ޤައިދީންނާއި ބަންދުމީހުންނަށާއި، އޮފިސަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާފައިވާނެކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް، އަޙްމަދު މުޙައްމަދުފުޅު މިހެން ވިދާޅުވެފައި މިވަނީ، ފިޠުރު ޢީދުގެ ތަހުނިޔާ ވިދާޅުުވެ ޓްވިޓަރގައި ޢާންމުކުރެއްވި ވީޑިއޯގައެވެ.
ދިވެހިރާއްޖެއިން ކޮވިޑް-19 ފެނުމާއެކު ކަރެކްޝަނަލް ސަރވިސްގެ އެންމެ ބޮޑު އަމާޒެއްކަމުގައިވީ، އެ ސަރވިސްގެ ބެލުމުގެދަށުން ހިންގަމުން އަންނަ ޖަލުތަކަށް، ބަލީގެ އެއްވެސް އަސަރެއް ނުފޯރާނެހެން ކަންކަން އިންތިޒާމުކުރުންކަމަށް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވިއެވެ.
މި ގޮތުން ރާއްޖެ ލޮކްޑައުންކުރުމާއި ހިސާބުން ފެށިގެން، ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ހުރިހައި ޖަލުތަކެއް އެލަރޓް ހާލަތަށް ގެނެސްފައިވާކަމަށް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވިއެވެ.
ހަމައެއާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާނެކަމަށާއި، ޖަލަށް ޒިޔާރަތްކޮށްގެން ހޯދަމުންދިޔަ ގިނަ ޚިދުމަތްތަކެއްވާނީ އޮންލައިން ކުރެވިފައިކަމަށް ވެސް، އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.
”ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 މި ބަލި ދިވެހިރާއްޖެއަށް ފެނުމާއެކު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެންމެ ބޮޑު އަމާޒެއްކަމުގައި ވެގެންދިޔައީ، މި ސަރވިސްގެ ބެލުމުގެދަށުން ހިންގަމުންދާ ޖަލުތަކަށް، ބަލީގެ އެއްވެސް އަސަރެއް ނުފޯރާނެގޮތަށް، ކަންކަންރޭވުން. އެހެންކަމުން ދިވެހިރާއްޖެ ފުރަބަންދުކުރި ދުވަހުން ފެށިގެން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ހިންގާ ހުރިހާ ޖަލުތަކެއްވަނީ އެލަރޓް ހާލަތަކަށް ގެނެވި ބަދަލުކުރެވިފަ. އެނގިވަޑައިގަންނަވާނޭ ފަދައިން، ނުރައްކާތެރި ބަލިމަޑުކަމާއި ގުޅިގެން މި ސަރވިސްއިން ޤައިދީންނާއި ބަންދުމީހުންނަށް އަދި އޮފިސަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއްވަނީ އަޅާފަ. އެ ގޮތުން ޖަލަށް ޒިޔާރަތްކޮށްގެން ހޯދަމުންދިޔަ ގިނަ ޚިދުމަތްތަކެއްވަނީ އޮންލައިން ކުރެވިފަ.“ އަޙްމަދު މުޙައްމަދު ފުޅު
އަޙްމަދު މުޙައްމަދުފުޅު މިހެން ވިދާޅުވެފައިވާއިރު، އެ ސަރވިސް އިންވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.
މި ގޮތުން އެ ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޤައިދީންނާއި، ބަންދުމީހުން އަދި ޖަލުތަކުގައި މަސައްކަތްކުރަމުންދާ އޮފިސަރުންނާއި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، މާފުށީ ޖަލު ޑިސްއިންފެކްޓްކޮށްފައިވެއެވެ.
އެ ހަރަކާތުގައި ގޮޅިތަކާއި، ފާޚާނާތަކާއި، ކޮރިޑޯތަކުގެ އިތުރުން ޤައިދީންނާއި،ބަންދުމީހުން ބޭނުންކުރާ އާންމު ތަންތަން ވެސް ޑިސްއިންފެކްޓްކޮށްފައިވެއެވެ.
މީގެ އިތުރުން، އެ ސަރވިސްއާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގުޅިގެން، ޖަލުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމާއި ބެހޭގޮތުން މާފުށީ ޖަލުގައި ތަމްރީން ޕްރޮގްރާމެއް ވެސް ކުރިއަށް ގެންގޮސްފައެވެ.
