މިހާރުގެ ސަރުކާރުން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއަކީ އެމްޑީޕީގެ ވެރިކަމެއްގައި ކުރިއަށް ގެންދިޔަ ކަމެއް ނަމަ، އިދިކޮޅު ފަރާތްތަކުން ނުކުމެ މުޅި މާލޭގައި ރޯކުރާ ހިސާބަށް ކަންކަން ގެންދާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިހެން ވިދާޅުވީ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރަސްމާލެ މަޝްރޫއުގެ ތެރެއިން 12 ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއް ގެންނަ ވާހަކަ ސަރުކާރުން ދައްކާއިރު، ގައުމު ފެއިލްވެ މުޅި ގައުމު ވިއްކާލަން އުޅޭނަމަ 100 ބިލިއަން ނުވަތަ 200 ބިލިއަން ޑޮލަރު ދޭނެ މީހުންވެސް ތިބޭނެ ކަމަށް އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ޖީއެމްއާރު އެއްބަސްވުން ހެދީ ދުނިޔޭގެ ބޭންކާއި އައިއެފްސީގެ އެހީތެރިކަމާއެކު ދެފުށް ފެންނަ، އޯޕަން ޓެންޑަރިންގ އުސޫލުން ކަމަށް އަމީރު ވިދާޅުވިއެވެ.
ނަމަވެސް އޭރު އެމްޑީޕީގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އެކަން ލާދީނީ ކަމެއްގެ ގޮތުގައާއި ގައުމުގެ ސިޔާދަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ސިފަކޮށް ބޭރުކޮށްލި ކަމަށާއި، މިހާރު ހިންގާ ފަދަ ސިއްރު ޕްރޮޖެކްޓެއް އޭރު އެމްޑީޕީން ހިންގި ނަމަ މުޅި މާލޭގައި ހުޅުޖަހާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
”މިއީ އެމްޑީޕީ ސަރުކާރެއް އޮވެ އަޅުގަނޑުމެން ކުރާކަމެއްނަމަ ހާދަ ވާހަކައެއް ދައްކާނޭ. މުޅި މާލޭގައި ރޯކުރާ ހިސާބަށް ގެންދާނެ މި މީހުން،“ އަމީރު
އަމީރު އިތުރަށް ވިދާޅުވީ، އެމްޑީޕީން ސީދާ ބޭރުގެ އިންވެސްޓްމަންޓްތަކަށް ދުވަހަކުވެސް ދެކޮޅު ނުހަދާ ކަމަށެވެ. އެގޮތުން ކޮންމެ ބަޔަކު ވިޔަސް ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ތެރެއިން އިންވެސްޓްކުރުމަށް އެމްޑީޕީން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، މި ސަރުކާރުން ގާނޫނާ ޚިލާފަށް ސިއްރުން ކަންކަން ކުރުމަށްފަހު، ފަހުން ގާނޫނުތައް ބަދަލުކުރަން އުޅުމަކީ ރައްޔިތުންގެ އިތުބާރު ގެއްލި، މަޝްރޫއުތައް ފެއިލްވާން މެދުވެރިވާ މައިގަނޑު ސަބަބު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ސަރުކާރުން އަމަލުކުރަމުން ދަނީ މެނިފެސްޓޯއާ މުޅިން ޚިލާފަށް، ޔަހޫދީން ފަދައިން މަކަރުވެރި އުސޫލުތަކުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.
އީގަލް ހިލްސްގެ މަޝްރޫއު ފެއިލްކުރުމަށް ވެސް މަސައްކަތް ކުރަނީ މި ސަރުކާރުންކަމަށް އަމީރު ވިދާޅުވިއެވެ. އެންމެ ފުރަތަމަ ދުވަހުވެސް ރާއްޖޭގެ ޤާނޫނުއަސާސީ ތަންދޭގޮތަށް ރައްޔިތުންނަށް ސާފުކޮށް ރަސްމާލެ ޕްރޮޖެކްޓްގެ އެއްބަސްވުން ހާމަކޮށް ކިޔާދޭންޖެހޭކަމަށް އަމީރު ތަކުރާރުކުރެއްވިއެވެ. އަދި ސަރުކާރުން ރަސްމާލެ ޕްރޮޖެކްޓްގެ މައުލޫމާތުތައް ހިއްސާކުރާނަމަ އެމްޑީޕީއަކުންވެސް މި މަޝްރޫއޫ ހުއްޓުވަން ބޭނުންނުވާކަމަށް އަމީރު ވިދާޅުވިއެވެ.

