މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ރައްޔިތުންގެ މަޖިލީޙުން ފާސްކުރާ އާންމު ގާނޫނަކުން ނުދެންމޭނެ ކަމަށާއި އެކަން ކުރެވޭނީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ކަމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިފްޢަތު ވިދާޅުވެއްޖެއެވެ.
މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށާފައި މިވަނީ ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ ކައުންސިލް އިންތިހާބު މުއްދަތެއް ނެތްގޮތަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ފަސްކުރުމާއި ގުޅިގެންނެވެ.
މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމް ވެސް ފުރައްވަމުން ގެންދަވާ ހެންވޭރު ހުޅަނދު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި ލާމަރުކަޒީ ނިޒާމް ހިންގުން ކަށްވަރު ކުރުމުގެ ހާއްސަ ބިލް ދިރާސާކުރާ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށް ބަންޑާރަނައިބް އިބްރާހިމް ރިފްޢަތު ފޮނުއްވި ގާނޫނީ ލަފާގައި ވިދާޅުވީ މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ހަމަވުމަށް ފަހު އެ ކައުންސިލްތަކުގެ ދައުރު ދިގު ދެންމޭނީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެން ކަމަށާއި އެ ނޫން ގޮތަކަށް މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ނުދެންމޭނެ ކަމަށް ބަންޑާރަނައިބް ލާމަރުކަޒީ ކޮމެޓީއަށް ފޮނުއްވި ގާނޫނީ ލަފާގައި ވަނީ ވިދާޅުވެފައެވެ.
ބަންޑާރަނައިބް ވިދާޅުވެފައިވާ ގޮތުގައި ކައުންސިލްތަކުގެ ދައުރު ހަމަވެއްޖެނަމަ އަމަލުކުރާނެ ގޮތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާ ކަމަށާއި އެހެން ކަމުން އަންނަ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ކުރިން ގާނޫނުއަސީއަށް އިސްލާހު ގެނެސް އައު ކައުންސިލްތައް އިންތިހާބު ކުރެވެންދެން މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ޖެހޭނެ ކަމަށާއި އެކަމަކީ މަޖިލީހުން ފާސްކުޜާ އާންމު ގާނޫނަކުން ކުރެވޭނެ ކަމެއް ނޫން ކަމަށް ރިފްޢަތު ފޮނުއްވި ގާނޫނީ ލަފާގައި ވަނީ ވިދާޅުވެފައެވެ.
ބަންޑާރަނައިބް ވިދާޅުވީ ކައުންސިލްއިންތިހާބު ފަސްކުރުމުގެ ހާއްސަ ބިލެއް ސަރުކާރުން މަޖިލީހަށް ފޮނުވިއިރު އެ ބިލާއި އެކު މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދެންމުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން ފޮނުވީ ވެސް އާންމު ގާނޫނަކުން މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ނުދެންމޭނެތީ ކަމަށާއި އެހެން ކަމުން ކައުންސިލްތައް ގާނޫނީ ހުސްކަމެއްގެ ތެރެއަސް ދިއުމުގެ ކުރިން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ފޮނުވާފައިވާ ބިލްގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.
ކައުންސިލް އިންތިހާބު ފަސްކުރުމުގެ ހާއްސަ ބިލާއިއެކު ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން މަޖިލީހަށް ފޮނުވި ނަމަވެސް އެ ބިލްގެ މަސައްކަތް މަޖިލީޙުން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އަދި އެ ބިލް މަޖިލީޙުގެ އެޖެންޑާއަށް ގެނައި ނަމަވެސް ފަހުން އެ ބިލް މަޖިލީޙުގެ އެޖެންޑާއިން ވަނީ ނަގާފައެވެ. އަދި މިވަގުތަކީ ގާނޫނުއަސާސީއަށް އިސްލާހު ގެނެވޭނެ ވަގުތެއް ނޫން ކަމަށް މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ބިލް ކުރިއަށް ނުގެންދަން ވަނީ ނިންމަވާފައެވެ.

