ތިލަފުށީގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރަކީ ދިވެހި ރައްޔިތުންގެ 100 އިންސައްތަ މިލްކުވެރިކަން އޮންނާނެ ތަނަކަށް ވާނެކަމުގެ ޔަޤީންކަން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ދެއްވައިފިއެވެ.
ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ރައީސް، ޑރ. މުޙައްމަދު މުޢިއްޒު ބިނާކޮށްދެއްވާނީ ދިވެހި ރައްޔިތުންގެ ފުރިހަމަ މިލްކުވެރިކަން އޮތް، މި ޤައުމުގެ އެންމެ އަގުހުރި އެއް ހަރުމުދަލުގެ ގޮތުގައި ކަމަށެވެ.
އެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވާ ކަމަށްވެސް ވަޒީރު ވަނީ ސޯޝަލް މީޑިއާގައި ހިސްސާކުރެއްވި ޕޯސްޓުގައި ވިދާޅުވެފައެވެ.
މާތްﷲގެ އިރާދަފުޅާއެކު، ރައީސް މުޢިއްޒުގެ ސަރުކާރުގެ މި ދައުރުގެ ތެރޭގައި ފަށައި، ފުރިހަމަކޮށް ނިންމާނެ އެންމެ ބިޔަ އަދި ދިވެހީންނަށް އެންމެ ބޮޑު މަންފާއެއް ކުރާނެ މަޝްރޫޢަކަށް މި ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރުގެ މަޝްރޫޢު ވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
”މާތްﷲގެ އިރާދަފުޅާއެކު، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ދައުރު ފަށާ، ފުރިހަމަކޮށް ނިންމާނެ އެންމެ ބިޔަ އަދި ދިވެހީންނަށް އެންމެ މަންފާހުރި މަޝްރޫޢަށް ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރު ވާނެ،“ ސައީދު
މީގެ އިތުރުން، މި ބޮޑު ޙަޤީޤަތް ޤަބޫލުކުރަން ބޭނުންނުވާ ފަރާތްތަކުން، ތިލަފުށީ ބަނދަރާ ގުޅުވައިގެން ރޯ ބުހުތާނު ދޮގު ޚަބަރުތައް ނުފެތުރުމަށް ވެސް ވަޒީރު ވަނީ އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލްގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް އާއި ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީއާއި ދެމެދު ސޮއިކުރީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މިއީ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ މަރުހަލާތަކުގެ ތެރެއިން ހަވާލުކުރެވުނު އެންމެ މުހިންމު އެއް މަސައްކަތެވެ.
މިހާރު މާލޭ ވިޔަފާރި ބަނދަރަށް އަންނަ ކާގޯ ބޯޓުފަހަރަށް މުދާ އެރުވުމާއި ބޭލުމަށް ގާތްގަނޑަކަށް 7 ދުވަހުގެ މުއްދަތެއް ބަނދަރުގައި ހޭދަކުރި ނަމަވެސް، އައު ބަނދަރުގެ ޚިދުމަތް ފެށުމުން މިވަގުތު ގާތްގަނޑަކަށް 2 ދުވަހުގެ މުއްދަތަށް ކުޑަވެގެންދާނެއެވެ. މިއީ މުދާ އެތެރެކުރާ ފަރާތްތަކާއި ޝިޕިންގ ލައިންތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. އަދި މީގެ އިތުރުން ބަނދަރުގެ ސަރަހައްދުން ޒަމާނީ ވެއަރހައުސްގެ ޚިދުމަތް ލިބި، ކޮންޓެއިނަރ ކްލިއަރަކުރުމުގެ އޮޕަރޭޝަންސްތައް ލުއިފަސޭހަވެގެންދާނެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ މާލޭ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެމްބަރު މަހު ތިލަފުއްޓަށް ބަދަލުކޮށް ނިމޭނެ ކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ އެ މަސައްކަތް ނިމުމުން ބަނދަރުގައި މުދާ ބެހެއްޓޭނެ މުއްދަތު އިތުރުކުރެވި މުދާ ގެނައުމަށް ހިނގާ ހަރަދުތައް ވެސް އޭގެ ސަބަބުން ކުޑަވާނެ ކަމަށެވެ. އޭގެ އިތުރުން، އެ ބަދަލާއެކު މާލޭގައި ގުދަންކުރާ މުދާތަކާއި މާރުކޭޓު ސަރަހައްދުގައި ކުރާ ހޯލްސޭލް ވިޔަފާރިތައް ވެސް ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވެފައިވާކަން ފާހަގަކުރެވެއެވެ.

