ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރު ކުރި ދެ ދިވެހިންގެ ތެރޭގައި، ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ބޮޑު މައްސަލައިގައި އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރެވުނު މުހައްމަދު ވިޝާމް ހިމެނޭކަން ހާމަވެއްޖެ އެވެ.
މި މައްސަލާގައި ތައިލެންޑުގެ ކެޕިޓަލް މެޓްރޯޕޮލިޓަން ޕޮލިސް ޑިވިޝަނުން ހައްޔަރު ކުރީ ރ. އިނގުރައިދޫ، އެލެސްކާ، މުހައްމަދު ވިޝާމް އެވެ.
އޭނާއަކީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ”މަސްޖަރީ-2“ ނަމަކަށް ކިޔާ ދޯންޏެއްގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ ބޮޑެއްކަމަށް ފުލުހުން ތުހުމަތުކުރި އެކަކެވެ. މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ އުފުލި ނަމަވެސް، ކުށް ސާބިތުވާ މިންވަރަށް ހެކި ނެތްކަމަށް ބުނެ ދައުލަތުން ދައުވާތައް އަނބުރާ ގެންދިޔަ އެވެ.
ތައިލެންޑުގެ މީޑިއާތަކުން ރިޕޯޓު ކުރި ގޮތުން، އެ ގައުމުގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވިޝާމް ހައްޔަރުކޮށްފައި ވަނީ ބެންކޮކްގެ ޕްރާތުނާމް ސަރަހައްދުގައި ހުންނަ ކާގޯ އޮފީހަކަށް އެ މީހުން ގެންދިޔަ ޕާރުސަލްތަކަކުން ނުބައި ވަސް ދުވާތީ، އެތަނުން ފުލުހުންނަށް ކުރި ރިޕޯޓަކާއި އެކު އެވެ. ނުބައި ވަހެއްގެ ސަބަބުން، ކާގޯ އޮފީހުން އެތަކެއްޗާއި ހަވާލުވުމަށް ދެކޮޅު ހެދުމުން، ދެން އެ މީހުން އެތަކެތި ގެންދިޔައީ ސޫކުމްވިޓް ސަރަހައްދުގައި އެމީހުން ތިބި އެޕާޓްމަންޓަކަށެވެ.

މައްސަލައިގެ ރިޕޯޓާއި އެކު އެ މީހުންގެ އެޕާޓްމަންޓު ބަލައި ފާސްކުރިއިރު ތަރުމޯޒާއި ކުޑަކުދިންގެ އަންނައުނުތަކުގެ ތެރޭގައި ފޮރުވާފައި ހުރި 2.37 ކިލޯގެ ކްރިސްޓަލް މެތު އަދި ގާތްގަނޑަކަށް 10 ކިލޯގެ ކެނަބިސް ވަނީ ފެނިފަ އެވެ.
ތައިލެންޑް ފުލުހުން ބުނި ގޮތުގައި މި ދިވެހިންނަކީ ބޮޑު ނެޓްވޯކަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ބައެކެވެ. އެހެން ނަމަވެސް، ތަހުގީގުގައި އެމީހުން ވަނީ މި ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.

ވިޝާމް ހިމެނުނު 72 ކިލޯގެ ޑްރަގް މައްސަލައަކީ، މަސްތުވާތަކެތި ސަޕްލައިކުރި ފަރާތްތަކަށް ފައިސާ ދައްކާނެ ކަމުގެ ޔަގީންކަމެއްގެ ގޮތުން ޕާކިސްތާނަށް ދިވެއްސަކު ފޮނުވައި، ޑްރަގް ނެޓްވޯކުގެ ބެލުމުގެ ދަށުގައި ބެހެއްޓި ކަމަށް ވެސް ފުލުހުން ތުހުމަތުކުރި މައްސަލައެކެވެ.
އެ މައްސަލައިގައި ދައުވާ ކުރިއަށް ގެންދިޔަ ތިން މީހުން ކްރިމިނަލް ކޯޓުން ސަލާމަތްވެފައިވާއިރު، އެ މައްސަލަ މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

