މާލޭ ވޯޓާ އެންޑް ސިވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ވީހާވެސް ލުއިފަސޭހަކަމާއެކު ހިދުމަތް ދިނުމުގެ ގޮތުން ކުންފުނީގެ ހޮޓްލައިން ނަންބަރުތަކަށް ހާއްސަ ބަދަލުތަކެއް ގެނެސްފިއެވެ.
އެމް.ޑަބްލިޔު.އެސް.ސީން ހާމަކޮށްފައިވާ ގޮތުގައި، ކުންފުނީގެ ޚިދުމަތްތަކާ ގުޅޭ އެންމެހާ މައުލޫމާތާއި އާންމު އެހީތެރިކަން ހޯއްދެވުމަށް މިހާރު ހާއްސަކޮށްފައިވަނީ ކަސްޓަމަރ ކެއަރ ހޮޓްލައިން 1575 އެވެ.
މި ނަންބަރުގެ ހިދުމަތް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ދަންވަރު 12:00 އަށް ލިބޭނެއެވެ. އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށާއި ފަސޭހައިން ކުންފުނި ދެނެގަތުމަށް ޓަކައި، އެމްޑަބްލިޔުއެސްސީން ކަސްޓަމަރުންނަށް ގުޅާ ވަގުތުތަކުގައި ފޯނު ސްކްރީނުން ފެންނާނީވެސް މި ނަންބަރެވެ.
މި ބަދަލުތަކުގެ ތެރެއިން ކުންފުނީގެ 105 ނަންބަރަކީ ހަމައެކަނި ކުއްލި ހާލަތްތަކުގައި ގުޅުއްވުމަށް ހާއްސަކޮށްފައިވާ އެމަޖެންސީ ހޮޓްލައިން ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ވަނީ ކަނޑައަޅާފައެވެ.
މި އެމަޖެންސީ ނަންބަރުގެ ހިދުމަތް ހަފުތާގެ 7 ދުވަހު، 24 ގަޑިއިރު މެދުކެނޑުމެއް ނެތި ލިބެމުންދާނެއެވެ. ކަސްޓަމަރުންނަށް ދެމުންގެންދާ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި، ވީހާވެސް ގާތުން އަދި ފަސޭހަކަމާއެކު ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ މައިގަނޑު އަމާޒު ކަމަށްވާތީ، ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް މި ނަންބަރުތައް ބޭނުންކުރެއްވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

