މިހާރު މާލޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާ ގެއްލި އަދި އާންމޔދަނީ ދަށްވުމުގެ ސަބަބުން ކުލި ދެއްކޭނެ ފަދަ ގޮތެއް ނެތް ގިނަ ބަޔަކު މާލޭގައި ތިބަކަން ހިޔުމަ ރައިޓސް ކޮމިޝަން އޮފް ދި މޯލްޑިވްސް އެޗްއާރުސީއެމްއިން ގާމަކޮށްފިއެވެ.
ކޮވިޑް19 އާއި ގުޅިގެން ޢާންމުންގެ އިންސާނީ ހައްގުތަކުގެ ޙާލަތު ދެނެގަތުމަށް އެޗްއާރުސީއެމްއިން ކޮށްފައިވާ މަސައްކަތުގެ ޚުލާޞާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކޮމިޝަނަށް މައުލޫމާތު ފޯރުކޮށްދީފައިވާ ފަރާތްތަކުގެ ތެރެއިން %44 މީހުން ކުއްޔަށް ދިރިއުޅެމުންދާއިރު %30 މީހުން ލިބެމުން ދިޔަ އާމްދަނީ ދަށްވުމުގެ ސަބަބުން ކުލި ދެއްކުމަށް ދަތިވާކަމަށް ފާހަގަކޮށްފައިވެއެވެ. އަދި %17 މީހުން އާމްދަނީ ދަށްވުމުގެ ސަބަބުން ކުލިދެއްކޭނެ ގޮތެއް ނެތިފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.
މިޙާލަތާއި ގުޅިގެން ގޭގެކުލި ކުޑަކޮށްދެވިފައިވާކަމަށް %12 މީހުން ބަޔާންކޮށްފައިވާއިރު %42 މީހުންގެ ދިރިއުޅުމުގެ ހާލަތަށް ބަދަލެއް އައިސްފައިނުވާކަމަށް އެޗްއާރުސީއެމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މައުލޫމާތު ފޯރުކޮށްދީފައިވާ ފަރާތްތަކުގެ ތެރެއިން %2 މީހުންނަކީ ކުލި ދެއްކޭނެ ގޮތެއް ނެތުމުން ދިރިއުޅޭތަނުން ނެރެލާނެކަމަށް ގޭގެ ވެރިފަރާތުން އަންގާފައިވާ ފަރާތްތެކެވެ. އަދި %1 މީހުންނަކީ ކުލިދެއްކޭނެ ގޮތެއް ނެތުމުން ދިރިއުޅެމުން ދިޔަ ތަނުން ނެރެލާފައިވާ ފަރާތްތަކެވެ. މީގެ އިތުރުން %7.0 މީހުން ދިރިއުޅެމުންދަނީ ވަގުތީ ހިޔާގައިކަން ފާހަގަވެފައިވެއެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކުއްޔަށް އުޅޭ ފަރާތްތަކަށް ކުލި ދައްކަން ދަތިތަކާ ކުރިމަތިވާކަމަށް ފާހަގަވެއެވެ. ކުލި ދެއްކޭނެ ގޮތެއް ނެތުމުގެ ސަބަބުން ދިރިއުޅޭތަނުން ނެރެލާނެކަމަށް ގޭގެ ވެރިފަރާތުން އަންގާފައިވާކަމަށާއި އަދި ކުލިދެއްކޭނެ ގޮތެއް ނެތުމުގެ ސަބަބުން ދިރިއުޅެމުންދިޔަ ތަނުން ނެރެލާފައިވާކަމަށް ރިޕޯޓުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

