އިންޓަނޭޝަނަލް ޒަކާތު ކޮންފަރެންސް، އިންޒެކް 2026ގެ ދެވަނަ ސެޝަންގައި ބައިވެރިވެވަޑައިގަންނަވާ ޕެނަލިސްޓުން މޯލްޑިވްސް ޒަކާތު ހައުސްއިން އިޢުލާންކޮށްފިއެވެ.
’ވިލުންތެރިކަމުގެ އަސާސު: އެކި ދާއިރާތައް އެކުގައި މަސައްކަތްކުރުމާއި، ގުޅިގެން ނެރެވިދާނެ ހައްލުތައް‘ މި މައުޟޫއަށް ކުރިއަށްގެންދާނެ މި ސެޝަންގައި، ޒަކާތުގެ އިދާރާތަކާއި، ޓެކްނޮލޮޖީ ދާއިރާއާއި، އިޖުތިމާޢީ ޚިދުމަތްތަކުގެ އިތުރުން އަމިއްލަ ވިޔަފާރިތަކުގެ ދާއިރާއިން މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އެ ސެޝަންގައި، ގުޅިގެން މަސައްކަތްކުރުމުގެ ތެރެއިން އެހީތެރިކަމަށް ބޭނުންޖެހިފައިވާ ފަރުދުންނާއި ޢާއިލާތަކަށް ދެވޭ އެހީތެރިކަން އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާމެދު މަޝްވަރާކުރެވޭނެއެވެ.
އެ ޕެނަލްގައި ހިމެނިވަޑައިގަންނަވަނީ، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާޢު ޢައްބާސް، މައިންޑްކޯގެ ހެޑް އޮފް ޑިޖިޓަލް ސޮލިއުޝަންސް މުޙައްމަދު އަރުޝަދު، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ސޯޝަލް ސަރވިސަސް ކޯޑިނޭޓަރ ޢަބްދުﷲ އަޝްރަފް، އަދި މޯލްޑިވްސް ނެޝަނަލް ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ ނައިބު ރައީސް ޙަސަން ޝަމާމެވެ.
މި މަޝްވަރާތައް މޮޑެރޭޓްކުރައްވާނީ މޯލްޑިވްސް ޒަކާތު ހައުސްގެ އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ ޢާއިޝަތު ޝައްމާ ޢާމިރެވެ.
މި ސެޝަންގައި، އެކި މުއައްސަސާތަކުން ވަކިވަކިން ކުރަމުންދާ މަސައްކަތްތަކުން ދުރަށްޖެހި، ސަރުކާރުގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކާއި، ޑިޖިޓަލް ވަސީލަތްތަކާއި އަދި އަމިއްލަ ދާއިރާގެ މަސައްކަތްތަކާ ޒަކާތާއި އެހެނިހެން އިސްލާމީ އިޖުތިމާޢީ ފައިނޭންސް ގުޅުވައިދޭ ޤައުމީ ފެންވަރުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމުގެ މުހިންމުކަމުގެ މައްޗަށް ބަލާލާނެއެވެ. އަދި މިފަދަ ގުޅިފައިވާ މަސައްކަތްތަކުގެ ސަބަބުން އެހީ ލިބޭ ފަރާތްތަކުގެ ތަފާތު ބޭނުންތަކަށް ޙައްލު ހޯދައިދީ، މާލީގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަގުފަހިކޮށްދެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެވޭނެއެވެ.
އެކި ދާއިރާތަކުގެ ތަޖުރިބާކާރުންގެ ވިސްނުންތައް އެއްތަނަކުން ޙިއްޞާކޮށް ކުރިއަށްދާނެ މި މަޝްވަރާތަކުން މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ވަސީލަތްތައް ބޭނުންކުރުމުގައި އެއް އަމާޒެއް ކަނޑައެޅުމާއި އެހީ ލިބޭ ފަރާތްތަކަކީ މާލީ އެހީތެރިކަމަށް ބަރޯސާވުމުގެ ބަދަލުގައި އިޤްތިޞާދީ ގޮތުން އަމިއްލަ ފުދުންތެރިކަން ލިބިފައިވާ ބަޔަކަށް ހެދުމަށް ޓަކައި ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރެވިދާނެ ގޮތްތައް ހޯދުމަށް ފުރުޞަތު ލިބިގެންދާނެއެވެ.
އިންޒެކް 2026 ބޭއްވުމަށް ހަމަޖެހިފައިވަނީ 28 އޮކްޓޫބަރު 2026 ވާ ދުވަހުގެ ހެނދުނު 8:30އިން ރޭގަނޑު 7:00އަށް، މާލެ ސިޓީގެ އިސްލާމީ މަރުކަޒުގައެވެ.

