ގާނޫނުއަސާސީ އިސްލާހުކުރަން ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ސަރުކާރާއި އެމްޑީޕީން އަންގާ ގޮތަކަށް ވޯޓެއް ނުދެއްވާނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
މިއީ ސަރުކާރާއި އަދި އެމްޑީޕީއާ ދެކޮޅަށް މިހާ ފާޅުކަން ބޮޑުގޮތެއްގައި އިންތި އެއްޗެއް ވިދާޅުވި ފުރަތަމަ ފަހަރެވެ.
ބުދާ ދުވަހު އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން އިންތި ވަނީ ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ ހާލަތެއް ރާއްޖޭގައި މިވަގުތު ނެތް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވާފައެވެ. އަދި މި ހާލަތުގައި ވޯޓް ދެއްވާނީ އަމިއްލަ ނަފުސަށް އެއީ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރެވިފައިވާ ގޮތަށް ކަމަށް އިންތި ވިދާޅުވިއެވެ.
”ގާނޫނު އަސާސީގެ ރޫހާ ޚިލާފުކަމެއްކަމުގެ ސުވާލު އުފެދިފައިވާ ވަގުތެއްގައި އަޅުގަނޑުގެ ނަފުސަށް އަޅުގަނޑަށް ކޮންވިންސް ވެފައިވާ ގޮތަކަށް އަޅުގަނޑު އަމަލުކުރާނީ، އެއީ ޕާޓީއަކުން އަންގާ ގޮތަކަށެއް ނޫން. ސަރުކާރަކުން އަންގާ ގޮތަކަށެއް ނޫން،“ އިންތި
މީގެ އިތުރުން އިންތި ވިދާޅުވީ ކަމެއް ނުކުރެވޭ ފަދަ ހާލަތެއްގައި އެކަމެއް ކުރާކަށް ގާނޫނު އަސާސީ މަޖުބޫރެއް ނުކުރާނެ ކަމަށެވެ. އަދި ގާނޫނު އަސާސީއަށް ބަދަލު ގެނެސްގެން ކައުންސިލަރުންގެ ދައުރު ދަންމައިލިޔަސް، އެއީ އިންތިހާބުކޮށްފައިވާ ކައުންސިލަރުންނަށް ނުވާނެ ކަމަށް ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބު ފަސްކުރަން ޖެހުމުން އުފެދޭ ހުސްކަމަށް އެ ނޫން ހައްލުތައް އެބަހުރި ކަމަށާއި އިންތިހާބެއް ނުބޭއްވޭ ކޮންމެ ފަހަރަކު ގާނޫނު އަސާސީ އިސްލާހު ކުރަން ޖެހޭނަމަ ”މިއީ ހަމަ ގަދަ ބައެއް“ ކަމަށް އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ ގުދުރަތީ ކަމަކާ ގުޅިގެން ދީނީ ވާޖިބުތައް އެންމެ ފުރިހަމަ ގޮތުގައި އަދާ ނުކުރެވޭ ހާލަތަށް އައިސް ލުއި ލިބޭއިރު ގާނޫނު އަސާސީއާއި ގާނޫނުގައި ބުނާ މުއްދަތަކަށް އިންތިހާބު ނުބޭއްވުމުން މުއައްސަސާތައް ކުށްވެރިވާނެ ހާލަތެއް ނޯންނާނެ ކަމަށެވެ.
”މިއީ ގާނޫނު އަސާސީ އިސްލާހު ކުރެވޭނެ ހާލަތެއްތޯ. ކޮން ކަހަލަ ވިސްނުމެއްތޯ އަޅުގަނޑުމެން މި ގެންގުޅެނީ. ކިހިނެއްތޯ މި ދުސްތޫރުތައް މި މާނަކުރަނީ. ކޮން ކަހަލަ ވިޕް ތަކެއްތޯ މި ނެރެނީ“ އިންތި
ބުދަ ދުވަހުގެ ޖަލްސާގައި އިންތި މިހެން ވިދާޅުވި އިރު ގާނޫނު އަސާސީ އިސްލާހުކުރަން ވޯޓްދޭން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އަންގާރަ ދުވަހުގެ ރޭ ވަނީ ތްރީލައިން ވިޕެއް ނެރެފަ އެވެ.
އިންތިގެ އިތުރުން ވެސް ގާނޫނު އަސާސީ އިސްލާހު ކުރަން ނުފެންނަ ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގައި ވާހަކަ ދެއްކެވި ބައެއް މެންބަރުން މިއަދު ތަޅުމުގައި ވާހަކަ ދެއްކެވި އެވެ.

