ބެލަރޫސްގައި ތިބި ދިވެހި ދަރިވަރުންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ 50 ދަރިވަރުން އަދި އިނގިރޭސިވިލާތުން 23 ދިވެހިން އަންނަ އާދިއްތަ ދުވަހު ރާއްޖެ އަންނާނެކަމަށް ފޮރިން މިނިސްޓްރީއިން ހާމަކޮށްފިއެވެ.
ދަތުރުގެ މައުލޫމާތު ހިއްސާކޮށް ފޮރިން މިނިސްޓްރީއިން ބުނެފައިވަނީ ދަރިވަރުން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ސްރީލަންކަން އެއާލައިންސްގައި ލަންޑަންއިން ކަމަށެވެ. އަދި އެއަށްފަހު ބެލަރޫސްގައި ތިބި ދިވެހި ދަރިވަރުން އެ ފަލައިޓުން ދަތުރުކުުރުމަށް މި ހަފްތާގެ ހޮނިހިރު ދުވަހު މިންސްކްއިން ލަންޑަނަށް ދަތުރު ކުރާނެ ކަމަށެވެ.
ފްލައިޓްގެ އިންތިޒާމްތައް ހަމަޖެއްސުމަށް ފޮރިން މިނިސްޓްރީއާ، ޖަރުމަންވިލާތުގައި ހުންނަ ދިވެހި އެމްބަސީއާއި އަދި އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަނުން ސްރީލަންކަން އެއާލައިންސްއާ އިނގިރޭސިވިލާތުގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ފްލައިޓްގައި އަންނަ ދަރިވަރުން ޓިކެޓަށް ހަރަދު ކުރަނީ އަމިއްލަ އަށެވެ. އެ މީހުން ރާއްޖެ އައުމުން 14 ދުވަހަށް ކަރަންޓީނު ކުރާނެ އެވެ.

