކޮށްފައެވެ.

