މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޔާމީން އިދުރީސް އައްޔަންކުރައްވައިފިއެވެ.
އެ ކުންފުނީގެ ބޯޑުގެ ޗެއާޕާސަންއަކަށް އައްޔަންކުރެއްވީ އައްޝެއިޚް އިއްޒައްދީން އަދުނާންއެވެ. މެނޭޖިން ޑިރެކްޓަރަކަށް ޔާމީން އިދުރީސް އައްޔަންކުރެއްވިއިރު އެ ބޯޑަށް 5 މެންބަރުން ވަނީ އައްޔަންކުރައްވާފައެވެ.
އެ ބޯޑަށް އައްޔަންކުރެއްވީ ހުސައިން ޝާމް އާދަމް، ޑރ. މުހައްމަދު ޝުޖާއު، މަރިޔަމް ނިހާޔަތު، އަބްދުﷲ އަލީ އަދި މުހައްމަދު ހިލްމީއެވެ.
ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން ރައީސްގެ ގަރާރެއްގެ ދަށުން އެ ކުންފުނި އުފެއްދެވީ މިދިޔަ ސެޕްޓެމްބަރު މަހު 12 ވަނަ ދުވަހުގައެވެ.
ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފުތައް ބިނާކުރުމާއި އެފަދަ ބިނާތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަކީ އެ ކުންފުނީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެ ކުންފުނީގެ މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި އެ މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތްތަކާއި މިސްކިތްތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް ތަރައްގީކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
މީގެ އިތުރުން އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރީގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމަކީވެސް ”މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް“ގެ މަސްއޫލިއްޔަތެކެވެ.

