އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ގާނޫނާއި ގަވާއިދުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމަށްޓަކައި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް މައްސަލަތައް ބަލައި، ގަވާއިދާ ހިލާފުވާ ފަރާތްތަކަށް އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް އެންގުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތަކާއި ހާއްސަ އެޕްލިކޭޝަންތައް ބޭނުންކޮށްގެން ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް މީގެ ހަފުތާއެއްހާ ދުވަސް ފަހުން ފަށާނެ ކަމަށެވެ. އަދި އެ މަސައްކަތުގެ ދަށުން، ފުލުހުން އަޅާ ފިޔަވަޅުތަކުގެ މައުލޫމާތު ކުށް ރައްދުވާ ފަރާތަށް ސީދާ އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ’ސިމްސް‘ ޕޯޓަލް މެދުވެރިކޮށް ފޯނު ނަންބަރާއި އީމެއިލް އެޑްރެސް އަޕްޑޭޓްކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ. އަދި އެކަން އަންނަ ހަފްތާގެ ބުދަ ދުވަހުގެ ކުރިން ކޮށް ނިންމުމަށްވެސް މިނިސްޓްރީން ވަނީ އާންމުކޮށް އަންގާފައެވެ.
މި އައު ނިޒާމުގެ ފުރަތަމަ މަރުހަލާގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ހަމަޖެހިފައިވަނީ މާލެ އާއި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ބެލުމަށެވެ. އެގޮތުން ހޮސްޕިޓަލްތަކާއި ސްކޫލްތައް ކައިރި، ކަފިހިހުރަސްތަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްފައިވާ ޕާކިން ސްލޮޓްތަކުގެ އިތުރުން މާލޭގެ މަޖީދީމަގާއި، އަމީނީމަގާއި ސޯސަންމަގުގެ އިތުރުން ބޭރު ބޮޑުތަކުރުފާނު މަގުގައި ޕާކުކުރުން ވަނީ މަނާކޮށްފައެވެ. މި މަގުތަކަކީވެސް މިހާރުވެސް މަގު ދެ ފަރާތުގައި ވެހިކަލްތައް ޕާކުކުރަމުން އަންނަ މަގުތަކެވެ.
މީގެ އިތުރުން ހުޅުމާލޭގެ ފޭސް 1 ގެ ބޯށިމާ ހިނގުން، ސައިމާ ހިނގުން، ނިރޮޅު މަގު، ހަނދުވަރީ ހިނގުން، ހިތިގަސް މަގު، ބަގީޗާ ހިނގުން، ރީތިގަސް މަގުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފިނަމަ ފިޔަވަޅު އަޅާނެކަމަށް ޓްރާންސްޕޯޓުން ބުނެއެވެ. އަދި ހުޅުމާލޭ ފޭސް 2 ގެ ގުލްއަލާމާ ހިނގުން، ނިރޮޅު މަގު، ބެރެބެދިމާ ހިނގުން، ހިތިގަސް މަގުގައިވެސް ޕާކުކުރުން ވަނީ މަނާކޮށްފައެވެ.
މާލެ ސަރަހައްދުގައި ޕާކިންގެ މައްސަލަ ބޮޑުވެ، ގަވާއިދާ ހިލާފަށް ޕާކުކުރުމުގެ ސަބަބުން މަގުތައް ތޮއްޖެހި، ހިނގާބިނގާވެ އުޅޭ ފަރާތްތަކަށާއި ދުއްވާ އެއްޗެއްސަށް ދަތިވެ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމަށް މެދުވެރިވާތީ، އެންމެހާ ފަރާތްތަކުން ވެސް ގަވާއިދާ އެއްގޮތަށް އުޅަނދު ދުއްވުމަށާއި ޕާކުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

