ގައުމުގެ ވެރިއަކަށް ހުންނަވާ ބޭފުޅަކު ރައްޔިތުންނާ ސަމާސާ ނުކުރައްވާނެކަމަށާއި، ރައްޔިތުންނަށް އޮޅުވާލައި މިސްލީޑް ކުރުމަކީ ވެރިއަކަށް ލިބިގެންވާ ލައިސަންސެއް ނޫންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންގެ ކައިރިއަށް އައިސް ވެރިން ދައްކަވާ ވާހަކަތަކުގެ އަގެއް އަދި އޮއްޓަރެއް ހުންނަންވާނެ ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ފަންނީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެއް ނަމަވެސް، ގަވަނަންސް ނުވަތަ ވެރިކަން ހިންގުމުގެ ދާއިރާއިން އެ މަނިކުފާނުގެ އެއްވެސް ފަންނުވެރިކަމެއް ނެތްކަމަށް ވިދާޅުވި އެވެ.
އައްޑޫ ސިޓީއަކީ ސިޔާސީ ގޮތުން އަބަދުވެސް އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު ބޮޑު ސަރަހައްދެކެވެ. ރިޔާސީ އިންތިހާބަށް ފަހު، 2024 ގައި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީއެންސީން އައްޑޫގެ ގޮނޑިތައް ކާމިޔާބު ކުރި ނަމަވެސް، މި އަހަރު ބޭއްވި ކައުންސިލް އިންތިހާބުގައި ގޮނޑިތައް ކާމިޔާބު ކުރީ އެމްޑީޕީންނެވެ. މިފަދަ މާހައުލެއްގައި އައްޑޫގައި ހަފްތާއަކާ ގާތްވާ މުއްދަތަކަށް ހުންނަވައި، އެކި ފަންތީގެ ގިނަ ރައްޔިތުންނާ ބައްދަލުކުރައްވާފައިވާކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އައްޑޫގައި އެމަނިކުފާނު ބައްދަލުކުރެއްވި އެއްވެސް ރައްޔިތެއްގެ ފަރާތުން މި ސަރުކާރުންކޮށްދިން ރަނގަޅު ކަމެއްގެ ވާހަކަ ނުވަތަ ލިބުނު ޚިދުމަތެއްގެ ވާހަކަ އަޑުއިވިވަޑައިގެންފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި އިވިގެންދިޔައީ ރައްޔިތުންގެ މާޔޫސްކަމާއި، ހިތްދަތިކަމާއި އަދި ނުރުހުމުގެ އަޑުތައްކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސް ޔާމީން ވިދާޅުވި ގޮތުގައި ގައުމުގެ މިހާރުގެ އިގްތިސާދީ ދަތިކަމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ދަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. އެގޮތުން ބާޒާރުގައި ތަކެތީގެ އަގު އުފުލި، ބޭންކިން ނިޒާމުގެ ތެރެއިން ޑޮލަރު ލިބުން ދަތިވެ، ބޭރު ގައުމުތަކުގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ވެސް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިފަދަ ހާލަތަކަށް ގައުމު ވެއްޓިގެން ދިޔުމަކީ ދިވެހި ތާރީހުގައި ވެސް ދުވަހަކު ދެކެފައިނުވާ ފަދަ ނިކަމެތި މަންޒަރެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުން މުޅި މުޖުތަމައުގެ ތަރައްގީއަށް މަސައްކަތް ކުރުމުގެ ބަދަލުގައި، ވަކިވަކި ފަރުދުންގެ މައްޗަށް ބަރޯސާވެގެން ސިޔާސީ މަންފާ ހޯދަން އުޅުމަކީ ވަރަށް ނުރައްކާތެރި މިސްރާބެއް ކަމަށެވެ. މުޅި ސިޓީގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހުއްޓުވާލައި، ރައްޔިތުން މާޔޫސްކަމުގެ ތެރެއަށް ދޫކޮށްލުމަށްފަހު، ހަމައެކަނި ވެރިކަމުގެ ދަހިވެތިކަމުގައި ސިޔާސީ ބާރު ދެމެހެއްޓުމަށް ކުރާ މިފަދަ މަސައްކަތްތަކާމެދު ރައްޔިތުން ހޭލުންތެރިވެ ވިސްނަންޖެހޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

