މާލޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ފެތުރުމަކީ ވަރަށް އެކަށީގެންވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވެފައި، ރަށްރަށް ދުރުގައި އޮތް ނަމަވެސް، މާލެއިން އަތޮޅުތަކުގެ އެހެން ރަށްރަށަށް މީހުންދާ ކަމަށްވާނަމަ ބަލި ފެތުރުމުގެ ފުރުސަތު އޮތް ކަމަށެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަށްތަކުގެ މެދުގައި މުދަލާއި މީހުން އުފުލުމާއި ދަތުރު ފަތުރު ކުރުމަކީ އަބަދުވެސް ކުރިއަށް ދާ ކަމެއް ކަމަށާއި އަތޮޅުތެރޭގެ ރަށް ރަށުގައި ދިރިއުޅޭ މީހުން އަބުރާ ރަށަށް ދިޔުން އެޗްޕީއޭ އިން މަނާކޮށްފައި އޮތީ ރަށްރަށުގައި ބަލި ފެތުރޭނެތީ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ކޮވިޑް-19 އާއި ދުނިޔެ ކުރިމަތިލީއިރު މި ރޯގާ ރާއްޖެ އަންނާނެ ވާހަކަ ވިދާޅުވި ކަމަށާއި މިއަދުވެސް މި ރޯގާ ރާއްޖޭގެ ހުރިހާ ރަށަކަށް ފެތުރުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ދަންވަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މާލެ ލޮކްޑައުން ކުރުމާ ގުޅިގެން، ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި ރަށްރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް އެމަނިކުފާނަށް އެނގިވަޑައިގެންފައިވާ ކަމަށެވެ.
އެޗްޕީއޭގެ ވިސްނުމަކީ، ބަލި ފެތުރިފައިވާ މުޖުތަމައުއެއްގައި ތިބި ބަޔަކު ރަށްރަށަށް ގޮސްފި ނަމަ އެރަށްރަށަށް ފެތުރިގެން ހިނގައިދާނެ ވިސްނުމެއް ކަމަށާއި ރަށްރަށަށް މީހުން ދިއުން މަނާކޮށްފައިވަނީ އެހެންވެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ކޮންމެ ރަށެއްގައި ކޮވިޑް-19 އިން ސަލާމަތްވެވޭނެ ގޮތްތަކާއި ސަލާމަތީ ފިޔަވަޅުތަކަށް ތައްޔާރުވެ ތިބުމަކީ ބުއްދިވެރިކަމެކެވެ.
”އަޅުގަނޑަށް ދަންނަވަން ޖެހެނީ މި ރޯގާ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފެތުރުމަކީ ވަރަށް އެކަށީގެންވާ ކަމެކޭ، ރާއްޖޭގެ އެއް ރަށާ އަނެއް ރަށާ އެއީ ދުރުދުގައި ތިބޭ ތަނެއް ކަމަށް ވަކިވަކިން އޮތް ތަންތަން ކަމަށް ބައެއް ބޭފުޅުންނަށް ހީފުޅުވިޔަސް ވެސް މި ދިވެހިރާއްޖެ އެއް ގައުމެއްގެ ގޮތުގައި ތުރާކުނުން ފެށިގެން އައްޑޫ މުއްޔާ ހަމައަށް މިއޮތީ ވަރަށް ދަތުރުކުރާތީ، އެއް ތަނުން އަނެއް ތަނަށް މީހުން ގޮސް އުޅޭތީވެ. އެހެންވީމަ އެއް ތަނެއްގައި ހުރި އެއްޗެއް އަބަދުވެސް އަނެއް ތަނަކަށް ފެތުރިގެން ދޭ“ ނަޝީދު ވިދާޅުވިއެވެ.
ހޯމަ ދުވަހު ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މާލޭން ރާއްޖޭގެ އެކި ރަށްރަށަށް ދިޔުމަށް ފަސްހާހެއްހާ މީހުން އެދިފައިވާ ކަމަށެވެ. މާލޭގައި މި ބަލި މިހާބޮޑަށް ފެތުރުރިފައިވަނިކޮށް މިދަނޑު ވަޅުގައި މާލޭ ދޫކޮށް ރަށްރަށަށް ދިޔުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް އަލީ ވަހީދުވެސް ވިދާޅުވެފައިވެއެވެ.
ރައްކާތެރިކަމުގައި ނުވިޔަސް ޒަރޫރީ ޙާލަތްތަކާއި އެނޫންވެސް ކަންކަމާއި ގުޅިގެން ރަށަށްދާން ބޭނުންވާ މީހުން ފޮނުވުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އެކަމަކު އެކަން ކުރިއަށް ގެންދާނީ ކަރަންޓީން ކުރުމަށްފަހުގައި ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް 897 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ 302 ދިވެހިންނާއި 595 ބިދޭސީންނެވެ. މިހާތަނަށް މި ބަލިން 31 މީހަކު ރަނގަޅުވެފައިވާ އިރު، މި ބަލީގައި ނިޔާވެފައި ވަނީ ތިން މީހުންނެވެ.
މީގެ އިތުރުން މާލެ ފިޔަވައި ރާއްޖޭގެ ހަ ރަށަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންވަނީ ފެނިފައެވެ. އެގޮތުން ށ. މިލަންދޫ، ށ. ނަރުދޫ، ހއ. އުލިގަން، ކ. ތުލުސްދޫ، ހއ. ތުރާކުނު އަދި ނ. މަނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްތައް ވަނީ ފެނިފައެވެ.

