ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކޮށްފައިވާއިތު، މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމުގެ މަސައްކަތް ކުރަމުންދާކަން އެނގިއްޖެއެވެ.
މި މައްސަލައާ ގުޅިގެން އަނިޔާ ލިބުނު ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން ނިންމާފައިވާކަން އިތުބާރު ހުރި މަސްދަރުތަކުން ”ސަންގު“ އަށް ކަށަވަރު ކުރެވިފައި ވީނަމަވެސް، ފުލުހުން އަދި މިކަން ރަސްމީކޮށް ހާމަކޮށްފައި ނުވެއެވެ. ނުވަތަ ރަސްމީ އެހެން އިދާރާއަކުން މިކަމާއި ގުޅޭގޮތުން މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
މީގެއިތުރުން، ފުލުހުން މިރޭ ހ. ރަބީއީ މަންޒިލް ބަލައި ފާސްކުރަމުންދާކަން އެ ސަރަހައްދުގައި ތިބި ނޫސްވެރިންނަށް ވަނީ ފެނިފައެވެ. ނަމަވެސް އެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް އެއްވެއް އެއްޗެއް ގެންދިޔަކަން ސާފެއް ނޫނެވެ.
މިދިޔަ ހޯމަ ދުވަހު ޝާހިދު ހައްޔަރުކޮށް ފުލުހުން ބުނީ، ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމަށް ފަހުގައެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.
2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީ ރިޔާސީ ޓިކެޓަށް ކެމްޕެއިން ވެސް ކުރައްވަމުން ގެންދަވާ ޝާހިދުގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ފެންމަތިވީ މި ދިޔަ ހޯމަ ދުވަހުގެ ރޭ ވަގުތެއްގައެވެ.
ޝާހިދު ހައްޔަރުކުރުމާ ގުޅިގެން، ރިޔާސީ ޕްރައިމެރީގައި ޝާހިދަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ދަނީ އޭނާގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ. އަދި މިއީ ސިޔާސީ ކަމެއްގެ ގޮތުގައި އެ ފަރާތްތަކުން ސިފަކުރެ އެވެ.
ހައްޔަރުކުރަން އުޅޭކަމުގެ އަޑުތައް ފެތުރިގެން ދިއުމާއި އެކު، އެރޭ ހައްޔަރު ކުރުމުގެ ކުޑަވަގުތުކޮޅެއް ކުރިން އެކްސްގައި ޕޯސްޓެއްކޮށް ޝާހިދު ވިދާޅުވީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށެވެ.

