ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށްތައް ކުއްޔަށް ދޭއިރު ސަރުކާރަށް ނަގާ ލީޒް އެކުއިޒިޝަން ކޮސްޓް، ހަ އަތޮޅެއްގެ ރަށްތަކުން ނަގާ މިންވަރު ކުޑަކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ ހަ އަތޮޅަކުން ރަށްތައް ކުއްޔަށް ދިނުމަށް ކަނޑައެޅިފައިވާ ލީޒް އެކުއިޒިޝަން ކޮސްޓް ހިސާބުކުރުމަށް ކަނޑައަޅާފައިވާ ރޭޓްތަކަށް ބަދަލު ގެނެސްފައެވެ. އޭގެ ތެރޭގައި، ހއ. އަތޮޅު، ހދ. އަތޮޅު، ށ. އަތޮޅު، ތ. އަތޮޅު، ލ. އަތޮޅު، އައްޑު އަތޮޅު ހިމެނެއެވެ.
އެގޮތުން ގެނެސްފައިވާ ބަދަލުތަކަށް ބަލާއިރު ހއ. ހދ. ށ. އަދި ތ. އަތޮޅުގެ ބޭސް ރޭޓު 500،000 ޑޮލަރުން 400،000 ޑޮލަރަށް ކުޑަކޮށްފައިވެއެވެ. އަދި އެ އަތޮޅުތަކުގެ ހެކްޓަރަކަށް ޖެހޭ ރޭޓު 50،000 ޑޮލަރުން 35،000 ޑޮލަރަށް ކުޑަކޮށް، ލ. އަތޮޅުގެ ބޭސް ރޭޓު 800،000 ޑޮލަރުން 700،000 ޑޮލަރަށް ވަނީ ކުޑަކޮށްފައެވެ. މީގެ އިތުރުން ހެކްޓަރަކަށް ޖެހޭ ރޭޓު 75،000 ޑޮލަރުން 60،000 ޑޮލަރަށް ކުޑަކޮށްފައިވެއެވެ. އަދި އައްޑޫގެ ބޭސް ރޭޓު 500،000 ޑޮލަރުން 400،000 ޑޮލަރަށް އަދި ހެކްޓަރަކަށް ޖެހޭ ރޭޓު 50،000 ޑޮލަރުން 35،000 ޑޮލަރަށް ވަނީ ކުޑަކޮށްފައެވެ.
މި ހަ އަތޮޅުގައި ވެސް 40 ހެކްޓަރަށް ވުރެ ބޮޑެތި ބިންތަކުން ލޮކޭޝަން ނުވަތަ ސައިޒް ޕްރިމިއަމްގެ ގޮތުގައި ނަގާ އަގު 1 މިލިއަން ޑޮލަރުން 500،000 ޑޮލަރަށް ވަނީ ކުޑަކޮށްފައެވެ.
މި ލުއިތައް ދެމިއޮންނާނީ މިދިޔަ އަހަރު އެ ރޭޓުތަކަށް ބަދަލު ގެނައި ތާރީހު ނުވަތަ 29 ޖޫން 2025 އިން ފެށިގެން ދެ އަހަރުދުވަހުގެ މުއްދަތަކަށެވެ. އެހެންވެ، އެ މުއްދަތު ހަމަވާނީ 25 ޖޫން 2027ގައެވެ.
އިއްޔެ ކުރި އިއުލާނުގައި ފަޅުތަކުގެ ލީސް އެކުއިޒިޝަން ކޮސްޓަށް ބަދަލެއް ގެނެސްފައި ނުވާއިރު ޓުއަރިޒަމް މިނިސްޓްރީން ވަނީ މިދިޔަ އަހަރުގެ ޖޫން މަހު ވެސް އެ ހަ އަތޮޅުން ރަށްތަކާއި ފަޅު ކުއްޔަށް ދިނުމަށް ކަނޑައަޅާފައިވާ އެކުއިޒިޝަން ކޮސްޓުތަކަށް ބަދަލު ގެނެސްފައެވެ.

