ހުޅުމާލެ ދެވަނަ ފިޔަވަހީގެ ނިރޮޅުމަގުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ވެގެން ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން އާއްމުކޮށްފައިވާ މައުލޫމާތުން ހުޅުމާލެ ފޭސް 2، ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 2:55 އެހައިކަންހާއިރުއެވެ.
މި އެކްސިޑެންޓުގައި ޖުމްލަ 5 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުމާ ގުޅިގެން މިހާރު ފަރުވާދެމުންދާ ކަމަށާއި އެ އެކްސިޑެންޓްގައި އަނިޔާވި 3 މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މީގެ އިތުރުން، މި އެކްސިޑެންޓުގައި އަނިޔާވި އަނެއް ދެ މީހުންވެސް އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ފުލުހުން އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

