ކަނޑައަޅާފައިވާ އުސޫލާއި ޚިލާފަށް، ށ.އަތޮޅު ފުނަދޫން ފުރި 2 މީހުން ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ބުނީ، ށ.ފުނަދޫގެ ކޮވިޑް-19 އިގެ ޓާސްކް ފޯހުގެ އެއްވެސް ހުއްދައެއްނެތި ހުކުރުވިކޭރޭގެ ވަގުތެއްގައި އެ ރަށުން ފުރި 2 ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެހެން ނަމަވެސް، އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ، ކޮން ރަށަކުންކަމެއް، ނުވަތަ ކިހާ ހިސާބަކުންކަމެއް ފުުލުހުން އަދި ހާމައެއްނުކުރެއެވެ.
ކޮރޯނާ ވައިރަހާއި ގުޅިގެން، އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މާލޭސިޓީއާއި، ރާއްޖޭގެ އެކި ހިސާބުތަކުން ބައެއް ރަށްރަށަށް އަރައިފޭބުންވަނީ މަނާކޮށްފައެވެ. މީގެ އިތުރުން ބައެއް ރަށްރަށް ލޮކްޑައުންގެ ހާލަތަށް ގެނެސްފައިވެއެވެ. އޭގެތެރެއިން ލޮކްޑައުންކުރި ބައެއް ރަށްތައް މިހާރު ވަނީ ލޮކްޑައުންގެ ހާލަތުން ނަގާފައެވެ.
މި ގޮތުން، 16 އޭޕްރީލްގައި ށ.ފުނަދޫ ލޮކްޑައުންކޮށްފައިވާއިރު، ބުރާސްފަތި ދުވަހު، އެ ރަށް ވަނީ އެ ހާލަތުން ނަގާފައެވެ. ނަމަވެސް، އެ ރަށު ކައުންސިލުން ހާމަކުރިގޮތުގައި، ޒަރޫރީ ބޭނުމެއްގައި މެނުވީ، ރޭގަނޑު 11:00 އިން ފެށިގެން ހެނދުނު 6:00 ބޭރަށް ނިކުމެ އުޅުމަކީ މަނާކަމެކެވެ.

