ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށްކޮށްގެން ހޯދާ ފައިސާ ނުނެގެނީ ކޮން ގާނޫނީ ހުސްކަމެއް އޮވެގެން؟

މީހަކު ޑޮލަރުތަކެއް ގެންގުޅެނީ -- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުށްކޮށްގެންނާއި ނާޖާއިޒު ގޮތުގައި ހޯދާ މުދަލާއި ފައިސާ ދައުލަތަށް އަތުލައިގަތުމަކީ ދެފުށް ފެންނަ، އިންސާފުވެރި މުޖުތަމައެއް ބިނާކުރުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެކެވެ. ނަމަވެސް ރާއްޖޭގައި މިފަދަ ޢަމަލުތައް ހުއްޓުވައި، ޣައިރު ޤާނޫނީ މުއްސަނދިކަން ދައުލަތުގެ ބާރުގެ ދަށަށް ގެނައުމުގައި ދިމާވާ އެންމެ ބޮޑު ހުރަހަކީ އެކަށީގެންވާ ޤާނޫނީ އޮނިގަނޑެއް ނެތުމެއް ނޫނެވެ. ޤާނޫނުތަކާއި ޤަވާޢިދުތައް ފޮތްތަކުގައި ލިޔެވިފައި ހުރި ނަމަވެސް، އެކަން ޢަމަލީ ގޮތުން ތަންފީޒުކުރުމުގެ އިޚްލާޞްތެރި ނިޔަތާއި އަޅުގަނޑުމެން މިލިޔާ ސިޔާސީ ”ވިލް“ ވެރިކަމުގެ އެންމެ މަތީ ފަންތީގައި ނެތުމަކީ މި މައްސަލައިގެ އަސްލެވެ.

ގަބޫލުކުރަންޖެހޭ ހަގީގަތަކީ ރައްޔިތުންގެ މަޖިލީހަށް އެކި ނަންނަމުގައި ބިލުތައް ހުށަހަޅައި، ޤާނޫނުތައް ފާސްކުރުމަކީ ހަމައެކަނި ދެއްކުންތެރި ކަމަކަށް ވެގެން ނުވާނެއެވެ. ސަރުކާރުގެ އިޚްލާޞްތެރިކަން ވަޒަންކުރެވޭނީ ކަރުދާހުގައި ލިޔާ ޢިބާރާތްތަކަކުން ނޫނެވެ؛ އޭގެ ބަދަލުގައި، ކުށްކޮށްގެން ހޯދާފައިވާ މުދަލެއް ނުވަތަ ފައިސާއެއް ޙަޤީޤަތުގައި ވެސް ދައުލަތަށް ނަގައި، ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދެވޭ މިންވަރަކުންނެވެ. ތަޙުޤީޤީ އިދާރާތަކުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި، ބައެއް ގެތައް ބަލައިފާސްކޮށް ގިނަ ޢަދަދެއްގެ ފައިސާ އަތުލައިގަންނަ ވާހަކައަކީ އާންމުކޮށް އިވޭ ޚަބަރެކެވެ. އެހެންނަމަވެސް، މީޑިއާގެ ސަމާލުކަން ކެނޑުމުން ނުވަތަ ސިޔާސީ ފިއްތުންތަކާ ހެދި، އަތުލައިގަތް ފައިސާ އަނބުރާ ރައްދުކޮށްދޭންޖެހޭ މަންޒަރު ފެނުމަކީ ޤާނޫނު ތަންފީޒުކުރުމުގެ ހަރުދަނާ ނިޔަތެއް ނެތްކަން ހާމަކޮށްދޭ ސާފު ހެއްކެކެވެ.

ކުށެއްގެ ތުހުމަތު ކުރެވޭ މީހާއާމެދު އިންސާފު ޤާއިމުކުރުމުގެ އެންމެ ފަހު މަރުޙަލާއަކީ ޝަރުޢީ ނިޒާމެވެ. ނަމަވެސް، ފަނޑިޔާރުގެތަކުގެ ފެންވަރާއި މިނިވަންކަމާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. ސިޔާސީ ޙަރަކާތްތަކުގައި އިސްކޮށް އުޅުނު ފަރާތްތައް އިސް މަރުޙަލާތަކުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަކީ، މުޅި ނިޒާމުގެ އިތުބާރު ގެއްލިގެންދާ ކަމެކެވެ. މިފަދަ ޢައްޔަންކުރުންތަކުގެ ސަބަބުން ކޯޓުތަކުން ނިންމާ ނިންމުންތަކަކީ މިނިވަންކަމާއެކު ނިންމާ ނިންމުންތަކެއްގެ ބަދަލުގައި، ސަރުކާރުން ނުވަތަ ސިޔާސީ ބާރުތަކުން އަންގާ ގޮތަށް ނިންމާ ނިންމުންތަކެއް ކަމުގެ ތުހުމަތު ވަރުގަދަވެގެންދެއެވެ. ޝަރުޢީ ނިޒާމު ސިޔާސީ ނުފޫޒުން އެއްކިބާނުވެ، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމަކީ ވާނޭ ކަމެއް ނޫނެވެ.