ހަމައެއާއެކު ވައިރަހުގެ އަސަރު ޖަލުތަކަށް ކޮށްފައިވާ މިންވަރު ދެނެގަތުމަށްޓަކައި، އެޗްޕީއޭއާއި ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ހަރަކާތުގައި، ހުޅުމާލެ ޖަލުންނާއި، މާފުށީ ޖަލުންނާއި، އައްސޭރި ޖަލުންނާއި، މާލޭޖަލުން ޖުމްލަ 143 ސާމްޕަލެއް ނަގާފައިވެއެވެ. އެހެންނަމަވެސް އެ ހުރިހައި ސާމްޕަލެއް ވެސްވަނީ ނެގެޓިވްވެފައެވެ.
އަޙްމަދު މުޙައްމަދު ވިދާޅުވީ، ޖަލުތަކުގައި އެޅުނު ހުރިހައި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، މާތްﷲ ގެ ވާގިފުޅާއެކު، ޖަލުތަކުގައި ބަލީގެ އެއްވެސް އަލާމާތެއްނެތްކަން އެނގިގެންދިއުމަކީ، ޤައިދީންނަށާއި، ބަންދު މީހުންނަށާއި، އެމީހުންގެ ޢާއިލާތަކަށާއި، އެ ސަރވިސްއަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.
”މި ހުރިހައި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، މާތްﷲ ގެ ވާގިފުޅާއެކު މިއަދާއި ހަމައަށް އެއްވެސް ޖަލެއްގައި ބަލީގެ އެއްވެސް އަލާމާތެއްނެތްކަން، އަޅުގަނޑުމެންނަށާއި، ޤައިދީންނަށާއި، ބަންދު މީހުންނަށާއި އަދި އެމީހުންގެ ޢާއިލާތަކަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެއް.“ އަޙްމަދު މުޙައްމަދު ފުޅު
އަޙްމަދު މުޙައްމަދު ވިދާޅުވީ، އެ ސަރވިސްގެ އަމާޒަށް ވާސިލުވުމަށްޓަކައި، ކުރެވުނު ބުރަ މަސައްކަތަށް ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން ގޮސްފައިވާކަމަށެވެ.
މި ގޮތުން، ކަމާ ގުޅުންހުރި ގިނަ މުޢައްސަސާތަކެއްގެ އެއްބާރުލުން ލިބިފައިވާކަން، އަޙްމަދު މުޙައްމަދުވަނީ ފާހަގަކުރައްވާފައެވެ.
ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންގެ ޚިދުމަތްތައް ފާހަގަކުރައްވައި އަޙްމަދު މުޙައްމަދު ވިދާޅުވީ، އެ ސަރވިސްއިން ކަނޑައެޅި އުސޫލުތަކާއި، ހަމަތައް ތަންފީޒުކުރުމަށް މުވައްޒަފުން ބުރަ މަސައްކަތެއްކޮށްފައިވާކަމަށާއި، ވޭތުވެގެންދިޔަ ރަމަޟާންމަހުގެ ދުވަސްތައް ޢާއިލާއާއި، ދުރުގައި ހަމައެކަނި ވަޒީފާއަދާކުރާ ތަނުގައި މުވައްޒަފުން ތިބި ތިބުމަކީ، ވަރަށް ބޮޑު ޤުރުބާނީއެއްކަމަށެވެ.
”އަޅުގަނޑުމެންގެ އަމާޒަށް ވާސިލުވުމަށްޓަކައި، ކުރެވޭ ބުރަ މަސައްކަތަށް ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަންވަނީ ލިބިގެން ގޮސްފަ. އެގޮތުން ގުޅުންހުރި ގިނަ މުއައްސަސާތަކެއްގެ އެހީތެރިކަން، މި ސަރވިސްއަށް ލިބިގެން ގޮސްފައިވޭ. ހަމަ މިއާއެކު މި ސަރވިސްއިން ކަނޑައެޅި އުސޫލުތަކާއި ހަމަތައް ތަންފީޒުކުރުމަށް އެންމެ ބުރަ މަސައްކަތެއްކޮށްފއިވަނީ ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުން. ބަރަކާތްތެރި ރަމަޟާންމަހުގެ ދުވަސްތައް ޢާއިލާއާއި، ދުރުގައި ހަމައެކަނި ވަޒީފާއަދާކުރާ ތަނުގައި ތިބެން ޖެހުމަކީ ވަރަށްބޮޑު ޤުރުބާނީއެއް.“ އަޙްމަދު މުޙައްމަދު ފުޅު
https://twitter.com/CorrectionsMv/status/1264265960740933632?s=19
މި ގޮތުން، އަޙްމަދު މުޙައްމަދު ވަނީ، އެ ސަރވިސްއަށް އެހީތެރިކަން ފޯރުކޮށްދިން ހުރިހައި ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ. އަދި ވަކިން ޚާއްސަކޮށް އެ ސަރވިސްގެެ އޮފިސަރުން ޖަލުގައި ތިބެ ކުރި ބުރަ މަސައްކަތަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށް އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.

