ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރަކީ އިމަރޖެންސީ ހާލަތުގައި އިންތިޚާބު ފަސްކުރަން މެދުވެރިވެއްޖެ ޙާލަތުގައި ޢަމަލުކުރާނެ ދުސްތޫރީ އަދި ޤާނޫނީ ޢާންމު އުޞޫލުތައް ޝާމިލުވެގެންވާ ނައްޞުތައް އެކުލެވޭގޮތަށް ޤާނޫނުއަސާސިއަށާއި، ޤާނޫނުތަކަށް އިޞްލާޙު ގެނައުންކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. ދީދީ އާއްމު ކުރެއްވި ބަޔާނުގައި ވިދާޅުވީ ދައުލަތުގެ ދުސްތޫރީ ނިޒާމު އޭގެ މައްޗަށް ބިނާވެގެންދާ އެންމެ އަސާސީ އެއް ދުސްތޫރީ މަބްދައަކީ ދިވެހި ދައުލަތުގެ ބާރުތައް ވަކިވެފައި އޮތުމާއި ދިވެހި ރާއްޖޭގެ ގާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށް ކަމާއި ވެރިކަން ހިންގުމުގެ ބާރު ލިބިގެން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަން އަދި އަދުލު އިންސާފު ގާއިމްކުރުމުގެ ބާރު ލިބިގެންވަނީ ދިވެހި ރާއްޖޭގެ ކޯޓުތަކަށް ކަން ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 05 ވަނަ މާއްދާއާއި 06 ވަނަ މާއްދާ އަދި 07 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮންނައިރު ދިވެހި ދައުލަތުގެ އެއްވެސް ބާރަކަށް ގާނޫނު އަސާސީން އެ ބާރަކާއި މަތިކޮށްފައިވާ އިހްތިސާސް ފަހަނައަޅައި ނުދެވޭނެކަން ގާނޫނު އަސާސީގެ 08 ވަނަ މާއްދާއަށް ބެލުމުން އެނގޭ ކަމަށެވެ.
ބަޔާނުގައި ބުނެފައިވަނީ މި ޒަމާނުގެ އެންމެހައި ދުސްތޫރީ ނިޒާމުތަކުގައި ދައުލަތުގެ ”ނިޒާމް އާންމް“ ނުވަތަ ”ޕަބްލިކް އޯޑާރ“ ނެގެހެއްޓުމަކީ ވެރިކަން ހިންގުމުގެ ބާރުގެ އެންމެ އަސާސީ އެއް މަސްއޫލިއްޔަތު ކަމަށެވެ. އަދި ”ޕަބްލިކް ހެލްތް“ އަދި ”ޕަބްލިކް ޓްރެންކުއިޓީ“ މުޖްތަމައުގެ ތެރޭގައި ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ވެރިކަން ހިންގުމުގެ ބާރުގެ މަސްއޫލިއްޔަތެއް ކަމާއި، އެކަމާއި ގުޅިގެން ތަންފީޒު ކުރަންޖެހޭ ގާނޫނީ އުސޫލުތައް ކަނޑައަޅައި ގާނޫނުތައް ފާސްކުރުމަކީ ގާނޫނު ހެދުމުގެ ބާރުގެ މަސްއޫލިއްޔަތެއްކަން އަދި އެއާއި ގުޅިގެން އުފެދޭ ހުސޫމަތް ނުވަތަ ޑިސްޕިއުޓްތައް ބަލައި ފައިސަލާ ކުރުމަކީ ކަމާއި ބެހޭ ޝަރުއީ ކޯޓުތަކުގެ އިހްތިސޯސްއެއްކަމީ ދުސްތޫރީ ގޮތުންނާއި ގާނޫނީ ގޮތުން އެއާއި މެދު ދެބަސް ނުވެވޭނެ ހަގީގަތެއްކަން ”ސެޕަރޭޝަން އޮފް ޕަވާސް“ ގެ މަބްދައުގެ އަލީގެ ބެލުމުން އެނގޭ ކަމަށެވެ.
