ނޯވޭގެ ”ފްލޯޝަން“ ކުންފުންޏާ ގުޅިގެން ރާއްޖޭގައި ކަނޑުގެ 500 މީޓަރު އަޑީގައި ލޮނުފެން ތާޒާކުރާ ޕްލާންޓެއް ގާއިމްކުރުމުގެ މަޝްރޫއުގެ އަމަލީ ދިރާސާ ފަށާފައިވާ ކަމަށް އެބްޑަބްލިއުއެސްސީން ބުނެފިއެވެ.
އެމްޑަބްލިއުއެސްސީން ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 2040 ވަނަ އަހަރަށް ތަރައްގީވެފައިވާ ދިވެހިރާއްޖެއެއް ބިނާކުރުމުގެ ތަސައްވުރަށް އެއްބާރުލުން ދިނުމުގެ ގޮތުން އެމްޑަބްލިއުއެސްސީން ދަނީ ގައުމީ ފެނުގެ ރައްކާތެރިކަން ކަށަވަރުކޮށް، މަސައްކަތުގެ ހިންގުން ހަރުދަނާކުރުމާއެކު ދެމެހެއްޓެނިވި އުމްރާނީ ތަރައްގީ ކުރިއެރުވުމަށް އެންމެ ފަހުގެ އީޖާދީ ކަނޑުއަޑީގެ ފެން އުފައްދާ ޓެކްނޮލޮޖީ ކަމަށްވާ ”ސަބްސީ ޑީސެލިނޭޝަން“ ބޭނުންކުރެވިދާނެ ގޮތްތައް ދިރާސާކުރަމުން ކަމަށެވެ.
އެގޮތުން މިހާރު ކުރިއަށްދާ ފީސިބިލިޓީ ސްޓަޑީގެ ބައެއްގެ ގޮތުން ނޯވޭގެ ”ފްލޯޝަން“ ކުންފުނީގެ ޓެކްނިކަލް ޓީމުން ކަނޑުގެ 500 މީޓަރު އަޑިން ފެން ސާމްޕަލް ނަގާފައި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ފުރަތަމަ މުޢާޔަނާއިން ދައްކާ ގޮތުގައި އެއީ އާދަޔާ ހިލާފަށް ސާފު ފެނެއް ކަމަށް އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ. އެ ކުންފުނިން ބުނީ ލެބޯޓަރީ ތަހުލީލުތަކުން ކަށަވަރުކުރެވޭ ގޮތުގައި އެއީ ފެން އުފެއްދުމަށް ބޭނުންކުރެވޭނެ އެންމެ މަތީ ފެންވަރުގެ ތަބީއީ ފެން މަސްދަރުތަކުގެ ތެރޭގައި ހިމެނޭ ފެނެއް ކަމަށެވެ.

އެ ކުންފުނިން ބުނީ، ފްލޯޝަންގެ އީޖާދީ ޓެކްނޮލޮޖީއަކީ ކަނޑުގެ ތަބީއީ ހައިޑްރޯސްޓެޓިކް ޕްރެޝަރުގެ ބޭނުންކޮށްގެން ރިވާސް އޮސްމޯސިސް ކުރިއަށްދާ ގޮތަށް ފަރުމާކޮށްފައިވާ ޓެކްނޮލޮޖީއެއް ކަމަށެވެ. އޭގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު 40 ޕަސެންޓާއި 50 ޕަސެންޓާ ދެމެދުގެ މިންވަރަކުން ދަށްކުރެވި، ކެމިކަލް ބޭނުންކުރަންޖެހޭ މިންވަރު ކުޑަކުރެވި، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ނުހަނު ބޮޑަށް ކުޑަކުރެވޭނެ ކަމަށް ވެސް ފްލޯޝަންއާ ހަވާލާދީ އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ.
އެ ދިރާސާއިން ލިބޭ ނަތީޖާތަކުގެ އަލީގައި އެއީ ޓެކްނިކަލް ގޮތުންނާއި ވިޔަފާރީގެ ގޮތުން އެކަށީގެންވާ ޓެކްނޮލޮޖީއެއްތޯ އެމްޑަބްލިއުއެސްސީން ވަޒަންކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އެއީ ދިވެހިރާއްޖެއަށް އުފެއްދުންތެރި ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ފެނުގެ އުމްރާނީ ވަސީލަތްތަކެއް ފޯރުކޮށްދިނުމަށް އެމްޑަބްލިއުއެސްސީން ވެފައިވާ ދިގު މުއްދަތުގެ އިލްތިޒާމަށް ލިބޭނެ ބާރެއް ކަމަށް ވެސް އެ ކުންފުނިން ދެކެއެވެ.
ސަބްސީ ޑީސެލިނޭޝަން ޓެކްނޮލިޖީއަށް ހާއްސަ ނޯވޭގެ ކުންފުންޏެއް ކަމަށްވާ ފްލޯޝަން ވެބްސައިޓުގައިވާ ގޮތުން އެ ކުންފުނިން ވަނީ ނޯވޭގައި ކަނޑުގެ 500 މީޓަރު އަޑީގައި ޑީސެލިނޭޝަން ޕްލާންޓެއް ގާއިމްކޮށް 6000 ގޭބިސީއަށް ފެން ފޯރުކޮށްދެވޭ މިންވަރަށް ތާޒާ ފެން އުފެއްދުމުގެ ހިދުމަތް ދޭން ފަށައިފައެވެ. އަދި ރާއްޖޭގައި ކުރިއަށް ގެންދަން މަސައްކަތްކުރާ ޕްރޮޖެކްޓުގެ އިތުރުން 15 ޕްރޮޖެކްޓެއް ކުރިއަށް ރޭވިފައިވާ ކަމަށް އެ ކުންފުނީގެ ވެބްސައިޓުގައިވެއެވެ.

