ދިވެހިރާއްޖެއަށް އަސާސީ ބޭސް ފޯރުކޮށްދިނުމުގައި އެހީވުމުގެ ގޮތުން، ފަސް މިލިއަން ރުޕީސްއަށްވުރެ އަގުބޮޑު ބޭހުގެ ޝިޕްމެންޓެއް ސްރީ ލަންކާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
މި ތަކެތި ހަދިޔާކުރީ މިދިޔަ ބުރާސްފަތި ދުވަހު ލަންކާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް މާސް މީޑިއާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރާއްޖޭގެ މިނިސްޓާ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީ އެދިވަޑައިގެންނެވުމާ ގުޅިގެން ދިން މި އެހީ ރަސްމީކޮށް ހަވާލުކޮށްދެއްވީ ލަންކާގެ ހެލްތު އެންޑް މާސް މީޑިއާ މިނިސްޓަރު ޑރ. ނަލިންދާ ޖަޔަތިއްސާއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ހައި ކޮމިޝަނަރު މަސްއޫދު އިމާދެވެ.
މި އެހީ ފޯރުކޮށްދިނުމުގައި ލަންކާގެ މެޑިކަލް ސަޕްލަޔާސް ޑިވިޝަނާއި، ސްޓޭޓް ފާމަސޫޓިކަލް މެނުފެކްޗަރިން ކޯޕަރޭޝަން އަދި ޗޭމްބާ އޮފް ފާމަސޫޓިކަލް އިންޑަސްޓްރީން ބައިވެރިވެފައިވެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައި ކޮމިޝަނަރު މަސްއޫދު އިމާދު ވަނީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސާނަޔަކަގެ ސަރުކާރަށާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ފާހަގަކުރައްވާފައެވެ.
މިދިޔަ މެއި މަހުގެ ތިން ވަނަ ދުވަހުން ހަވަނަ ދުވަހަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ. އެ ދަތުރުފުޅު ކުރެއްވީ، ލަންކާގެ ރައީސް ދިސާނަޔަކަގެ ދައުވަތަކަށެވެ.