ކޮވިޑާއި ގުޅިގެން ރާއްޖޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް އޭގެ ދަށުން އަޅަން ޖެހޭ އެކި ފިޔަވަޅުތައް އަޅާފައިވާކަން ފާހަގަކުރައްވާ ޑރ. ދީދީ ވިދާޅުވީ އެ ފިޔަވަޅުތަކުގައި މާލެ ސަރަހައްދު ލޮކްޑައުންކޮށް ވަކި އުސޫލުތަކެއްގެ ދަށުން ނޫން ގޮތަކަށް އެއްވެ އުޅުން މަނާ ކުރެވުނު ކަމަށެވެ. އަދި އެކަމުގެ ސަބަބުން 2020 ވަނަ އަހަރުގެ ޖޫން މަހު ދުސްތޫރީ މުއްދަތު ހަމަވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ގާނޫނާއި އެއްގޮތުގެ މަތީން ކައުންސިލަރުން ހޮވުމަށް 2020 ވަނަ އަހަރުގެ މާޗު މަހުގެ ކުރިން ކަނޑައެޅިފައި އޮތް އިންތިހާބު އެ މުއްދަތުގައި ބޭއްވުމަށް ހުރަސްއެޅިފައިވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅި ކަމަށެވެ. އަދި ކުރިމަތިވެފައިވާ ދުސްތޫރީ ޑިސްޕިއުޓަށް ހައްލެއް ހޯދައި، އިންތިހާބު ފަސްކުރުމުގެ އަމުރަކަށް ވެސް އެދުނު ކަމަށެވެ.
ގައުމަށް ކުރިމަތިވާ ތަފާތު އިމަރޖެންސީގެ ނުވަތަ ނެސެސިޓީގެ ޙާލަތުގައި، ކޮންސްޓިޓިއުޝަނަލް ޑެޑްލައިންތަކެއް ކަނޑައެޅިފައިވާ އިންތިޚާބީ މަޤާމުތަކަށް މީހުން ހޮވުމަށް ޤާނޫނީގޮތުން ބާއްވަންޖެހޭ އިންތިހާބުތައް ބޭއްވުމާއި ބެހޭގޮތުން ނެރުއްވި ބަޔާނުގައި ޑރ. ދީދީ ވިދާޅުވީ އިންތިޚާބުތައް ބޭއްވުމަށް ޢަމަލީގޮތުން ނުކުޅެދިއްޖެ ހިނދެއްގައި އިންތިހާބު ފަސްކުރުމާބެހޭ ގޮތުންނާއި، އިންތިހާބީ މަޤާމުތަކުގެ ދުސްތޫރީ ދައުރު ނުވަތަ މުއްދަތު ހަމަވާފަހުން އެ މަޤާމުތަކުގައި ތިބި ފަރާތްތައް މަޤާމުގައި ދެމިތިބުމާ ބެހޭ ޢާންމު އުޞޫލުތަކާއި އަސާސްތައް ބަޔާންކުރާ ދުސްތޫރީ ނުވަތަ ގާނޫނީ ނައްސުތަކެއް ދިވެހިރާއްޖޭގެ ގާނޫނީ ފްރޭމްވަކްގެ ތެރޭގައި ގާއިމުވެފައި ނެތްކަން ފާހަގަކުރެވިފައިވާއިރު، ބުނެވުނު ފަދަ ދުސްތޫރީ ޑިސްޕިއުޓުތަކަށް ގާނޫނު އަސާސީ މާނަކޮށް ހައްލު ހޯދައި ދިނުމުގެ ބާރަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭކަމެއް ކަމަށެވެ. ނަމަވެސް އޭގެ ފަހުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އަނބުރާ ގެންގޮސް، މަޖިލީހުން އެ މައްސަލަޔަށް ޙައްލު ހޯދައި ދިނުމަށް އެދުނުކަން ފާހަގަކުރެއްވިއެވެ.
ޑރ. ދީދީ ވިދާޅުވީ އިންތިހާބު ކުރީގައި ބާއްވަން ހަމަޖެހިފައި އޮތް ތާރީހުގައި ބޭއްވެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން، ދުސްތޫރީ ގޮތުން އެއަށް ހައްލު ބޭނުންވާ ދެ މައްސަލައެއް އުފަންވެފައި ވާ ކަމަށެވެ. އެގޮތުން ފުރަތަމަ މައްސަލައަކީ އިންތިހާބު ފަސްކުރުމާ ބެހޭ މައްސަލައަށްވާއިރު މައްސަލައަށް ދުސްތޫރީ ނަޒަރަކުން ބަލާއިރު، އިންތިޚާބުތަކާއި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓުނެގުމަށް ކުރާންޖެހޭ ކަންތައްތައް ކުރުމާއި، އެކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި، އެކަންތައްތަކަށް މަގުފަހި ކުރުމަކީ އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތެއް ކަމަށް ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާއިރު، ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތެއް ނުވަތަ ނެސެސިޓީގެ ޙާލަތެއްގެ ސަބަބުން އިންތިހާބު ބޭއްވޭފަދަ މާޙައުލެއް ޤާއިމުވެފައި ނެތްނަމަ އެ އިންތިޚާބެއް، ބުނެވުނު ކުއްލި ނުރައްކަލުގެ ޙާލަތު ނުވަތަ ނެސެސިޓީގެ ޙާލަތު ނިމެންދެން ފަސްކުރުމަކީ، ޤާނޫނުއަސާސީގެ ޞަރީޙަ ޢިބާރާތުން އެ ބާރު އިލެކްޝަންސް ކޮމިޝަނަށް ޑެލިގޭޓް ކޮށްފައި ނެތްކަމުގައި ވީނަމަވެސް، އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާ ބާރެއްކަން ޤާނޫނު އަސާސީގެ 170 ވަނަ މާއްދާގެ (ހ) އިން އިސްތިޚްލާޞްކުރެވެން އޮންނަ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އެބާރު ބޭނުންކުރުމުގެ ސަބަބުން ޑިސްޕިއުޓެއް އުފެދިއްޖެނަމަ އެ މައްސަލަ ބަލާނީ ކަމާބެހޭ ކޯޓުން ކަމަށް ޑރ. ދީދީ ވިދާޅުވިއެވެ. އަދި އިންތިޚާބު ފަސްކުރުމުގެ ބާރު ޤާނޫނުގެޞަރީޙަ ޢިބާރާތުން އިލެކްޝަންސް ކޮމިޝަނަށް ޑެލިގޭޓް ކުރުމަކީ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއްކަމަށެވެ.
