ކޮވިޑް-19 އާ ގުޅިގެން ޢާންމުންގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ދެނެގަތުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ކޮށްފައިވާ މަސައްކަތުން 30 އެޕްރިލް 2020 ވަނަ ދުވަހާ ހަމައަށް އެއްކުރެވުނު މަޢުލޫމާތުތަކަށް ބަލާއިރު ގިނަ ބައެއްގެ ވަޒީފާ ގެއްލި ގޭގައި ކޯބާތަކެތި ހޯދުމަށް ދަތިވެފައިވާ ކަމަށް އެޗްއާރުސީއެމްއިން ބުނެފިއެވެ.
ކޮވިޑް -19 އާ ގުޅިގެން ޢާންމުންގެ އިންސާނީ ހައްގުތަކުގެ ޙާލަތު ދެނެގަތުމަށް އެޗްއާރުސީއެމްއިން ކޮށްފައިވާ މަސައްކަތުގެ ޚުލާޞާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19 ޕެންޑެމިކްއާ ގުޅިގެން ރައްޔިތުންގެ އަސާސީ ކަންކަން ހަމަޖެހިފައިވާ ގޮތާގުޅޭގޮތުން މަޢުލޫމާތު އެއްކުރުމަށް ސުވާލު ކަރުދާސްތަކެއް އެކުލަވާލެވުނެއެވެ. މިގޮތުން ޢާންމުންނަށާއި މާލެ އަދި އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުން ރަށު ކައުންސިލުތަކަށް އެ ސުވާލު ކަރުދާސް ގޫގުލް ފޯމެއް މެދުވެރިކޮށް މަޢުލޫމާތު ހޯދުމަށް 26 އޭޕްރިލް 2020 ވަނަ ދުވަހު ސަރކިއުލޭޓްކުރެވިފައި ވެއެވެ.
20 އޭޕްރިލް 2020 ވަނަ ދުވަހާ ހަމައަށް ޢާންމުންގެ ތެރެއިން ޖުމްލަ 1091 މީހުން މި ފޯމް ފުރިހަމަކޮށްފައިވެއެވެ. އަދި ރަށު ކައުންސިލުތަކުގެ ތެރެއިން މަޢުލޫމާތު ޙިއްޞާކޮށްފައި ވަނީ 33 ކައުންސިލަކުންނެވެ.
އެޗްއާރުސީއެމްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19 ޕެންޑެމިކްއާ ގުޅިގެން އަދާ ކުރަމުންދާ ވަޒީފާއާއަށް އަސަރެއްކޮށްފައިވާ %53 މީހުން ތިބިއިރު ލިބެމުންދާ މުސާރަ އަދި ޢިނާޔަތަށް ބަދަލެއް އައި %42 މީހުން ތިބިއިރު މީގެތެރެއިން %88 ކާބޯތަކެތި ހޯދުމަށް ދަތިވެފައިވާކަމަށް އެޗްއާރުސީއެމްގެ ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި މިވަގުތު ބޭނުންވާ ވަރަށް ކާބޯތަކެތި ގޭގައި ނެތްކަން ކޮމިޝަނަށް މަޢުލޫމާތު ޙިއްޞާކުރި %26 މީހުން ފާހަގަކޮށްފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި ރަށުގައި އެކަށީގެންވާ ވަރަށް ކާބޯތަކެތި ނެތްކަމަށް 6 ކައުންސިލަކުން ފާހަގަކޮށްފައިވާ ކަމަށް އެޗްއާރުސީއެމްގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
ކޮވިޑް 19 އާއި ގުޅިގެން އެޗްއާރުސީއެމްއިން ތައްޔާރުކުރި ރިޕޮޓުގައިބުނެފައިވާގޮތުގައި މާލެ ސަރަޙައްދުގައި ދިރިއުޅޭ %49 މީހުންނާއި އަތޮޅުތަކުގައި ދިރިއުޅޭ %38 މީހުންނަށް ކާބޯތަކެތި ލިބުމުގައި ދަތިތަކާ ދިމާވާއިރު، މާލެ ސަރަޙައްދުގައި ދިރިއުޅޭ %16 މީހުންނާއި އަތޮޅުތަކުގައި ދިރިއުޅޭ %12 މީހުންނަށް ކާބޯތަކެތި ނުލިބޭކަން ވަނީ ފާހަގަ ކޮށްފައެވެ.
ވަކިން ޚާއްޞަ ކޮށް %14 މީހުންނަށް ކާޑުގެ ބާވަތްތައް ޖުމްލަ ގޮތެއްގައި ހޯދުމަށް މިވަގުތު ދަތިވެފައިވާކަން ފާހަކޮށްފައިވެއެވެ. ހަމައެހެންމެ، މާލެ ސަރަޙައްދުގައި ދިރިއުޅޭ %49 މީހުންނާއި އަތޮޅުތަކުގައި ދިރިއުޅޭ 36 %މީހުންނަށް ތަރުކާރީއާއި މޭވާ ހޯދުމަށް ދަތިވެފައިވާކަމަށް ކޮމިޝަނަށް މަޢުލޫމާތު ޙިއްޞާކުރި މީހުން ފާހަގަކޮށްފައިވެއެވެ. އެއް މަސްދުވަހުގެ ކާބޯތަކެތި ރައްކާކުރެވިފައި ރަށުގައި ނުވާކަމަށް ދެބައިކުޅަ އެއްބައި ކައުންސިލު ތަކުން ފާހަގަކޮށްފައިވެއެވެ. އަދި މިޙާލަތުގައި ކާބޯތަކެތި ލިބުން ދަތިކަމަށް 3 ކައުންސިލަކުން ފާހަގަކޮށްފައިވެއެވެ.
އެޗްއާރުސީއެމްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މަޢުލޫމާތު ޙިއްޞާކުރި %84 މީހުން ޤަބޫލުކުރާ ގޮތުގައި މި ޙާލަތުގައި ކާބޯތަކެތީގެ އަގު ވަނީ އުފުލިފައެވެ. މީގެ ތެރެއިން %58 މީހުން ޤަބޫލުކުރާ ގޮތުގައި ކާބޯތަކެތީގެ އަގު އުފުލިފައިވަނީ ދައުލަތުން ކާބޯތަކެއްޗަށް ކަނޑައަޅާފައިވާ އަގަށްވުރެ މަތިންނެވެ. ކާބޯތަކެތީގެ އަގު އުފުލިފައިވާކަމަށް 6 ކައުންސިލަކުން ފާހަގަކޮށްފައިވެއެވެ.

