ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބުޗާ ދޫކުރީ ޕެރޯލްގެ ޝަރުތު ފުރިހަމަނުވަނީސް، ޑްރަގް ބޮޑުންނަށް ދެން އެ ފުރުސަތެއް ނޯންނާނެ: އިހުސާން

ހޯމް މިނިސްޓަރު އަލީ އިހުސާން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އޭގެ ބޮޑެތި ވިޔަފާރިކުރާ ނެޓްވޯކްތަކުގެ އިސް ފަރާތްތަކަށް، ޕެރޯލްގެ ދަށުން ޖަލުން ދޫކޮށްލުމުގެ އެއްވެސް ފުރުސަތެއް މީގެ ފަހުން ނުދޭނެކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، އުމުރު ދުވަހުގެ ހުކުމެއްގައި ހުރި އިބްރާހިމް ރަޝީދު (އަބުޗާ)، ޕެރޯލް ބޯޑުން މިނިވަންވީ މައްސަލަ ފެންމަތިވުމުންނެވެ. މި މަހުގެ 1 ގައި، މިނިވަން ކުރި އަބުޗާގެ މައްސަލަ މީޑިއާތަކުގައި ފެންމަތިވެ ރިޕޯޓު ކުރީ އިއްޔެ އެވެ.

ދިވެހިރާއްޖެއަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ އިސް މީހެއްކަމަށް އަބުޗާގެ މައްޗަށް ތުހުމަތު ކުރެވެ އެވެ.
އޭނާ ޕެރޯލްގެ ދަށުން މިނިވަންވިކަމަށް އިއްޔެ މީޑިއާތަކުން ރިޕޯޓު ކުރުމުން ބޮޑެތި ފާޑުކިއުންތައް އަމާޒުވިއިރު، އިހުސާން ވިދާޅުވި ގޮތުގައި އެކަން މިނިސްޓަރާއި ހަމައަށް އައީ އިއްޔެގެ ހެނދުނުގެ ވަގުތެއްގަ އެވެ.

މައްސަލައިގައި ޕެރޯލްގެ ބޯޑުގެ މެމްބަރުން މިއަދުގެ ހަވީރު ވަކި ކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ، އަބުޗާ މި މަހުގެ އެއްވަނަ ދުވަހު ދޫކޮށްލުމުގައި ޕެރޯލް ބޯޑުން އަމަލުކޮށްފައި ވަނީ ގާނޫނުގައި ބަޔާންކުރާ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އަބުޗާގެ މައްޗަށް 12 އަހަރާއި ހަމަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، ގާނޫނުގައިވާ ގޮތުން އޭނާއަށް ޕެރޯލަށް އެދުމުގެ ފުރުސަތު ލިބޭނީ ހުކުމުގެ ދެބައިކުޅަ އެއްބައިކަމަށްވާ، ހަ އަހަރާއި ތިން މަސް ޖަލުގައި ހޭދަކުރުމުންނެވެ. ނަމަވެސް، ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ހަތަރު އަހަރު ދުވަސް ހުކުމުން އުނިކުރުމަށްފަހު، ބާކީ އޮތް މުއްދަތަށް ބަލައިގެން ޕެރޯލް ބޯޑުން މުއްދަތު ގުނުމަކީ ގާނޫނީ ގޮތުން ހެދުނު ބޮޑު ގޯހެއްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އޭނާ މުޅި މައްސަލައިގައި ޖަލުގައި ހޭދަކޮށްފައިވަނީ ފަސް އަހަރު ދުވަހެވެ.

އިހުސާން ވިދާޅުވީ، މަސްތުވާތަކެތީގެ ބޮޑެތި ވިޔަފާރިވެރިންނާއި ޓްރެފިކްކުރާ ފަރާތްތަކަށް ޕެރޯލްގެ ލުއި ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެއްވެސް ސިޔާސަތެއް ނޫން ކަމަށެވެ. އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އަލަށް ގެނެވުނު އިސްލާހުގެ ދަށުން، މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ އެއްވެސް މީހަކަށް ޕެރޯލްގެ ފުރުސަތު ނުލިބޭނެކަމަށް ވިދާޅުވި އެވެ.

އަބުޗާއަކީ އައްޑޫ ސިޓީއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އެންމެ އިސްކޮށް އުޅޭ އެއް ޑީލަރުކަމަށް ފުލުހުން ތުހުމަތު ކުރި އެވެ. އޭނާ ހައްޔަރުކުރީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފުލުހުން ކަނޑުމަތީގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، 61 ކިލޯގެ ޑައިމޯފިން އަދި 17.97 ކިލޯގެ މެޓަމްފެޓަމިން ރެސިމޭޓާއި އެކު ޖުމްލަ 80 ކިލޯގެ މަސްތުވާތަކެއްޗާއި އާއެކުގައެވެ.

