ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް 2026ގެ ބައިނަލްއަގްވާމީ ކީނޯޓް ސްޕީކަރުން އިއުލާނުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ”އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސް 2026“ (އިންޒެކް 2026) ގައި ތަގްރީރުކުރައްވާ ބައިނަލްއަގްވާމީ މުހިންމު ތިން ކީނޯޓް ސްޕީކަރުން އިއުލާނުކޮށްފިއެވެ.

”އިންޒެކް 2026“ ބާއްވަން ނިންމާފައިވަނީ މި މަހުގެ 28 ވާ ބުދަ ދުވަހުގެ ހެނދުނު 8:30އިން ރޭގަނޑު 7:00އަށް މާލޭގެ އިސްލާމީ މަރުކަޒުގައެވެ. ”އިންޒެކް 2026″ގެ މި އަހަރުގެ މައިގަނޑު ސުރުހީއަކީ ’އަދުގެ މުޖުތަމައުގައި ދިމާވާ އިޖުތިމާއީ ނާޒުކު ހާލަތްތަކާއި، އަރާ އިގްތިސާދީ ލޮޅުންތަކާއި، އެއާ ވިދިގެން އެންމެން ގުޅިގެން އެޅިދާނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެނެގަތުން‘ މިއެވެ.

އެ ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ ފަގީރުކަން ނައްތާލުމާއި، އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދީ ފުދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ އީޖާދީ ގޮތްތައް ހޯދައި މަޝްވަރާކުރުމެވެ. އެ ބައްދަލުވުމުގައި އިސްލާމިކް ސޯޝަލް ފައިނޭންސާއި، ޒަކާތުގެ އިދާރީ ކަންކަމާއި، އަދި އިގްތިސާދީ ތަރައްގީގެ ދާއިރާގެ ބައިނަލްއަގްވާމީ މާހިރުންނާއި ސިޔާސަތު އެކުލަވައިލައްވާ ފަރާތްތަކުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މުޅި ކޮންފަރެންސް ބަހާލެވިފައިވަނީ މައި ތަގްރީރަކާއި ޕެނަލް މަޝްވަރާތައް ހިމެނޭ ތިން ސެޝަނެއްގެ މައްޗަށެވެ.

”އިންޒެކް 2026″ގައި ތިން ސެޝަނެއް ކުރިއަށްދާނެއެވެ. އޭގެ ކޮންމެ ސެޝަނެއްގައިވެސް ކީނޯޓް ސްޕީޗަކާއި، އެއަށްފަހު ޕެނަލް ޑިސްކަޝަނެއް އޮންނާނެއެވެ.

ފުރަތަމަ ސެޝަން ކަމަށްވާ ”ދި އެނަޓޮމީ އޮފް މޮޑަރން ވަލްނަރަބިލިޓީ: ވައި އެންޑް ހައު ފެމިލީސް ފޯލް ބިހައިންޑް“ ގައި ތަގްރީރުކުރައްވާނީ މެލޭޝިޔާގެ އުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިޔާގެ އިސްލާމިކް ފައިނޭންސް އެންޑް ވެލްތު މެނޭޖްމަންޓް އިންސްޓިޓިއުޓްގެ ޑިރެކްޓަރ، އެސޯސިއޭޓް ޕްރޮފެސަރ ޑރ. ފުއާދާ ބިންތި ޖޯހަރީއެވެ. އިސްލާމިކް އިކޮނޮމިކްސް އަދި ޒަކާތުގެ ދާއިރާއިން ފުޅާ ދާއިރާއެއްގައި ދިރާސާތައް ކުރައްވާފައިވާ ޑރ. ފުއާދާގެ ތަގްރީރުގައި އަލިއަޅުވާލައްވާނީ މާލީ ގޮންޖެހުންތަކުގެ ސަބަބުން އާއިލާތަކަށް ކުރާ އަސަރުތަކާއި، އެފަދަ ނިކަމެތިކަމެއް ދާއިމީ ފަގީރުކަމަކަށް ބަދަލުވުމުގެ ކުރިން ފިޔަވަޅުއެޅުމުގެ މުހިންމުކަމުގެ މައްޗަށެވެ.

