ކޮމަންވެލްތު ޤައުމުތަކުގެ އިސްވެރިންގެ 28 ވަނަ ބައްދަލުވުން (ޗޮގަމް 2026) ރަސްމީގޮތުން ހުޅުވުމަށް ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ބައިވެރިވެވަޑައިގެންފިއެވެ. މި ބައްދަލުވުން މިއަހަރު ކުރިއަށްދަނީ ކެރީބިއަން ކަނޑުގެ ޖަޒީރާ ޤައުމެއް ކަމަށްވާ އެންޓީގާ އެންޑް ބާބިޔުޑާގައެވެ.
މި ޖަލްސާ ހުޅުވުމުގެ ރަސްމިއްޔާތުގައި ކޮމަންވެލްތުގެ އެންމެ އިސްވެރިޔާ، އިނގިރޭސިވިލާތުގެ ރަސްގެފާނު ހިޒް މެޖެސްޓީ ޗާލްސް 3 ވަނަ ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން ކޮމަންވެލްތުގެ މެންބަރު ޤައުމުތަކުގެ އިސްވެރިންނާއި، ސަރުކާރުތަކުގެ މަތީ ފަންތީގެ ވަފުދުތަކުގެ މަންދޫބުން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. ރަސްމިއްޔާތު ފެށުމުގެ ގޮތުން އެންޓީގާ އެންޑް ބާބިޔުޑާގެ ބޮޑުވަޒީރާއި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ވަނީ ޚާއްޞަ ތަޤުރީރު ކުރައްވާފައެވެ. އަދި އެ ޤައުމުގެ މުއްސަނދި ސަގާފަތް ދައްކުވައިދޭ ތަފާތު ހުށަހެޅުންތަކެއް ވެސް މި ރަސްމިއްޔާތުގެ ތެރެއިން ވަނީ ދައްކާލާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވަނީ މި ރަސްމިއްޔާތަށްފަހު، ކޮމަންވެލްތު ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި ވަފުދުތަކުގެ އިސްވެރިންގެ ރަސްމީ ”އާއިލީ ފޮޓޯ“ ނެންގެވުމުގައި ބައިވެރިވެވަޑައިގެންފައެވެ. މިއީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ވަކާލާތުކުރާ ކަންކަމާއި ދޭދޭ ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ލިބިގެންދިޔަ މުހިންމު ފުރުޞަތެކެވެ.
ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމަކީ، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާއި، ޚާއްޞަކޮށް ތިމާވެއްޓާއި އިޤްތިޞާދީ ގޮތުން ދިމާވާ ދަތިތަކުން އަރައިގަތުމަށް ގޮތްތައް ނިންމުމަށް މެންބަރު ޤައުމުތަކަށް ލިބޭ އެންމެ ބޮޑު އެއް މަންސައެވެ.
މިއަހަރުގެ ނޮވެންބަރު 1 އިން 4 އަށް ކުރިއަށްދާ މި ސަމިޓުގެ މައިގަނޑު ޝިޢާރަކީ ”އެކްސެލެރޭޓިންގ ޕާޓްނަރޝިޕްސް އެންޑް އިންވެސްޓްމަންޓް ފޯރ އަ ޕްރޮސްޕަރަސް ކޮމަންވެލްތު“ އެވެ. މި ޝިޢާރުގެ ދަށުން، މެންބަރު ޤައުމުތަކުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްތައް ފުޅާކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމަށް މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވަކިން ޚާއްޞަކޮށް، ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމަށް ބައިނަލްއަޤްވާމީ މާލީ އެހީތެރިކަން ހޯދުމާއި، ޤައުމުތަކުގެ މެދުގައި އިޤްތިޞާދީ އަދި ޓެކްނޮލޮޖީގެ ރޮނގުން ގުޅުން ބަދަހިކުރުމަށް މި ސަމިޓުގެ ތެރެއިން މުހިންމު ނިންމުންތަކެއް ނިންމާނެ ކަމަށް ބެލެވެއެވެ.