ފުލުހުން އޭނާ ހުއްޓުވަން އުޅުމުން އެ ތަކެތި ހުރި ގޯނިތައް ކަނޑަށް އުކާލި ނަމަވެސް، އޭނާ ހައްޔަރު ކުރީ އެތަކެތި ހޯދައިގެންނެވެ.

މި މައްސަލައިގައި އަބުޗާގެ މައްޗަށް ދައުލަތުން ކުރި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއަށް އޭނާ އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުން، އަންނަން އޮތް 50 އަހަރުގެ ޖަލު ހުކުމް ވަނީ 25 އަހަރަށް ލުއިކޮށްދީފައެވެ.

ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބަޔާންކުރާ ގޮތުގައި، ޕެރޯލަކީ ހުކުމެއް ތަންފީޒުކުރަމުންދާ ގައިދީއަކު، އޭނާގެ މުޅި ހުކުމުގެ މުއްދަތު ހަމަވުމުގެ ކުރިން ވަކި ހާއްސަ ޝަރުތުތަކަކާ އެކު މުޖުތަމައަށް ދޫކޮށްލުމަށް ދެވޭ ފުރުސަތެކެވެ. މި ނިޒާމުގެ ދަށުން ގައިދީއަކަށް ޕެރޯލަށް އެދުމުގެ ހައްގު ލިބެނީ ގާނޫނުގައި ކަނޑައަޅާފައިވާ މުހިންމު ޝަރުތުތަކެއް ފުރިހަމަވުމުންނެވެ.

އެގޮތުން އެންމެ ފުރަތަމަ ކަމަކަށް، ގައިދީގެ މައްޗަށް ކޮށްފައިވާ ހުކުމުގެ ބޮޑުބައެއް ޖަލުގައި ހޭދަކޮށްފައި ވާންޖެހެއެވެ. އާންމު އުސޫލުން ބަލާއިރު މިއީ ހުކުމުގެ ތިންބައިކުޅަ އެއްބައި ކަމުގައި ވިޔަސް، ބޮޑެތި މައްސަލަތަކުގައި ދެބައިކުޅަ އެއްބައި ޖަލުގައި ހޭދަކުރަންޖެހެއެވެ. މީގެ އިތުރުން ޖަލު ބަންދުގައި ހޭދަކުރި މުއްދަތުގެ ތެރޭގައި ގައިދީގެ އަހުލާގު ރަނގަޅުވެ، ޖަލުގެ އެންމެހައި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންތެރިކަން ދައްކާފައިވުމަކީވެސް މަޖުބޫރު ކަމެކެވެ. ހަމައެއާއެކު، ޖަލުގައި ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި، ދީނީ އަދި ތައުލީމީ ކްލާސްތަކާއި، އަތްތެރި މަސައްކަތް ފަދަ ހުނަރު ތަރައްގީކުރާ ޕްރޮގްރާމްތަކުގައި ބައިވެރިވެ އިސްލާހުވާން މަސައްކަތްކޮށްފައިވުން ހިމެނެއެވެ.

ޕެރޯލް ދިނުމުގައި އެންމެ ބޮޑަށް ބަލާ އަނެއް ކަމަކީ، އެ މީހަކު އަނބުރާ މުޖުތަމައަށް ދޫކޮށްލުމަކީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެއްވެސް ނުރައްކަލެއް ނެތް ކަމެއްކަން ޕެރޯލް ބޯޑަށް ސާފުކޮށް ގަބޫލުކުރެވުމެވެ. ނަމަވެސް، މީހުން މެރުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، ޓެރަރިޒަމް އަދި މަސްތުވާތަކެތި ޓްރެފިކް ކުރުން ފަދަ ނުރައްކާތެރި ބޮޑެތި ކުށްތައް ސާބިތުވެފައިވާ މީހުންނަށް ޕެރޯލް ލިބުމުގައި އޮންނަނީ ނުހަނު ހަރުކަށި އުސޫލުތަކެކެވެ. އަދި ބައެއް ހާލަތްތަކުގައި އެފަދަ ކުށްވެރިންނަށް އެއްވެސް ވަރަކަށް ޕެރޯލްގެ ފުރުސަތެއް ނުލިބެއެވެ.

މި ޝަރުތުތަކުގެ ދަށުން ޕެރޯލް ލިބޭ މީހަކު، ބޯޑުން ކަނޑައަޅާފައިވާ އެއްވެސް ޝަރުތަކާ ހިލާފުވެއްޖެނަމަ، އެ މީހެއްގެ ޕެރޯލް ވަގުތުން ބާތިލުކޮށް، އަލުން އަނބުރާ ޖަލަށް ގެންގޮސް ބާކީ އޮތް ހުކުމް ތަންފީޒުކުރަން ޖެހޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: