ރާއްޖެއަށް ދިމާވެފައިވާ ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން ”ކޮވިޑް-19 އިގެ އެހީތެރިކަމުގެބިލު“ ގެ ނަމުގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މަޖިލީހަށް ހުށައެޅި ބިލު ބަލައިނުގަނެ އިސްލާހު ކުރަން އެންގުމުން އިސްލާހުތަކާއެކު އަލުން ހުށައަޅައިފި އެވެ.
އިގްތިސާދު ދަށްވެ މާލީ ހާލަތު ގޯސްވަމުންދިއުމާއި ގުޅިގެން މިދިއަ އަންގާރަ ދުވަހުގެ ޖަލްސާއަށް ސައީދު ހުށައެޅި ބިލު ބަލައިނުގަނެ އިސްލާހު ކުރަން އެންގީ އެބިލުގައި ދައުލަތުގެ މާލިއްޔަތަށް އަސަރުކުރާ ފަދަ މާއްދާތަކެއް ހުރުމުން ކަމަށް ބުނެއެވެ.
ސައީދު ހުށަހެޅުއްވި ބިލުގައި މި ހާލަތު ކުރި ނުދެއްކުނަސް ދިރިއުޅޭތަނުން ނުނެރޭނެ ފަދަ ކަންކަމާއި ކޮންމެ ދިވެއްސެއްގެ ޕެންޝަން ފަންޑަށް ޖަމާ ކޮށްފައިވާ ފައިސާއިން ވަކި ވަރެއް ނެގޭނެ ގޮތްތަކާއި ވިޔަފާރިތަކުން ނަގާ ޓެކްހާއި ސަރުކާރުން ދޫކޮށްފައިވާ ފްލެޓްތަކުގެ ކުއްޔާއި، ސްޓޫޑަންޓް ލޯނާއި ޓޫރިޒަމް ސިނާއަތަށް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތާއި ގުޅުން ހުރިކަންކަން ހިމަނާފައިވެއެވެ.
އަންގާރަ ދުވަހުގެ ޖަލްސާގައި ސައީދު ހުށަހެޅުއްވި ބިލު އެޖެންޑާ ކުރުމުގެ ބަދަލު މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ މާލިއްޔަތަށް އަސަރުކުރާ ފަދަ މާއްދާތަކެއް ހުރުމުން، އެކަން އިސްލާހުކުރުމަށްފަހު އަލުން ބިލު ހުށަހަޅުއްވުމަށެވެ.
ސައީދުގެ ބިލު މަޖިލީހަށް ހުށަނޭޅުނީ 19 ވަނަ މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮވެ، މަޖިލީހުގެ ޤަވައިދަށް ގެނެސްފައިވާ އިސްލާހުތަކުގެ ސަބަބުންނެވެ. އެގޮތުން ސަރުކާރުގެ އާމްދަނީ އާއި ހަރަދާއި ފައިސާއާ ގުޅުން ހުރި މައްސަލަތަކާއި ބިލުތައް މަޖިލީހަށް ހުށަހެޅޭނީ ސަރުކާރުގެ ފަރާތުން އެކަންޏެވެ. އެ ގޮތަށް ހުށަހަޅާނީ ސަރުކާރު ހިންގާ ޕާޓީގެ މެންބަރެއް މެދުވެރިކޮށެވެ.
ރިޔާސަތުން އެހެން ވިދާޅުވުމުން، އޭގެ ރައްދުގައި ސައީދު ވިދާޅުވީ އެ ބިލަކީ، ދައުލަތުން ފައިސާއަށް ސީދާ އަސަރެއް ނުކުރާ ގޮތަށް، ދައުލަތުގެ އެހެން ބާރުތަކުގެ ތެރެއަށް ކުރިން ރައްކާކުރެވިފައި ހުރި ފައިސާއެއް އޭގެ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމެއް ކަމަށެވެ.
ސައީދު ވިދާޅުވީ ބިލް ހުށަހަޅާފައިވަނީ ވަނީ ދައުލަތުގެ ބަޖެޓަށް ސީދާ އަސަރެއް ނުކޮށް، މަސްވެރިންނާއި ދަނޑުވެރިންނާއި އެހެނިހެން ސިނާއަތްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ފައިދާތަކެއް ވާނެ ގޮތަށް ކަމަށެވެ. އަދި މިހާރު ދިމާވެފައި މިވަނީ ހާއްސަ ހާލަތެއް ކަމަށާއި މިއީ މަޖިލީހުގެ ގަވާއިދު އެބުނާ ހާލަތު ނޫން ކަމުން ބިލްގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ބިލު ބަލައިނުގަތުމުން ސައީދުވަނީ އެ ބިލު އިސްލާހު ކުރުމަށް އަލުން މަޖިލީހަށް ފޮނުވާފައެވެ. އަދި ބިލު ފޮނުވާފައިވަނީ މިއަދު އެވެ.
ދައުލަތުގެ އެކިއެކި އިދާރާތަކުން ދޫކޮށްފައިވާ ވިޔަފާރި ބިންތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ 50 ޕަސެންޓު ހަ މަސް ދުވަހަށް މައާފުކޮށްދިނުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ. އަދި ފަރުދުންނާއި ވިޔަފާރިތަކުން، މޯލްޑިވްސް އިންލެންޑް އޮތޯރިޓީއަށް، ހުށަހަޅަންޖެހޭ ޓެކްސްއާއި އެންމެހާ ރިޕޯޓެއް ވަކި މުއްދަތަކަށް ފަސްކުރުމާއި ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުން ފަސްކުރުމަށާއި، ދައުލަތުގެ އިދާރާތަކާއި ކުންފުނިތައް މެދުވެރިކޮށް، ދިވެހި މަސްވެރިންނަށް ފައިދާއަކާއި ނުލައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމް ދައުލަތުން ހަމަޖައްސުން ފަދަ ކަންކަން ވެސް ބިލުގައި ހިމެނާފައިވެއެވެ.