ދެވަނަ ސެޝަން ކަމަށްވާ ”ދި އާކިޓެކްޗަރ އޮފް ރެޒިލިއަންސް: މަލްޓިސެކްޓަރަލް އެލަޔަންސަސް އެންޑް އިންޓެގްރޭޓެޑް ސޮލިއުޝަންސް“ އިސްވެ ނަންގަވާނީ މެލޭޝިޔާގެ އިންސީފް ޔުނިވަރސިޓީގެ ސެންޓަރ އޮފް އެކްސެލެންސް އިން އިސްލާމިކް ސޯޝަލް ފައިނޭންސްގެ ޑިރެކްޓަރ، ޕްރޮފެސަރ ޑރ. އާމިރު ބިން ޝަހާރުއްދީނެވެ. އެބޭފުޅާގެ ތަގްރީރުގައި، އިޖުތިމާއީ ރައްކާތެރިކަން ހަރުދަނާކޮށް އިގްތިސާދީ ފުދުންތެރިކަން ދެމެހެއްޓުމަށްޓަކައި އިސްލާމިކް ސޯޝަލް ފައިނޭންސް މުއައްސަސާތަކާއި، ދައުލަތުގެ ވެލްފެއަރ އިދާރާތަކާއި، އެންޖީއޯތައް އަދި ޕްރައިވެޓް ސެކްޓަރު ގުޅިގެން މަސައްކަތްކުރުމުގެ ބާރުވެރިކަމުގެ މައްޗަށް ބައްލަވާލައްވާނެއެވެ.

ތިންވަނަ ސެޝަން ކަމަށްވާ ”ފްރޮމް ރެސިޕިއަންޓް ޓު ކޮންޓްރިބިއުޓަރ: އެވިޑެންސް-ބޭސްޑް ސަކްސެސް ސްޓޯރީސް އިން ޕޮވަރޓީ އަލީވިއޭޝަން“ ގައި ތަގްރީރުކުރައްވާނީ މެލޭޝިޔާގެ ލެމްބާގާ ޒަކާތު ނެގެރީ ކެޑާގެ އެސިސްޓެންޓް ޗީފް ޑިސްޓްރިބިއުޝަން އޮފިސަރ، މިސްޓަރ ޔޫސުފް ބިން އަހްމަދެވެ. ޒަކާތް ބެހުމާއި އިޖުތިމާއީ-އިގްތިސާދީ ފުދުންތެރިކަން އިތުރުކުރުމުގެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ މިސްޓަރ ޔޫސުފްގެ ތަގްރީރުގައި، ޒަކާތުގެ އެހީ ލިބޭ ފަރާތްތަކަށް އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ މަގުފަހިކޮށްދީ، އެހީ ލިބިގަންނަ މީހުންގެ ގޮތުގައި ތިބުމުގެ ބަދަލުގައި ޒަކާތް ދައްކާ ފުދުންތެރި ބަޔަކަށް ބަދަލުކުރުމަށް ގެންގުޅެވިދާނެ އަމަލީ އިސްތިރާތީޖީތައް ހިއްސާކުރައްވާނެއެވެ.

އިންޒެކް 2026ގެ މަގުސަދަކީ ހަމައެކަނި ފަގީރުކަމުގެ އަސަރުތައް ކުޑަކުރުމުގެ ވިސްނުން ދޫކޮށްލައި، ފަގީރުކަން މެދުވެރިވާ ސަބަބުތައް ނައްތާލައި ވިލުންތެރި މުޖުތަމައެއް ބިނާކުރުމުގެ ވިސްނުމަށް އިސްކަންދިނުމެވެ. މޯލްޑިވްސް ޒަކާތު ހައުސްއިން އިންތިޒާމުކުރާ ބައިނަލްއަގުވާމީ އެ މަހާސިންތާގައި، އަދުގެ މުޖުތަމައުގައި، ނާޒުކު އަދި ނިކަމެތި ހާލަތްތަކަށް ވާސިލުކުރުވާ ސަބަބުތަކާއި، ގައުމުގެ މުޅި އިގްތިސާދީ ކުރިއެރުމަށް އެކަމުން ކުރާ ނޭދެވޭ އަސަރުތައް ދެނެގަނެ، ސަރުކާރާއި، އިސްލާމީ އިޖުތިމާއީ މާލީ ދާއިރާގައި މަސައްކަތްކުރާ އިދާރާތަކާއި، އަމިއްލަ ފަރާތްތަކާއި، މަދަނީ ޖަމިއްޔާތައް ގުޅިގެން ކުރިއަށްދާނެ މަގުޗާޓެއް އެކުލަވާލާނެއެވެ.

އެ ކޮންފަރެންސަކީ، ޒަކާތަކީ ހަމައެކަނި ވަގުތީ މާލީ އެހީއެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި، އިޖުތިމާއީ ރައްކާތެރިކަމާއި، އިގްތިސާދީ ބާރުވެރިކަމާއި، އަދި ދެމެހެއްޓެނިވި ތަރައްގީގެ ސްޓްރެޓެޖިކް ވަސީލަތަކަށް ހެދުމަށް ޒަކާތު ހައުސްއިން ކުރަމުންދާ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން މުހިންމު މަސައްކަތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: