މިދިޔަ ސަރުކާރުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް (ޓީ-ބިލް) ފެސިލިޓީއަށް ދައްކަންޖެހޭ އެންމެ ފަހު 50 މިލިއަން ޑޮލަރު މި ސަރުކާރުން ދެއްކީ އަތުޖެހެން ހުރި ހުރިހާ ޑޮލަރެއް ބޭނުންކޮށްގެން ކަމަށާއި އޭގެ ނަތީޖާއަކީ އިގްތިސާދުން ޑޮލަރު ހުސްވުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ޓީބިލް ދައްކަން ޖެހުނީ މި ސަރުކާރަށް ރޯލްއޯވާރ ނުކުރެވުމުން ކަމަށެވެ. އަދި އެ ފައިސާ ދެއްކީ ”އަތުޖެހެން ހުރި ހުރިހާ ޑޮލަރެއް“ ބޭނުންކޮށްގެން ކަމަށް ވިދާޅުވިއެވެ.
އެކަމުގެ ނަތީޖާއަކީ ރާއްޖޭގެ އިގްތިސާދުގައި ދައުރުވާ ހުރިހާ ޑޮލަރެއް ހުސްވުން ކަމަށާއި އެއީ އަތްޖަހައި ސިޔާސީ ޕޮއިންޓް ހޯދަންވީ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އޭގެ އިތުރުން، މިހާރު ބީއެމްއެލްގައި ވެސް ޑޮލަރެއް ނެތް ކަމަށާއި އާންމުންގެ ޓްރާންސްފާތަކާއި ޓީޓީތައް ވެސް ވަނީ ހުއްޓިފައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަމުން ވިދާޅުވީ، ކުރީ ސަރުކާރުގެ ދަރަނި ރީސްޓްރަކްޗާކޮށް ދިވެހީންނަށް ލުއި ގޮތްތައް ހޯދައިދޭނެ ކަމަށް ކަމަށާއި ނަމަވެސް ރައްޔިތުންނަށް ވީ އަދި ވަނީ ވެސް އިތުރަށް ބުރަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
2019 ވަނަ އަހަރު ނެގި އެ ދަރަނި ދައްކައި ނިންމާފައި ވަނީ މި އަހަރުގެ ތެރޭގައި ތިން ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން، މި އަހަރުގެ ޖެނުއަރީ މަހުގައި 50 މިލިއަން ޑޮލަރު ދައްކާފައިވާއިރު، މެއި މަހުގެ 11 ވަނަ ދުވަހު ވަނީ އިތުރު 50 މިލިއަން ޑޮލަރު ދައްކާފައެވެ. އަދި ބާކީ އޮތް އެންމެ ފަހު 50 މިލިއަން ޑޮލަރު މިއަދު ދެއްކުމާއެކު އެ ލޯނު ވަނީ ދައްކައި ނިމިފައެވެ.
ބާކީ އޮތް 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދިނުމަށް ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރުގައި އެދުނު ނަމަވެސް، ރާއްޖޭގެ ޚާރިޖީ ސިޔާސަތު އިންޑިއާއާ ރަހްމަތްތެރިކޮށް ބައްޓަންކުރަމުން ނުދާތީ، ރޯލްއޯވަރ މަޝްވަރާތަކުގައި އިންޑިއާއިން ވަނީ ނުރުހުން ފާޅުކޮށް، މުއްދަތު އިތުރުނުކޮށްދޭން ނިންމައިފައެވެ.
150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް (ޓީ-ބިލް) ފެސިލިޓީއަށް ދައްކަންޖެހޭ އެންމެ ފަހު 50 މިލިއަން ޑޮލަރުގެ އިންސްޓޯލްމަންޓް ދައްކައި ހަލާސްކުރިކަން އިއުލާނުކުރީ ޕީއެންސީގެ ކޮންގްރެސްގައި ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲއެވެ.

