ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

40 އިންސައްތަ މާރުކުރަން ރިސޯޓުތަކަށް ދައްޗެއް ނުވާނެ، ޑޮލަރުން މުސާރަަ ދިނުން ހުއްޓާލައިގެން ނުވާނެ: ރައީސް

މިއަދު ބޭއްވި ރަސްމިއްުޔާތުގައި ރައީސް ޑރ. މުއިއްޒު ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

40 އިންސައްތަ ބޭރު ފައިސާ މާރުކުރަން ޖެހުމަކީ ރިސޯޓުތަކަށް އެއްވެސް ދައްޗެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށާއި ރިސޯޓު މުވައްޒަފުންގެ މުސާރަ ވެސް ޑޮލަރުން ދެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލުތައް ތަސްދީގުކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، ރިސޯޓުތަކަށް ލިބޭ 40 އިންސައްތަ ޑޮލަރު މާރުކުރަން މަޖުބޫރުވާ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ ގުޅޭގޮތުން އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ރިސޯޓުތަކުން މާރުކުރަން ޖެހޭ ޑޮލަރުން އިތުރުވެގެންދާ އިންސައިގެ ސަބަބުން އެމްއެމްއޭއަށް އިތުރު ބޭރު ފައިސާ ލިބިގެންދާނެ ކަމަށާއި އެ ފައިސާ ބޭނުންކުރާނީ ރައްޔިތުންގެ އަސާސީ ކަންކަމަށް ކަމަށެވެ. އެގޮތުން، އެ ފައިސާ ބޭނުންކުރުމަށް ގަސްތުކުރަނީ އިމްޕޯޓުކުރުމާއި ޓީޓީ ހެދުން ފަދަ ކަންކަމަށް ކަމަށާއި އެކަމުން ސީދާ ރައްޔިތުންނަށް ފައިދާކުރާނެކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، 40 އިންސައްތަ ބޭރު ފައިސާ މާރުކުރުމަކީ ރިސޯޓުތަކަށް އެއްވެސް ދައްޗެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ހިސާބުކިތާބުތަކުން ވަރަށް ސާފުކޮށް ފެންނަން އޮތް ކަމަށެވެ. ރިސޯޓުތައް ހަދަން ނަގާފައިވާ ލޯނުތައް ދެއްކުމަށާއި މުވައްޒަފުންގެ މުސާރަތައް ދިނުމަށާއި އެހެން އެއްވެސް އޮޕަރޭޝަނަލް ކަމަކަށް އެ ބަދަލުގެ ސަބަބުން ދައްޗެއް ކުރިމަތިނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”ރިސޯޓުތަކުން 40 އިންސައްތަ މާރުކުރުމަށް އެއްވެސް ދަތިކަމެއް ނުވާނެ،“ ރައީސް

އޭގެ އިތުރުން، ރިސޯޓު މުވައްޒަފުން ދައްކާ ވާހަކަތަކަށް ތާއީދުކުރައްވާ ކަމަށާއި ފައިސާ މާރުކޮށްފައި މުވައްޒަފުންގެ މުސާރަތައް ވެސް ޑޮލަރުން ދައްކަން ޖެހޭނެ ކަމަށާއި އެކަމުގައި ރިސޯޓުތަކަށް ދައްޗެއް ކުރިމަތިނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރިސޯޓުތަކުން ގާނޫނަށް ތަބާވެ ރައްޔިތުންގެ ހެވަށް ޓަކައި ގައުމީ ޒިންމާ އަދާކުރެއްްވުމަށް ގޮވާލެއްވިއެވެ.

”އެހެންވީމަ ޑޮލަރުން މުސާރަ ލިބޭ އެއްވެސް ފަރާތެއްގެ މުސާރައަށް އުނިކަމެއް އައިސްގެން ނުވާނެ، ގެންނަން ޖެހޭ ސަބަބެއް ވެސް ނެތް. އެ ފަރާތްތަކަށް ލިބޭ މުސާރަ ދެމުން ދާންވާނެ. އަދި އެއްވެސް ކަހަލަ ދަތިކަމެއް އަންނާނެ ކަހަލަ ގޮތަކަށް ކަމެއް ކޮށްގެންވާނެ ކަމަށް ގަބޫލެއް ނުކުރަން،“ ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ގާނޫނު ތަންފީޒުކުރުމުގައި އެމްއެމްއޭއިން ރިސޯޓު އިންޑަސްޓްރީއާ މަޝްވަރާކޮށް ގާތް ގުޅުން ބާއްވާނެ ކަމަށެވެ. އަދި ތަންފީޒުކުުރުމަށް އެމްއެމްއޭއިން ފުރިހަމައަށް މަސައްކަތްކުރައްވާނެ ކަމަށާއި އެކަމުގައި ރިސޯޓު އިންޑަސްޓްރީން ވެސް ފުރިހަމަ އެއްބާރުުލުން ދެއްވާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އެ ބަދަލު ގާނޫނަށް ގެނައީ ހަމަ ތިބެފައި ނޫން ކަމަށާއި އެކަމަކީ ފަންނީ، ގާބިލު މީހުން ހިސާބުކިތާބު ބަލާފައި ދިރާސާކުރުމަށްފަހު ގެނައި ބަދަލެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އެ ބަދަލުގެ ސަބަބުން ފައިދާވާނީ އާންމު ރައްޔިތުންނަށް ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: