ހައުސިން، ކޮންސްޓްރަކްޝަން މިނިސްޓްރީގައި ހުރި ރަސްމީ ލިޔެކިޔުންތަކެއް އަޅާފައިވާ ލޮކަރުތަކެއް އުސޫލުން ބޭރުން ހުޅުވާފައި ހުރި މައްސަލައެއް ފާހަގަވެ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
މައްސަލައިގައި އާންމު ކުރި ބަޔާނެއްގައި ފުލުހުން ބުނީ، އެ މިނިސްޓްރީގައި ހުރި ރަސްމީ ލިޔެކިޔުންތަކެއް އަޅާފައިވާ ލޮކަރުތަކެއް އުސޫލުން ބޭރުން ހުޅުވާފައި ހުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓާ ގުޅިގެން 2024 ސެޕްޓެމްބަރު 25 ވީ ބުދަ ދުވަހުގެ ރޭ 19:18 ހާއިރު ފުލުހުން ވަނީ އެ މިނިސްޓްރީއަށް ހާޒިރުވެ ތަން ބަލައި ފާސްކޮށްފަ އެވެ.
ފުލުހުން އިތުރަށް ބުނި ގޮތުގައި، ފުލުހުންގެ ހާޒިރުގައި މިނިސްޓްރީގެ މުވައްޒަފުން އެ ލޮކަރުތަކުގައި ހުރި ލިޔެކިޔުންތައް ބަލައި ވަނީ ޗެކްކޮށްފަ އެވެ. އަދި ބެލި ބެލުމުން އެއްވެސް ލިޔުމެއް ނުވަތަ އެހެން އެއްޗެއް ވެސް މަދުވެފައި ނުވާކަމަށް ބުންޏެވެ.
އެ ލޮކަރުތަކުގައި ހުރީ ސީދާ ކޮން ލިޔެކިޔުންތަކެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަދި މި މައްސަލައާ ގުޅިގެން މިނިސްޓްރީގެ ބަހެއް ވެސް މިހާތަނަށް މީޑިއާތަކަށް ލިބިފައެއް ނުވެއެވެ.
ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ”ރަސްމާލެ“ މަޝްރޫއާ ގުޅޭ މުހިންމު ލިޔެކިޔުންތަކެއް ގެއްލިގެން ފުލުހުންގެ ފޮރެންސިކް ޓީމަކުން އެ މިނިސްޓްރީއަށް ވަދެ ތަހުގީގެއް ފެށި ކަމަށް ބައެއް މީޑިއާތަކުން އިއްޔެ ވަނީ ރިޕޯޓުކޮށްފައެވެ.
މިފަދަ މައްސަލައެއް ފެންމަތިވެފައި މިވަނީ، ރަސްމާލޭގެ މަޝްރޫއުގެ މިހާރުގެ ޕްލޭނާ މެދު އާންމުންގެ މެދުގައި ބޮޑެތި ބަހުސްތަކަކާއި ސުވާލުތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެއީ ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓެއް ތަރައްގީކުރުމަށް އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ ”އީގަލް ހިލްސް“ އާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމެއް ގާއިމުކޮށްފައި ވާތީއެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށެވެ.

