ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް، ހ. ވައިޓްޑައިމަންޑް، ޖަމީލާ އަލީ ހާލިދު މިއަދު ޢައްޔަންކުރައްވައިފިއެވެ.
ޖަމީލާ ސަފީރުކަމަށް އައްޔަންކުރެއްވީ، އެކަމަށް ޓަކައި މިއަދު ހެނދުނު ރައީސްގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އިރުތިޝާމް އާދަމް، މިދިޔަ އޭޕްރީލް މަހު ފޮރިން މިނިސްޓަރަކަށް އައްޔަންކުރެއްވުމުންނެވެ.
2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރަށް ޖަރުމަނުވިލާތަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރަކަށް ހުންނެވި ޖަމީލާ އެންމެ ފަހުން އަދާކުރެއްވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމެވެ. އޭނާ މީގެ ކުރިން ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސްގެ މަގާމު ވެސް އަދާކުރެއްވިއެވެ.
އިނގިރޭސިވިލާތަށް ކަނޑައަޅާ އާ ސަފީރުގެ މަގާމަށް ޖަމީލާ އައްޔަންކުރުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވީ މި މަހުގެ 16 ވަނަ ދުވަހެވެ. އޭނާއަށް ރުހުން ދިނުމަށް މަޖިލީހުން ފާސްކުރީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

