މޫސުން ގޯސްވެ، ވިއްސާރަވުމުގެ ސަބަބުން ބުރިޖަށް އުރުނު އުޅަނދުގައި ތިބި ފަޅުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ހާމަކޮށްފިއެވެ.
އެޗްއާރްސީއެމުން ބުނި ގޮތުގައި، އެ އުޅަނދުގައި ބޯފެނާއި ކާބޯތަކެތީގެ އިތުރުން ދިރިއުޅުމަށް ބޭނުންވާ އަސާސީ އެހެނިހެން ތަކެތި ހުސްވެފައިވާ ކަމުގެ ޝަކުވާ ފަޅުވެރިންގެ ފަރާތުން އެ ކޮމިޝަނަށް ލިބިފައިވަނީ ޖުލައި މަހުގެ ތެރޭގައެވެ.
މި ޝަކުވާ ކޮމިޝަނަށް ލިބުމާ ގުޅިގެން، އެ އުޅަނދުގައި ތިބި ފަޅުވެރިންގެ ސިއްހީ ހާލަތާއި ކެއިންބުއިމުގެ ކަންކަން ހުރި ގޮތް ވަރަށް ގާތުން ބަލައި ދެނެގަނެފައިވާ ކަމަށް އެ ކޮމިޝަނުން ފާހަގަކުރެއެވެ.
މީގެއިތުރުން، ފަޅުވެރިންނަށް ބޭނުންވާ އަސާސީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި އެ އުޅަނދުގެ އެޖެންޓާ ގުޅިގެން ކަމަށްވެސް އެޗްއާރްސީއެމުން ވަނީ ބުނެފައެވެ.