”ކޮންމެއަކަސް، އިލެކްޝަންސް ކޮމިޝަނުން ބުނެވުނު އިންތިޚާބު ފަސްކުރުމާގުޅޭ ގޮތުން އުފެދިފައިވާ ޑިސްޕިއުޓު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއެކު، ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތަކާ ނުވަތަ ނެސެސިޓީގެ ޙާލަތަކާ ގުޅިގެން އެއްވެސް އިންތިޚާބެއް ބޭއްވުމަށް ނުކުޅެދިއްޖެ ޙާލަތެއްގައި އެ އިންތިޚާބެއް ފަސްކުރުމާ ބެހޭ ޢާންމު އުޞޫލުތައް ޝާމިލުވެގެންވާ ދުސްތޫރީ ނުވަތަ ޤާނޫނީ ނައްޞުތައް، ދުސްތޫރީ ޤާނޫނުގެ މަޞްދަރުތަކާއި ދުސްތޫރީ ޢާންމު މަބްދައުތަކަށް ރިޢާޔަތްކޮށް، އެކުލަވާލުމުގެ ބަދަލުގައި، އެ މަޖްލީހުން އަވަސްވެގަތީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަޤާނޫނު 2020 ގެ ނަމުގައި ސަންސެޓް ޤާނޫނެއް ފާސްކޮށް، އެ ޤާނޫނުގެ ބާރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ފަސްކުރުމަށެވެ. އަދި އެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ބުނެވުނު އިންތިޚާބު މިހާރު ވަނީ ފަސްކުރެވިފައެވެ.“ ޑރ. ދީދީ
މީގެ އިތުރުން ދެވަނަ މައްސަލައަކީ ލޯކަލް ކައުންސިލް އިންތިޚާބު 2020 ފަސްކުރެވުމާ ގުޅިގެން، 2020 ޖޫން މަހުގައި މުއްދަތު ހަމަވާ ކައުންސިލަރުން މަގާމުގައި ދެމިތިބުމާބެހޭ މައްސަލަކަމަށް ޑރ. ދީދީ ފާހަގަކުރެއްވިއެވެ. އަދި މި މައްސަލައަކީ ވެސް އޭގެ ޒާތުގައި ކޮންސްޓިޓިއުޝަނަލް ޑިސްޕިއުޓަކަށް ވީހިނދު، އެއަށް ދުސްތޫރީ ޙައްލު ދިނުމުގެ އިޚްތިޞާޞް ދުސްތޫރީގޮތުން ލިބިގެންވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށްކަން ފާހަގަކުރެއްވިއެވެ. މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެބަޔަކަށް ބެހިފައިވާއިރު ބައެއް މެންބަރުން ދެކެނީ ޢާންމު ޤާނޫނަކުން ދުސްތޫރީ މުއްދަތު ހަމަވާ ކައުންސިލަރުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވާ އައު ކައުންސިލަރުން ހޮވެންދެން މަޤާމުގައި ދެމިތިބުމަށް ކަނޑައެޅުން ކަމަށާއި އަނެއްބައި މެންބަރުން ދެކެނީ ޤާނޫނުއަސާސީ އިޞްލާޙުކޮށްގެން މެނުވީ މުއްދަތު ހަމަވާ މެންބަރުން މަޤާމުގައި ދެމިތިބުން ޞައްޙަ ނުވާނެކަމުގައި ކަމަށް އެ ބަޔާނުގައި ވެއެވެ.
