މަޝްހޫރު ވިޔަފާރިވެރިޔާ، އަދި ރާއްޖޭގައި ބޮޑެތި ކުންފުނިތަކެއް ހިންގަމުން އަންނަ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވީމީޑިއާ ވަގުތީ ގޮތުން ހުއްޓާލަން ޖެހިދާނެކަމަށް މުވައްޒަފުންނަށް އަންގައިފިއެވެ.
ކޮވިޑާއި ގުޅިގެން ދިމާވެފައިވާ މާލީ ހާލަތު ވީމީޑިއާ ހިންގާ ކުންފުންޏަށް ވެސް ދިމާވެފައިވާކަމަށް ބުނެ ނެރެފައިވާ ސާކިއުލާއެއްގައި ވާ ގޮތުން ކުންފުންޏަށް ލިބެމުންދިޔަ އާމްދަނީ ވަނީ އެކީ ހުއްޓިފައެވެ. އައިލެންޑް ބްރޯޑްކާސްޓިންއިން ވީޓީވީ އާއި ވީއޮންލައިންގެ މުވައްޒަފުންނަށް ފޮނުވި މެމޯގައި ބުނެފައިވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދިނުމަށް ކުންފުންޏަށް ދަތިވެފައިވާ ކަމަށެވެ.
މިހާލަތުގެ ސަބަބުން ކުންފުނި އިތުރަށް ދެމެހެއްޓުމަށް ކުރެވެން ހުރި މަސައްކަތެއް ކުރި ނަމަވެސް އެކަން ކާމިޔާބުވެފައި ނުވާ ކަމަށް އެ މެމޯގައި ވަނީ ބުނެފައެވެ. މިއީ އުނދަގޫ ނިންމުމެއް ނަމަވެސް ހާލަތު ދަށްވުމުގެ ސަބަބުން ކުންފުނީގެ ދަށުން ހިންގާ ޓީވީ ހުއްޓުމަކަށް އައިސްދާނެ ކަމަށް އެ މެމޯގައި ވެއެވެ.
މެމޯގައި ބުނެފައިވަނީ މި ހިނގާ އޭޕްރިލް އާއި ކުރިޔަށް އޮތް މޭއި، ޖޫން މި ތިން މަހު މުވައްޒަފުންގެ މުސާރައިގެ ގޮތުގައި ދެވެން އޮތީ 2،222 ރުފިޔާ ކަމަށް އޭގައި ވެއެވެ. އަދި ކުންފުނީގެ ހިންގުން މެދުކަނޑާލި ނަމަވެސް ތިން މަހުގެ މުސާރައާއި، ރޯދަ އެލަވެންސް ހުރިހާ މުވައްޒަފުންނަށް ލިބޭނެ ކަމަށް ވަނީ ބުނެފައެވެ.
ކޮވިޑުގެ ހާލަތު ޖޫން މަހަށްފަހު ވެސް ހަމައަކަށް ނޭޅޭކަމުގައި ވާނަމަ މުވައްޒަފުންގެ ވަޒީފާއަށް ބަދަލު ގެންނަން ޖެހިދާނެ ކަމަށް މެމޯގައި ވެއެވެ.
ވީމީޑިއާގެ ވީޓީވީއަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ޕްރައިވެޓް ޗެނަލްއެވެ. މީގެ ކުރިން ވެސް ކުންފުންޏަށް ދިމާވި ހާލަތްތަކަކާއި ގުޅިގެން ކުންފުނީގެ މުވައްޒަފުން ވަކިކޮށްފައި ވެއެވެ.

