ރަޝިއާއަށް ފައިސާ ފޮނުވުމަށާއި އެ ގައުމުން ރާއްޖެއަށް ފައިސާ ބަލައިގަތުމުގެ މުއާމަލާތްތަކާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށާއި، މިކަމާ ގުޅުވައިގެން ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ދޮގު މައުލޫމާތުތަކެއް ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ބީއެމްއެލްގެ ސްޕޯކްސްޕާސަން މުޙައްމަދު ސަޢީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ރަޝިއާއާއެކު ކުރެވޭ މާލީ މުއާމަލާތްތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މިފަދަ އެއްވެސް މައުލޫމާތެއް ނުވަތަ ރަސްމީ ބަޔާނެއް އެ ބޭންކުގެ ފަރާތުން އެއްވެސް މީޑިއާއަކާ ހިއްސާކޮށްފައި ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި، ރަޝިއާއިން ރާއްޖެއަށް ފޮނުވާ ނުވަތަ އެ ގައުމާ ގުޅުންހުރި މާލީ މުއާމަލާތްތައް ހުއްޓުވުމަށް އެ ބޭންކުން ވަކި ޚާއްސަ ސިޔާސަތެއް ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް، ދުނިޔޭގެ އެހެން ބޭންކުތަކެކޭ އެއްފަދައިން، ބޭރު ފައިސާގެ މުއާމަލާތްތައް—ޚާއްސަކޮށް އެމެރިކާ ޑޮލަރުން ކުރެވޭ މުއާމަލާތްތައް—ފުރިހަމަކުރުމުގައި ބީއެމްއެލްއިން ބަރޯސާވާންޖެހެނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށެވެ.
ބައިނަލްއަގުވާމީ މި ބޭންކުތަކުން މުއާމަލާތްތައް ކުރިއަށްގެންދަނީ އެ ފަރާތްތަކުގެ އަމިއްލަ ކޮމްޕްލަޔަންސް އުސޫލުތަކާއި ހަރުދަނާ މިންގަނޑުތަކުގެ ތެރެއިންނެވެ. މީގެ ތެރޭގައި ފައިސާ ފޮނުވާ އަދި ލިބޭ ފަރާތްތަކުގެ އިތުރުން، އެ މުއާމަލާތްތަކުން ހަގީގީ މަންފާ ލިބޭ ފަރާތްތައް ދެނެގަނެ ސްކްރީންކުރުމުގެ ހަރުދަނާ ފިޔަވަޅުތައް ހިމެނެއެވެ.
ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ މިފަދަ ހަރުކަށި ސިޔާސަތުތަކުގެ ތެރެއަށް ނުފެތޭ މުއާމަލާތްތައް އެ ބޭންކުތަކުން ބަލައިނުގަތުމަކީ ނުވަތަ އަނބުރާ ފޮނުވާލުމަކީ ދުނިޔޭގެ މާލީ ނިޒާމުގައި އާންމުކޮށް ހިނގާ ކަމެއްކަން ބީއެމްއެލްއިން ފާހަގަކުރެއެވެ.
ހަމައެހެންމެ ވަކި މުއާމަލާތެއް ބަލައިގަތުމާއި ދޫކޮށްލުމުގެ ފުރިހަމަ އިޚްތިޔާރު އޮންނަނީ ކޮރެސްޕޮންޑެންޓް ބޭންކުތަކަށް ކަމަށްވުމާއެކު، ބައިނަލްއަގުވާމީ މާލީ ގަވާއިދުތަކަށް ތަބާވުމުގެ ގޮތުން ބީއެމްއެލްއަށް ވެސް މަޖުބޫރުވަނީ އެ ބޭންކުތަކުގެ ނިންމުންތަކަށް ފުރިހަމައަށް އަމަލުކުރުމަށެވެ. މިއީ ވަކި ބީއެމްއެލްއިން އަމިއްލައަށް ކަނޑައަޅައިގެން ތަންފީޒުކުރާ ސިޔާސަތެއް ނޫންކަން އެ ބޭންކުން ސާފުކޮށްދެއެވެ.
ރަޝިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު އެއް މާކެޓަށް ވެފައި، އެ ގައުމުން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރަމުންދާއިރު، މިފަދަ ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށާއި މުޅި އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެއް ކަމަށް ބީއެމްއެލްއިން ދެކެއެވެ.
އެހެންކަމުން، ރާއްޖޭގެ މާލީ ނިޒާމާއި ބައިނަލްއަގުވާމީ ގުޅުންތަކާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތު ނުފެތުރުމަށާއި، ބޭންކުގެ ރަސްމީ ބަހެއް ނެތި މިފަދަ ހައްސާސް ކަންކަމުގައި ޚަބަރު ނުފެތުރުމަށް ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ.

