ރައީސް މުޙައްމަދު ނަޝީދަކީ، ކީރިތި ޤުރްއާނާއި ރަސޫލު ސައްލަﷲ ޢަލައިހި ވަސައްލަމް ގެ ރިސާލަތު ފުރިހަމައަށް ޤަބޫލުފުޅު ކުރައްވާ ބޭފުޅެއްކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ( އެމްޑީޕީ) އިން ބުނެފިއެވެ.
އެމްޑީޕީން މިހެން ބުނެފައި މިވަނީ، ކީރިތި ޤުރްއާނާއި ރަސޫލު ޞައްލަﷲ އަލައިހި ވަސައްލަމް އާއި ގުޅޭ ގޮތުން ދެއްކެވި ކަމަށް ބުނެ، އެ މަނިކުފާނުގެ އިސްތަށިފުޅުގައި އިލްޒާމް އެޅުވިކަމަށް ބުނާ މައްސަލަ ތަޙްޤީޤުކުރުމަށް ގޮވާލާ އެ ޕާޓީން ނެރުނު ބަޔާނެއްގައެވެ.
މި ގޮތުން، އެމްޑީޕީން ބުނީ، ރައީސް މުޙައްމަދު ނަޝީދަކީ، ކީރިތި ޤުރްއާނާއި ރަސޫލު ސައްލަﷲ ޢަލައިހި ވަސައްލަމް ގެ ރިސާލަތު ފުރިހަމައަށް ޤަބޫލުފުޅު ކުރައްވާ ބޭފުޅެއްކަމަށާއި، އެ މަނިކުފާނަކީ އިސްލާމް ދީނުގެ ރިވެތި އުސޫލުތަކާއި، އަސާސްތަކުގެ މަތީގައި ދެމިހުންނެވި ބޭފުޅެއްކަމަށެވެ.
މީގެ އިތުރުން އެ ބަޔާނުގައި، ނަޝީދުގެ ބަސްފުޅެއް ވެސް ހިމަނާފައިވެއެވެ.
“އަޅުގަނޑަކީ، ޝަހާދަތުގެ ދެ ކަލިމަ އެއްވެސް ޝައްކުކަމަކާ ނުލައި ހިތުގެ އަޑިން ޤަބޫލުކުރާ މީހެއް. ކީރިތި ރަސޫލާގެ ސުންނަތަކީ، އަޅުގަނޑު އެ ސުންނަތުގައިވާ ކަންކަމާ މެދު އިންތިހާއަށް އުފާކުރާ ކަންކަން ހިމެނޭ ސުންނަތެއް“ ރައީސް ނަޝީދު
އެހެންކަމުން، ކީރިތި ޤުރްއާނާއި، ރަސޫލު ޞައްލަﷲ އަލައިހި ވަސައްލަމް އާއި ގުޅޭގޮތުން، އެ މަނިކުފާނު ދެއްކެވިކަމަށް ބުނެ، ރ. އަނގޮޅިތީމު، ޖީޒާ ޢަލީ އިބްރާހީމް ދެއްކި ވާހަކަތައް، އެންމެ ހަރުއަޑުން ކުށްވެރިކުރާކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
އެމްޑީޕީން ބުނީ، ރައީސް ނަޝީދުގެ ދީނީ އަޤީދާއާއި ގުޅޭގޮތުން، އެކިގޮތްގޮތުން ސުވާލު އުފައްދައި، ރައްޔިތުންގެ މެދުގައި އެ މަނިކުފާނާއިމެދު ނަފުރަތު އުފެއްދުމަށް ދައްކާ ވާހަކަތަކަކީ ބަލައިގަންނާނެކަމެއް ނޫންކަމަށެވެ.
އެމްޑީޕީން ބުނީ، ރައީސް ނަޝީދާއިމެދު އެ ފަދަ ވާހަކަތައް ދައްކާ ފެތުރުމަކީ، ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފައްދައި، ރައީސް ނަޝީދަށް އަމާޒުކޮށް ޖިސްމާނީ ގޮތުން ހަމާލާދިނުންކަމަށެވެ.
މި ގޮތުން އެމްޑީޕީންވަނީ، ރައީސް ނަޝީދާމެދު އެފަދަ ވާހަކަތައް ދައްކާފައިވާ މައްސަލަ ތަޙުޤީޤުކުރަން ފުލުހުންނަށް ގޮވާލާފައެވެ.


One Response
ނަޝީދު ގެ ލާދީނީ މިންވަރު ހާމަކޮށްދެއްވާފައިވަނީ ހޯމްމިނިސްޓަރ އިމްރާން އޭނާގެ ތަޙްގީގު ފައްޓަވާ.