އަދި އޭގެ ސަބަބަކީ އެ މެންބަރުންގެ ރައުޔުގައި، ޤާނޫނުއަސާސީ އިން ކަނޑައަޅާފައިވާ މުއްދަތު ނުވަތަ ދައުރު ޢާންމު ޤާނޫނަކުން ބަދަލުކުރެވޭނެ ޤާނޫނީ ހަމައެއް ނެތުން ކަމަށް ދެކޭތީ ކަމަށް ޑރ. ދީދީ ވިދާޅުވިއެވެ.
”މި މައްސަލައަށް ދުސްތޫރީ ނަޒަރަކުން ބަލާއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 ފަސްކުރެވުމާގުޅިގެން އުފެދޭ ދުސްތޫރީ ސުވާލަކީ ކައުންސިލްތަކުގެ މުއްދަތު އިތުރުކުރުމެއް ނޫނެވެ. ނުވަތަ ދައުރު ދެއްމުމެއްވެސް ނޫނެވެ. އެއީ ޙަޤީޤަތުގައި ކުރިމަތިވި އިމަރޖެންސީގެ ނުވަތަ ނެސެސިޓީ ގެ ޙާލަތެއްގެ ސަބަބުން ލޯކަލް ކައުންސިލްތަކުގެ ދުސްތޫރީ މުއްދަތު ނިމުމަކަށް އަންނައިރު، އައު ކައުންސިލްތައް އިންތިޚާބު ނުކުރެވޭ ޙާލަތުގައި ކުރީގައި ތިބި ކައުންސލަރުންގެ މަޤާމުގެ ބާރުތައް، އައު ކައުންސިލްތައް އިންތިޚާބުކުރެވެންދެން ދެމިގެން ދިއުމެވެ. އެހެން ޢިބާރާތަކުން ނަމަ، އެއީ: continuity of power beyond the end of a term އެވެ: ތަފާތު ދުސްތޫރީ ނިޒާމުތަކުގައި މިފަދަ މައްސަލަތަކަށް ދުސްތޫރީ ޙައްލު ހޯދުމުގައި ބަލައިފައިވަނީ އެ މިންގަނޑުންނެވެ. އެއީ އެއްވެސް ޙާލެއްގައި، ކައުންސިލްތަކުގެ މުއްދަތު އިތުރުކުރުމާ ބެހޭ، ނުވަތަ ދައުރު ދެންމުމާ ބެހޭ މައްސަލައެއްވެސް ނޫނެވެ. އެހެންކަމުން މި ޙާލަތުގައި ޤާނޫނުއަސާސީ އިޞްލާހުކުރުމުގެ އެއްވެސް ޟަރޫރަތެއް ނެތްކަން އެނގެއެވެ.“ ޑރ ދީދީ
ބަޔާން ނިންމަވާލައްވަމުން ޑރ. ދީދީ ވިދާޅުވީ ދުސްތޫރީ އަދި ޤާނޫނީ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، ކުރިމަތިވެފައި މިވާ ދުސްތޫރީ ޚުޞޫމަތަށް ޙައްލު ދިނުމުގެ އަޞްލީ އިޚްތިޞާޞް ލިބިގެންވާ ފަރާތަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރަކީ އިމަޖެންސީ ޙާލަތުގައި އިންތިޚާބު ފަސްކުރަން މެދުވެރިވެއްޖެ ޙާލަތުގައި ޢަމަލުކުރާނެ ދުސްތޫރީ އަދި ޤާނޫނީ ޢާންމު އުޞޫލުތައް ޝާމިލުވެގެންވާ ނައްޞުތައް އެކުލެވޭ ގޮތަށް ޤާނޫނުއަސާސިއަށާއި، ޤާނޫނުތަކަށް އިޞްލާޙު ގެނައުން ކަމަށެވެ.
މި މައްސަލާގައި ސުޕްރީމް ކޯޓުގެ ބަހެއް ހޯދުމަށް ނުކުޅެދިއްޖެ ޙާލަތެއްގައ، ރައްޔިތުންގެ މަޖިލީހުން އެކުލަވާލާ ޢާންމު ޤާނޫނަކުން ލޯކަލް ކައުންސިލް އިންތިޚާބު ބާއްވައި އައު ކައުންސިލަރުން އިންތިޚާބުކޮށް ނިމެންދެން މިހާރު މަޤާމުގައި ތިބި ކައުންސިލަރުން މަޤާމުގައި ދެމިތިބޭނެކަމަށް، ކަމާބެހޭ ދުސްތޫރީ މަބްދައުތަކަށް ރިޢާޔަތްކޮށް ކަނޑައެޅުމަކީ މުހިއްމު ކަމެކެވެ.

