ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން ނިމޭއިރު ދައުލަތުގެ ދަރަނި 174 ބިލިއަނަށް އަރާނެ ކަމަށް އެމްޑީޕީން ބުނެފި

އެމްޑީޕީގެ އިގްތިސޯދީ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/އެމްޑީޕީ)
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން އަނބުރާ ދައްކާފައިވާ ދަރަންޏަށް ވުރެ އަލަށް ނަގަމުންދާ ދަރަނި އިތުރުވަމުންދާތީ، މި ރިޔާސީ ދައުރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 174 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އެ ޕާޓީން މިކަން ހާމަކުރީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެމްޑީޕީގެ އިގްތިސާދީ ކޮމިޓީން ބޭއްވި މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޓީގެ މުގައްރިރު އަދި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ ދައުލަތުގެ ހަރަދުތަކާއި، ޑެފިސިޓް އަދި ދަރަނި ބޮޑުތަނުން އިތުރުވެގެންދާނެ ބަޖެޓެއް ކަމަށެވެ. އަދި ސަރުކާރުން މި އަހަރަށް ކަނޑައެޅި ބޭރުގެ ފައިނޭންސިން ހޯދުމުގެ އަމާޒުތައް ފެއިލްވެ، އޭގެ ސަބަބުން ރާއްޖޭގެ އެތެރޭގެ މާލީ ބާޒާރުން ނަގާ ދަރަނި ވަރަށް ބޮޑަށް އިތުރުކުރަން ޖެހިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެމްޑީޕީން އެއްކޮށްފައިވާ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން އަމީރު ވިދާޅުވީ، ސަރުކާރުން މިއަހަރު 10 ބިލިއަން ރުފިޔާގެ ދަރަނި އާ ދަރަންޏަކާ ނުލައި ދެއްކި ކަމަށް ބުނި ނަމަވެސް، ހަގީގަތުގައި މި އަހަރު އެކަނިވެސް ސީދާ ދަރަންޏަށް 6.5 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށެވެ. އަދި ބޭރުން ސުކޫކް ދެއްކުމަށްފަހު 4.9 ބިލިއަން ރުފިޔާ ހޯދުމަށް އަމާޒުހިފި ނަމަވެސް، އަހަރު ނިމިގެން ދިޔައީ ޖުމްލަކޮށް 4.6 ބިލިއަން ރުފިޔާ ބޭރަށް ދައްކަން ޖެހިގެން ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ބޭރުން ފައިސާ ނުލިބުމުގެ ސަބަބުން އެތެރޭގެ މާލީ ބާޒާރުން ނެގި ދަރަނި ތިން ގުނަ އިތުރުވެފައިވާކަން އެމްޑީޕީން ފާހަގަކުރިއެވެ. އަދި ޕެންޝަން ފަންޑު މެދުވެރިކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރުގެ ބޮންޑަށް އިންވެސްޓްކުރި އަދަދު 2.4 ބިލިއަން ރުފިޔާއިން އިތުރުވެ 16 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި، މިއީ އަމަލީ ގޮތުން ފައިސާ ޗާޕުކުރުން ފަދަ ނުރައްކާތެރި ކަމެއްގެ ގޮތުގައި އެ ޕާޓީން ސިފަކުރިއެވެ.

އެމްޑީޕީގެ އިގްތިސާދީ ކޮމިޓީގެ ޕްރެޒެންޓޭޝަނުގައި ބަޔާންކޮށްފައިވާ ގޮތުގައި 2024 އިން 2028 ގެ ނިޔަލަށް މި ސަރުކާރުން ޖުމްލަ 76 ބިލިއަން ރުފިޔާގެ އާ ދަރަނި ނަގާނެއެވެ. އަދި މި ދައުރުގެ ތެރޭގައި އެކަނިވެސް މަދުވެގެން 50 ބިލިއަން ރުފިޔާގެ ދަރަނި އިތުރުވާނެ ކަމަށާއި، އޭގެ ތެރެއިން 41 ބިލިއަން ރުފިޔާއަކީ އެތެރޭގެ ބާޒާރުން ނަގާ ދަރަންޏަށް ވުމުން އޭގެ ބުރަ ސީދާ އުފުލަން ޖެހޭނީ ރާއްޖޭގެ ބޭންކުތަކަށް ކަމަށް އަމީރު ވިދާޅުވިއެވެ.

”މި ސަރުކާރުން 76 ބިލިއަން ރުފިޔާގެ އިތުރު ދަރަނި 2024 އިން 2028 އަށް އެބަ ނަގާ. ޖުމްލަ ސީދާ ދަރަނި 160 ބިލިއަން ރުފިޔާއަށް އަރާނެ. ދަރަނީގެ ބޮޑު ބައި ނަގަނީ ރާއްޖޭގެ ބޭންކުތަކާއި އެމްއެމްއޭ ފަދަ ރާއްޖޭގެ އެތެރޭގެ ބާޒާރުން. އެމްޑީޕީގެ ފޯކާސްޓަކީ ރާއްޖޭގެ ޖުމްލަ ދަރަނި 2028 ނިމޭއިރު 174 ބިލިއަން ރުފިޔާއަށް އިތުރުވާނެ ކަމަށް،“ އެމްޑީޕީގެ ޕްރެޒެންޓޭޝަންގައި ވެއެވެ.

އޭގެ އިތުރުން، ސަރުކާރުން ދޫކޮށްފައިވާ ގެރެންޓީތަކާ އެކު، 2029 ވަނަ އަހަރު ނިމޭއިރު ޖުމްލަ ދަރަނި 125 ބިލިއަން ރުފިޔާއިން 180 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށްވެސް އެ ޕާޓީން އަންދާޒާކުރެއެވެ.

ދަރަންޏާ ގުޅޭގޮތުން ސަރުކާރުން ހާމަކުރާ ވާހަކަތަކުގައި ފުށުއެރުންތަކެއް ހުރިކަން ފާހަގަކުރައްވަމުން އަމީރު ވިދާޅުވީ، ގައުމީ އުފެއްދުންތެރިކަން (ޖީޑީޕީ) މައްޗަށް ދިޔަ ނަމަވެސް ދަރަނި ނަގާ މިންވަރު އެއަށް ވުރެ ބޮޑުވުމުގެ ސަބަބުން ޖީޑީޕީގެ ނިސްބަތުން ދަރަނި ދަށްނުވާ ކަމަށެވެ. އަދި 2029 ގައި ދަރަނި ޖީޑީޕީގެ 107 އިންސައްތައަށް ދަށްވާނެ ކަމަށް މާލީ ވަޒީރު ވިދާޅުވެފައިވަނީ ހިސާބު ހެއްދެވުމުގައި ހެދިފައިވާ ގޯހަކުން ކަމަށާއި، އެ އަދަދުތައް ރަނގަޅުކުރުމުން އެ ނިސްބަތް އުޅެނީ 114 އިންސައްތައިގައި ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

ނޫސްވެރިންގެ ބައްދަލުވުން ނިންމާލަމުން އެމްޑީޕީން ވަނީ، ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ދައުލަތުގެ ބަޖެޓުން ކުރާ އިސްރާފުތައް ހުއްޓުވުމަށާއި، ދަރަނި ދެއްކުމަށް އިތުރު ދަރަނި ނެގުމުގެ ސިޔާސަތު ދޫކޮށް ހަރުދަނާ މާލީ އިސްލާހީ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރަށް ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: