ނައިބު ރައީސް ފައިސަލް ނަސީމް، އައްޑޫ ސިޓީގެ ރައްޔިތުން މަޖިލީހުގެ 07 މެންބަރުންގެ އަރިހުން، އެ ބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ ދާއިރާގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް އޮޅުންފިލުއްވައިފިއެވެ.
ނައިބު ރައީސް މި ކަން އޮޅުންފިލުއްވާފައިވަނީ، ކޮރޯނާ ވައިރަހާއި ގުޅިގެން، އައްޑޫ ސިޓީއަށް ކުރިމަތިވެފައިވާ ދަތިތަކާއި، އެ ސިޓީގެ ހޮސްޕިޓަލަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތައް، ހައްލުކުރުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން، އެ ސިޓީގެ ރައްޔިތުން މަޖިލީހުގެ 7 މެންބަރުންނާއި، ހޮސްޕިޓަލުގެ އިސްވެރިންނާއި އެއްކޮށް ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.
މި ގޮތުން އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި އައްޑޫސިޓީގެ ހުރިހައި، މެންބަރުންވެސް ވަނީ ވީއެންމެ އަވަހަކަށް ކޮރޯނާ ވައިރަހަށް ޓެސްޓްކުރެވޭނެ ނިޒާމު ގާއިމުކޮށްދެއްވުގާއިމުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން، އެ ބޭފުޅުންގެ ދާއިރާތަކުގެ ރައްޔިތުންގެ ތެރެއިން، މި ވަގުތު މާލެއިން ނުވަތަ ރާއްޖެއިން ބޭރަށް ފަރުވާހޯދަން ދިއުމަށް ބޭނުންވާ މީހުންނާއިމެދު އަމަލުކުރާނެ އުސޫލުތަކާބެހޭގޮތުން ވެސް، މަޝްވަރާކުރައްވާފައެވެ.
އަދި އެ ސިޓީގެ ރަށްރަށަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުމަށް، ލުއި ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ގޮތުން، އައްޑޫ ސިޓީގައި ގާއިމުކޮށްގާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީސްގެ ސެކިއުރިޓީގެ ކަންކަން އހަރުދަނާކުރުމަށް އިތުރަށް އެޅެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން ވެސް، މަޝްވަރާކުރެއްވިއެވެ.
މި ވާހަކަތައް އަޑުއެއްސެވުމަށް ފަހު، ނައިބު ރައީސް ވިދާޅުވީ، ސަރުކާރުން އެ ކަންކަން ބައްލަވަމުން ގެންދަވާނެކަމަށާއި، އެން.އީ.އޯ.ސީ މެދުވެރިކޮށް އައްޑޫ ސިޓީއަށް ފޮނުވަން ބޭނުންވާ ތަކެތި ފޮނުވޭނެ އިންތިޒާމުތައް ގާއިމުވެގެންދާނެކަމަށެވެ.
އޮންލައިންކޮށް ބޭއްވި މި ބައްދަލުވުމުގައި ސިއްހީ ދާއިރާގެ މަޢުލޫމާތު ދެއްވުމަށް، ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވެސް ވަނީ، ބައިވެރިވެވަޑައިގެންފައެވެ.
މި ގޮތުން، މިނިސްޓަރ އަމީން ވިދާޅުވީ، ކޮރޯނާ ވައިރަހާއި ގުޅިގެން ރަށްރަށަށް ބޭނުންވާ ހުރިހައި މެޑިކަލް ސާމާނު ފޯރުކޮށްދެވިފައިވާކަމަށެވެ.
މީގެ އިތުރުން، މިނިސްޓަރ އަމީން ވަނީ، އައްޑޫ ސިޓީއާއި، ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް، ކޮރޯނާ ވައިރަހަށް ޓެސްޓު ހެދުމަށް ބޭނުންވާ ވަސީލަތްތައް، ސަރުކާރުން އެ ތަންތަނަށް ފޯރުކޮށްދިނުމުގައި ކުރިމަތިވަމުން އަންނަ ގޮންޖެހުންތައް، ވަރަށް ތަފުޞީލުކޮށް ވިދާޅުވެފައެވެ.
އަދި މި ކަންކަން ވީހާވެސް އަވަހަކަށް ހައްލުކުރުމަށް މަސައްކަތްކުރަމުންދާނެކަމުގައި އަމީން ވިދާޅުވިއެވެ.
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން އިތުރަށް ވިދާޅުވީ، މި ހާލަތުގައި އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާކަމަށެވެ.
މި ގޮތަށް، އޮންލައިންކޮށް ޑޮކްޓަރުންނަށާއި ނަރުހުންނަށް، މިހާރު ވެސް ތަމްރީނު ދެއްވަމުން ގެންދަވާކަމަށް އަމީން ވިދާޅުވިއެވެ.
އަދި އެއްވެސް ބޭފުޅަކު އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންފުޅުވާނަމަ، އެންޑީއެމްއޭއާއި ގުޅިގެން، އެ އެހީތެރިކަން ފޯރުކޮށްދެވޭނެގޮތް އިންތިޒާމުކުރައްވާފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.
މި ބައްދަލުވުން ނިންމަވައިލައްވަމުން ނައިބު ރައީސް ވަނީ ހުރިހައި ބޭފުޅުން ވެސް ގުޅިގެން މަސައްކަތްކުރެއްވުމަށް އެދިވަޑައިގަންނަވާފައެވެ.
މީގެ އިތުރުން، އައްޑޫ ސިޓީގެ ހޮސްޕިޓަލަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށްޓަކައި، ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން މަސައްކަތްޕުޅު ކޮށްދެއްވާނެކަމަށް ވެސް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

