ކޮރޯނާ ވައިރަހާއި ގުޅިގެން، އުމުރުން ދުވަސްވީމީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) ބުނެފިއެވެ.
ބުދަވިލޭރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި،ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ހައިރިސްކް ގުރޫޕްތަކުގެ ތެރޭގައި ކޮރޯނާ ވައިރަހުގެ ބަލި އޮތް މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި ގޮތުން، އުމުރުން ދުވަސްވީ މީހުންގެތެރޭގައި، ބަލި އޮތް މިންވަރު ދެނެގަތުމަށްޓަކައި، ސާމްޕަލް ނެގުމުގެ މަސައްކަތް ފަށާފައިވާކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.
މީގެ އިތުރުން، ޑރ.އަފްޒަލް ވިދާޅުވީ، ސާމްޕަލް ނެގުމުގެ ހަރަކާތްތައް، ރާއްޖޭގެ ކަންކޮޅުތަކުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.
އެހެންނަމަވެސް މާލޭ ސިޓީގައި، ދިރިއުޅެމުން އަންނަ ދުވަސްވީ މީހުންގެ ސާމްޕަލްނެގުން އިތުރުކުރާނެކަމަށް ޑރ. އަފްޒަލް ވިދާޅުވެފައިވެއެވެ.
ކޮރޯނާ ވައިރަހުގެ އަސަރު ކޮންމެ އުމުރެއްގެ މީހަކަށް ކުރިކަމުގައި ވިޔަސް، އެންމެ ހިރާސް(ރިސްކް) ބޮޑުކަމަށް ބެލެވިފައިވަނީ، ތުއްތު ކުދިންނާއި، ޢުމުރުން ދުވަސްވީ މީހުންނަށެވެ.
މީގެ އިތުުރުން ތަފާތު ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުންނަށް ވެސް ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.
ރާއްޖެއިން ކޮރޯނާ ވައިރަސް ފެންމަތިވެ މިއަދާއި ހަމައަށް އައިއިރު 904 މީހަކަށް މި ވައިރަސް ޖެހިފައިވެއެވެ.
އޭގެތެރޭގައި ތުއްތުކުދިންނާއި، ދުވަސްވީ މީހުން ވެސް ހިމެނެއެވެ. މި ގޮތުން، ވައިރަހަށް ޕޮޒިޓިވްވެ ހާލުބޮޑުވެފައިވާ، 70 އަހަރުގެ މީހަކަށާއި، 88 އަހަރުގެ މީހަކަށް ފަރުވާދެނީ ވެންޓިލޭޓަރުގައެވެ.

