ދިވެހިރާއްޖޭގައި އިސްލާމްދީނާ އިދިކޮޅު ފަނާކުރަނިވި ފިކުރުތައް ފެތުރެން ފެށުމުން، ދީނުގެ ދިފާއުގައި ދިވެހި ރައްޔިތުން އެއްވި އެއްވުމުގެ މަތިން ހަނދާން ނައްތާނުލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ/
އެމަނިކުފާނު މިހެން ވިދާޅުވީ ސޯޝަލް ސެންޓަރުގައި ކުރިޔަށް ދާ ޕީއެންސީގެ މަތީ މަޖިލިސް ކޮންގްރެސް ނިންމާލުން ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ރައީސް މުއިއްޒު ވިދާޅުވީ، 23 ޑިސެމްބަރު 2011 ގައި ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ބޮޑު އެއްވުން ރައްޔިތުން ބޭއްވީ މާތްވެގެންވާ އިސްލާމްދީނުގެ ދިފާއުގައި ކަމަށެވެ. އެދުވަހު ރައްޔިތުންނަށް ނުކުންނަން ޖެހުނީ ގައުމުގައި އިސްލާމްދީނާ އިދިކޮޅު ކަންތައްތަކެއް ފެތުރި، ގައުމުގެ އަސްލުތައް ގެއްލިގެންދާ ފަދަ ހާލަތަކަށް ކަންކަން ދިއުމުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، އޭރު ގައުމުގައި ޒުވާނުންނަށް މަސްތުވާތަކެއްޗާއި ހަލާކުގެ މަގުތައް ދައްކައި، އެއްވެސް ހަމައެއްލަމައެއް ނެތި އުޅުމަށް ބާރުއަޅަމުން ދިޔައެވެ. ނަމަވެސް، ﷲ ސުބުޙާނަހޫ ވަތައާލާ އިންސާނުންނަށް ދެއްވާފައިވާ އެންމެ ބޮޑު ނިއުމަތަކީ ބުއްދި ކަމަށްވާއިރު، އެ ބުއްދީގެ ބޭނުންކޮށްގެން ދިވެހި ރައްޔިތުން އެދުވަހު ނުކުމެ ދީން ހިމާޔަތްކުރިކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، ރައީސް ވިދާޅުވީ އެމަނިކުފާނާއި ޕީއެންސީގެ މައިގަނޑު ފަލްސަފާއަކީ އަދި ހުރިހާ ސިޔާސަތެއްގެ އަސާސަކީ މާތްވެގެންވާ އިސްލާމްދީން ކަމަށެވެ. ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ބޭއްވުމަކީ އެމަނިކުފާނުގެ ސިޔާސަތުތައް ބިނާވެފައިވާ އަސާސް ކަމަށާއި، ސިޔާސީ އެކި ފިކުރުތަކުގެ ތެރެއިން ކަންކަން ނިންމާއިރުވެސް އެންމެ އިސްކަމެއް ދޭންޖެހޭނީ އިސްލާމީ އުސޫލުތަކަށްކަމަށް ރައީސް ވިދާޅުވި އެވެ.