ކުށްކޮށްގެން ހޯދާ ފައިސާއާއި ނުހައްގު މުއްސަނދިކަމުގެ ވާހަކަ ދައްކާއިރު ވެރިރަށް މާލެއަށް ބަލައިލިކަމުގައި ވިޔަސް، އެއްވެސް އަސްލެއް ނެތި ކުއްލިއަކަށް އުފެދިގެން އަންނަ ބޮޑެތި ވިޔަފާރިތަކާއި އަގުބޮޑު ރެސްޓޯރެންޓުތައް ފެންނަން އެބަހުއްޓެވެ. މިފަދަ ތަންތަނަކީ މަނީ ލޯންޑަރިންގ ނުވަތަ ނާޖާއިޒު މުޢާމަލާތްތަކާ ގުޅުންހުރި ތަންތަން ކަމަށް އާންމުކޮށް ޝައްކުކުރެވޭއިރު، އެއިން އެއްވެސް މުދަލެއް ދައުލަތަށް ނަގާ ތަނެއް ނުފެނެއެވެ. ޢާންމު ރައްޔިތު މީހާ ކުޑަ ލޯނެއް ނަގަން އުޅުނަސް އާމްދަނީގެ ހުރިހާ ހިސާބެއް ދައްކަން ޖެހޭއިރު، އެތައް މިލިއަން ރުފިޔާއަކުން ވިޔަފާރި ފަށައިގަންނަ ފަރާތްތަކުގެ ފައިސާގެ މަޞްދަރު ހޯދުމުގައި ދައުލަތުގެ އިދާރާތައް އޮންނަނީ ނިދާފައެވެ. މިއީ ޤާނޫނެއް ނެތިގެން ވާ ކަމެއް ނޫނެވެ؛ ބާރުގަދަ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ހިތްވަރު ނެތުމުން ވާ ކަމެކެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މިފަދަ މައްސަލަތައް ޙައްލުނުވަނީ ޤާނޫނުތަކުގައި ހުރި ބާގަނޑުތަކުގެ ސަބަބުންނެވެ. ނަމަވެސް ދުނިޔޭގެ އެހެން ޤައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު، ކިތަންމެ ފުރިހަމަ ޤާނޫނެއް އޮތަސް، އެ ޤާނޫނު ތަންފީޒުކުރާނެ މިނިވަން މުއައްސަސާތަކަކާއި ވަކިފަރާތަކަށް ނުޖެހޭ ފަނޑިޔާރުގެއެއް ނެތްނަމަ އެއިން ލިބޭނެ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. އަދި ހަމައެއާއެކު، ސިޔާސީ މަޞްލަޙަތަށްވުރެ ޤައުމީ މަޞްލަޙަތު އިސްކުރާނެ ވެރިންތަކެއް ނެތި މިފަދަ މައްސަލަތަކަށް ދާއިމީ ޙައްލެއް ނުހޯދޭނެއެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނުނެގި ދިގުލައިގެން ދަނީ ޤާނޫނީ ހުސްކަމެއް އޮވެގެންނެއް ނޫނެވެ. މައްސަލައަކީ ވެރިކަމުގެ ނިޒާމުގެ ތެރޭގައި އޮތް ފަސާދައާއި، ޝަރުޢީ ދާއިރާއަށް އޮތް ސިޔާސީ ނުފޫޒެވެ. ރައްޔިތުންގެ ފައިސާއާއި ޙައްޤުތައް ޙިމާޔަތްކުރެވޭނީ، ހަމައެކަނި ބިލުތައް ފާސްކުރުމުގެ ބަދަލުގައި، ތަފާތުކުރުމެއް ނެތި ޤާނޫނު ތަންފީޒުކުރުމުގެ ޢަޒުމާއި އިޚްލާޞްތެރިކަން ޢަމަލުން ދައްކައިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: