ގައުމުގައި ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ނުދާކަމަށް ބުނުމުން، އެކަމް ގަބޫލު ކުރާ ބަޔަކު ނެތްކަމަށާއި މަޝްރޫއުތައް ބާރުމިނެއްގައި ކުރިއަށްދާކަން އެނގޭނީ ހޯދާ ބެލުމުންކަމަށް ޕީއެންސީގެ ޗެއާޕާސަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ޕީއެންސީގެ މަތީ މަޖިލިސް ކޮންގްރެސް ނިންމާލުން ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން އަބްދުއްރަހީމް ވިދާޅުވީ، ގައުމުގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ މަސައްކަތްތައް ހުއްޓުމެއްނެތް ގޮތެއްގައި ކުރިއަށްދާ ކަމަށެވެ. އަދި މިފަދަ ކަންކަން ހިނގާކަން އެނގޭނީ ހޯދާ ބެލުމުން ކަމަށާއި، ހޯދައިފި ނަމަ އެކަންކަން ފެންނަން ހުންނާނެކަމަށް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ، ސިޓިން ރޫމްގައި ތިއްބަސް ކަންކަން ނުވާނެކަމަށާއި، ގޭގައި ސިޓިން ރޫމްގައި ތިބޭނަމަ ގައުމުގައި ހިނގާ ތަރައްގީގެ އެއްވެސް މަޝްރޫއުއެއް ނުފެންނާނެ ކަމަށެވެ. އަދި ގައުމުގައި ހިނގަމުންދާ ކަންކަން ބައެއް ފަރާތްތަކަށް ނުފެންނަނީ އަދި އޮޅުންނުފިލަނީ ހަގީގަތުގައި ވެސް އެކަންކަން ބަލަން ބޭނުން ނުވާތީ އާއި އެނގެން ބޭނުން ނުވާތީކަމަށް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ، ރާއްޖޭގެ އެކި އަތޮޅުތަކާއި ރަށްތަކަށް ބަލައިލުމުން ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކުގެ ބޮޑުމިނާއި ހަލުވިކަން ފެންނާނެ ކަމަށެވެ. ނަމަވެސް، ކަންކަން ބެލުމުގެ ޝައުގުވެރިކަމެއް ނެތި، ހަމައެކަނި ފާޑުކިޔުމުގެ ބޭނުމުގައި ވާހަކަދައްކާ ފަރާތްތަކަށް ގައުމުގެ ހަގީގީ ތަރައްގީ ނުފެންނާނެ ކަމަށް ވިދާޅުވި އެވެ.

