ދިރާގާއި މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ވިއްކާލި ހިއްސާތައް ސަރުކާރަށް އަނބުރާ ގަންނަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވާ ބައެއް މުހިއްމު ނިންމުންތައް އިއުލާނުކުރައްވާފައެވެ.
އެގޮތުން، ދިރާގުގެ ސަރުކާރުގެ ހިއްސާ ބޮޑުކުރަން ނިންމާފައިވާކަން އެމަނިކުފާނު ވަނީ އިއުލާނުކުރައްވާފައެވެ. މިއީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ވިއްކާލި ހިއްސާއެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދިރާގުގެ މެޖޯރިޓީ ހިއްސާ އަނބުރާ ހޯދުމަކީ ރައްޔިތުންގެ ލާބައާއި ގައުމީ އިގްތިސާދު ފުޅާކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެންކަމުން އިދާރީ، ގާނޫނީ އަދި މާލީ އިޖުރާއަތްތައް ހިމެނޭހެން މި މަސައްކަތް ވަރަށް ބާރުސްޕީޑްގައި ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.
”ދިރާގުން ސަރުކާރުގެ ވިއްކާލި ޝެއާ މެޖޯރިޓީ ކޮންޓްރޯލް 50 އިންސައްތައަށް ބޮޑުކުރުމުގެ މަސައްކަތް މިހާރު އެވަނީ ފެށިފައި. މިކަމުގައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ބާރު ސްޕީޑުގައި ކުރިއަށްދާނެ،“ ރައީސް
މީގެ އިތުރުން، އެމްޑީޕީ ސަރުކާރުގައި ބޭރު ކުންފުންޏަކަށް ވިއްކާލާފައިވާ އެމްޑަބްލިއުއެސްސީގެ 20 އިންސައްތަ ހިއްސާ އަނބުރާ ގަނެ، އެ ކުންފުންޏަކީ ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ފެށިފައިވާކަން ވެސް ރައީސް ހާމަކުރެއްވިއެވެ.
ރައްޔިތުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ޓަކައި ކުރެވޭ އެ ދެ މަސައްކަތްވެސް ވަރަށް ކާމިޔާބުކަމާއެކު ނިންމާލެވޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
އެމަނިކުފާނު ވަނީ އެ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސް ކުރިއަށް އޮތް ދުވަސްތަކުގައި އެ މަސައްކަތް ނިމިގެންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އެ މަސައްކަތާ ގުޅޭ ތަފުސީލުތައް ކަމާ ބެހޭ ވުޒާރާތަކުން ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

