ކޮވިޑުގެ ނުރައްކާ ބޮޑުވަމުންދާއިރު، ސާޖެއް ފެށިއްޖެ ތޯ ނުވަތަ ނޫންތޯ ޔަގީން ކުރެވޭނީ ޓެސްޓިން ކެޕޭސިޓީ އިތުރުކޮށް ސަވައިލެންސް ސާމްޕަލް ނެގުން އިތުރު ކުރެވުމުން ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
ދަރުބާރުގޭގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ރާއްޖޭގައި ބަލި ޖެހޭ މީހުންގެ ތެރޭގައި ނިސްބަތުން ގިނައީ އެއްވެސް އަލާމާތެއް ނެތި ބަލި ޖެހޭ މީހުން ކަމަށެވެ. އެހެން ކަމުން، މާލެ ތެރޭގައި އެއްވެސް އަލާމާތެއް ނެތި ބަލި ކެރީކުރާ ގިނަ އަދަދެއްގެ މީހުން ތިބުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ ފުޅާދާއިރާއެއްގައި ޓެސްޓު ކުރެވޭނަމަ މާލޭގައި ބަލި އޮތް މިންވަރު އެނގޭނެ ކަމަށެވެ. އަދި މިހާރު ފެންނަމުންދާ ކޭސްތަކަކީ ސާޖެއްތޯ ނުވަތަ ނޫންތޯ ޔަގީން ކުރެވޭނީ އޭރުން ކަމަށް ވިދާޅުވިއެވެ. ޑރ. އަފްޒަލް ވިދާޅުވީ ޓެސްޓިންއަށް ބަދަލު ގެނެސްގެން ނޫނީ އެ އަދަދުތައް ދެނެގަންނަން އުނދަގޫ ވާނެ ކަމަށެވެ. ކްލަސްޓާތަކާއި ގުޅޭ ކޭސްތައް ފިޔަވާ އެހެން އިންޑިޕެންޑެންޓް ކޭސްތައް ފެނިފައިވަނީ ބަލީގެ އަލާމާތްތަކާއި އެކު އެ މީހުން ފްލޫ ކްލިނިކްއަށް ދެއްކުމުންނެވެ. އަދި ކޮންޓެކްޓް ޓްރޭސިންއަށް ފާހަގަކުރެވޭ ގިނަ މީހުންގެ ތެރޭގައި ވެސް ބަލީގެ އަލާމާތެއް ނެތި ޓެސްޓުކުރުމުން ޕޮޒިޓިވްވި މީހުން ހިމެނެއެވެ.
ޑރ. އަފްޒަލް ވިދާޅުވީ ބަލި އޮތްތޯ ދެނެގަންނަން އެންމެ މުހިންމީ ސަވައިލެންސް ސާމްޕަލް ނެގުން އިތުރު ކުރުން ކަމަށެވެ. އެހެން ނޫނީ، ބަލި ދެނެނުގަނެވެނީސް ކުއްލިއަކަށް ގިނަ ކޭސްތަކެއް ފެންނަން ފެށުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ދުވާލެއްގެ މައްޗަށް ޓެސްޓުކުރެވޭ މިންވަރު އިތުރު ކުރުމަށް ބޭނުންވާ އިކުއިޕްމެންޓު މި މަހުގެ 16 ގައި ލިބޭނެ ކަމަށެވެ. މެޝިނަރީސް ލިބުމާއި އެކު ދުވާލަކަށް 1،000 ސާމްޕަލް ނެގޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އަތޮޅުތަކުގެ ރަށްތަކުގައި ޖީން އެކްސްޕާޓް މެޝިންތަކެއް ހުރިއިރު މަބްރޫކް ވިދާޅުވީ މިހާރު ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި އެ މެޝިންތަކަށް ބޭނުންވާ ކާޓްރިޖް ހޯދުމުގެ މަސައްކަތް ވެސް ދާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ޖީން އެކްސްޕާޓް މެޝިންތަކަށް ލައްވާ 25،000 ކާޓްރިޖް ލިބޭނެކަން ކަށަވަރު ކުރެވޭ ކަމަށެވެ. ކާޓްރިޖްތައް ހދ.ކުޅުދުއްފުއްޓާއި ރ. އުނގޫފާރާއި ލ. ގަމާއި ގދ. ތިނަދޫގެ އިތުރުން އައްޑޫ ސިޓީގައި ބޭނުން ކުރެވޭނެއެވެ.

