ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތިޔާރުގެ އަޅުވެތިކަމުން މިނިވަންވި ފަދައިން ދަރަނީގެ އަޅުވެތިކަމުން ގައުމު ސަލާމަތްކުރަންޖެހޭ: ރައީސް

ރައީސް ޑރ މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަތިޔާރުގެ އަޅުވެތިކަމުން ދިވެހި ޤައުމު މިނިވަންކުރި ފަދައިން، ދަރަނީގެ އަޅުވެތިކަމުންވެސް ދިވެހި ޤައުމު ސަލާމަތްކޮށް، އިޤްތިޞާދީ މިނިވަންކަން ޤާއިމުކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވި މިއަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބްކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ޤައުމުގެ ދިފާޢުގައި ހިތްވަރާއެކު ތެދުވެވަޑައިގެންނެވި މަތިވެރި ޝަހީދުންގެ މަތިން ހަނދުމަފުޅު އާކުރައްވައި، އެ ފަރާތްތަކުގެ މަތިވެރި ޤުރުބާނީގެ އަގު ވަޒަންކުރައްވާފައެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ދިވެހި ތާރީޚު ދުށް ހުރިހާ ޝަހީދުންވެސް އިސްކަންދެއްވީ ދިވެހި ވަޠަނަށެވެ. އަދި ޤައުމާއި ވަޠަނުގެ މިނިވަންކަމާއި، ހަމަޖެހުމާއި، އަމާންކަމުގެ އިތުރުން މުސްތަޤުބަލުގެ ތަރައްޤީއާއި ކުރިއެރުމަށް އެ ބޭފުޅުން ވަނީ އަމިއްލަ ފުރާނައިން ޤުރުބާންވެވަޑައިގެންފައެވެ.

ދިވެހި ތާރީޚުން ފެންނަން ހުރި ޢިބުރަތްތެރި ހާދިސާތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޕޯޗުގީޒުންނާއި މަލާބާރީންގެ ޙަމަލާތަކާއި، ބޮޑުހުޅުގެ ހާދިސާގެ އިތުރުން ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގެ އަޑީގައިވެސް ތިބީ ވެރިކަމަށް ދަހިވެތިވެފައިވާ މަދު ދިވެހިންތަކެއް ކަމަށެވެ. މިއިން ކޮންމެ ހާދިސާއަކުންވެސް ދައްކުވައިދެނީ ޤައުމަށް ޣައްދާރުވުމުގެ ނަތީޖާއަކީ އަބަދުވެސް އަބާއްޖަވެރިކަންކަމާއި، ޤައުމަށް ވަފާތެރިވުމުގެ ނަތީޖާއަކީ އަބަދުވެސް ބާއްޖަވެރިކަން ކަމުގައި އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

މީގެއިތުރުން، ނޮވެންބަރު ތިނެއްގެ ނުރައްކާތެރި ޢުދުވާނަށް ފަހު 38 އަހަރު ފާއިތުވެދިޔައިރު، މި ހާދިސާ ނުދެކޭ އާ ދެ ޖީލެއް މިއަދު ދިވެހި މުޖުތަމަޢާ ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން އެ ޒުވާން ޖީލުތަކަށްޓަކައި އަދާކުރަންޖެހޭ ޤައުމީ ބޮޑެތި ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއް ވާކަމަށާއި، މި ހުރިހާ ކަމެއްގެ ބިންގާ ގޮސް ގުޅެނީ ޤައުމުގެ މިނިވަންކަމާއި، އިޤްތިޞާދީ ފުދުންތެރިކަމާއި، ދައުލަތުގެ ސިޔާދަތާއި އިސްތިޤުލާލު ދެމިއޮތުމުގެ ކަށަވަރުކަމާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންނަށް ފުދުންތެރި، ބާއްޖަވެރި އަދި އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމުގެ އެންމެ އަސާސީ ބިންގަލަކީ ޤައުމުގެ އިޤްތިޞާދީ މިނިވަންކަން ޤާއިމުވެފައި އޮތުންކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމެއްގެ އަމިއްލަ ބަސް ބުނެ، އަމިއްލަ ދީނާއި އަމިއްލަ ގޮތްތައް ރައްކާތެރި ކުރެވެނީ އެހެން ފަރާތްތަކަށް ސަލާންޖަހަން ނުޖެހޭ ފަދަ ވަރުގަދަ އިޤްތިޞާދެއް ބިނާކުރެވިގެން ކަމަށެވެ. ޤައުމެއްގެ ޙަޤީޤީ ސިޔާދަތު ދެމިއޮންނާނީ އެފަދަ ފުދުންތެރިކަމެއްގެ މައްޗަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖެ ބަނގުރޫޓުވުމުގެ ބިރުވެރިކަމުން ސަލާމަތްކުރުމަށާއި، ޒިންމާދާރުކަމެއް ނެތި ފައިސާ ޗާޕުކުރުން ހުއްޓާލައި، ދައުލަތުގެ ދަރަނިތައް ދައްކައި ޚަލާޞްކުރުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާއި ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: