ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ޓެކުހާއި ރިސޯޓު ކުލި އިތުރުވުމާއެކު، މިއަހަރުގެ ސެޕްޓެމްބަރު 24 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ހިލޭ އެހީ 5.1 އިންސައްތަ އިތުރުވެފައިވާ ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ.
އެ މުއްދަތުގެ ނިޔަލަށް ދައުލަތަށް 30.205 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 28.750 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރާ ޓެކުހުގެ އާމްދަނީ ވަނީ 21.366 ބިލިއަން ރުފިޔާއިން 23.388 ބިލިއަން ރުފިޔާއަށް އަރައި، 9.5 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ) ގެ ގޮތުގައި ލިބުނު 7.880 ބިލިއަން ރުފިޔާ ހިމެނެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 7.669 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 2.7 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް 1.245 ބިލިއަން ރުފިޔާއިން 1.267 ބިލިއަން ރުފިޔާއަށް އުފުލި، 1.7 އިންސައްތައިގެ ކުރިއެރުމެއް ވަނީ ރެކޯޑުކުރެވިފައެވެ.
މީގެ އިތުރުން އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ 13.1 އިންސައްތަ އިތުރުވެ 2.484 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ވިޔަފާރި އާއި މުދަލުގެ ޓެކުހުން ލިބުނު އާމްދަނީ 21.4 އިންސައްތަ އިތުރުވެ 5.778 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އާންމު މުދަލާއި ހިދުމަތުގެ ޓެކްސް (ޖީ.އެސް.ޓީ) ގެ ގޮތުގައި 4.051 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކުހުން ލިބުނު އާމްދަނީ ވަނީ 1.431 ބިލިއަން ރުފިޔާއަށް އަރާފައެވެ. ދައުލަތަށް ލިބުނު ހިލޭ އެހީގެ މިންވަރު ވެސް ވަނީ ދެގުނައަށްވުރެ ބޮޑަށް އިތުރުވެ، 0.237 ބިލިއަން ރުފިޔާއިން 0.496 ބިލިއަން ރުފިޔާއަށް މަތިވެފައެވެ.
ދައުލަތުގެ އާމްދަނީ އިތުރުވި ނަމަވެސް، ޖުމްލަ ހަރަދުތައް ވެސް ވަނީ 18.8 އިންސައްތަ މައްޗަށް ގޮސްފައެވެ. އެގޮތުން ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ހަރަދުވި 28.251 ބިލިއަން ރުފިޔާގެ ބަދަލުގައި މިއަހަރުގެ ސެޕްޓެމްބަރު 24 ގެ ނިޔަލަށް 33.562 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ. މީގެ ތެރެއިން ރިކަރަންޓް ހަރަދުގެ ގޮތުގައި 28.897 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، މުސާރަ އާއި އިނާޔަތްތަކަށް 10.702 ބިލިއަން ރުފިޔާ އަދި އިދާރީ ހިންގުމުގެ ހަރަދުތަކަށް 18.123 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި އާސަންދައަށް ކުރި ހަރަދު 23.3 އިންސައްތަ އިތުރުވެ 1.748 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ސަބްސިޑީއަށް ކުރި ހަރަދު ވަނީ 77.1 އިންސައްތަ މައްޗަށް ގޮސް 4.148 ބިލިއަން ރުފިޔާ ހޭދަވެފައެވެ.
ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ކެޕިޓަލް ހަރަދުތަކަށް ބަލާއިރު، 18.7 އިންސައްތައިގެ އިތުރުވުމަކާއެކު ޖުމްލަ 4.666 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އޭގެ ތެރޭގައި އުމްރާނީ ވަސީލަތްތަކަށް ކުރި ހަރަދުގެ ގޮތުގައި ހިމެނޭ 4.109 ބިލިއަން ރުފިޔާގެ ތެރެއިން، ފާލަމާއި ބަނދަރު ހެދުމުގެ މަޝްރޫއުތަކަށް ކުރި ހަރަދު 57.3 އިންސައްތަ އަދި ބިމާއި އިމާރާތްތަކަށް ކުރި ހަރަދު 35.2 އިންސައްތަ އިތުރުވެފައިވެއެވެ. ފައިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ސެޕްޓެމްބަރު 24 ގެ ނިޔަލަށް ދައުލަތުގެ ޕްރައިމަރީ ސާޕްލަސް ހުރީ 0.442 ބިލިއަން ރުފިޔާގައެވެ.

