”އަދަދު“ އޮންލައިންގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަޒްފުގެ ދައުވާގައި، ދިފާއީ ހެއްކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބަލައިނުގަނެވޭނެ ކަމަށާއި، ނަމަވެސް އެ މައްސަލައިގައި ދިފާއުން ހުށަހެޅި އައިޝަތު އީޝާ އަޝްރަފްގެ ހެކިބަސް ބަލައިގަންނަންޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅައިފިއެވެ.
މި މައްސަލައަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ގުޅޭގޮތުން އަދަދު ނޫހުން ތައްޔާރުކޮށް އާންމުކުރި ވީޑިއޯ ރިޕޯޓަކާ ގުޅިގެން ދައުލަތުން ކުރި ގަޒްފުގެ ދައުވާގައި، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ މަރުހަލާގައި ދިފާއުން ހުށަހެޅި ދެ ހެކިވެރިއަކު ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމުން ހައިކޯޓުން ނިންމި ނިންމުމެކެވެ.
ރައީސް މުއިއްޒު ހެއްކެއްގެ ގޮތުގައި ބަލައިނުގަތް ސަބަބު
ދަށު ކޯޓުގައި ދިފާއުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހެކިވެރިއެއްގެ ގޮތުގައި ހުށަހަޅާފައިވަނީ، އެމަނިކުފާނުގެ ފަރާތްޕުޅުން ފުލުހުންގެ އިދާރާއަށް ފޮނުއްވި ސިޓީއެއްގެ ސައްހަކަން ސާބިތުކުރުމަށާއި، އެ ސިޓީގައި ބަޔާންކޮށްފައިވާ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއްކަން ސާބިތުކޮށްދިނުމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެމަނިކުފާނު ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށެވެ.
ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި ނިންމެވުމުގައި ބަޔާންކޮށްފައިވަނީ، ރައީސް މުއިއްޒު ހެކިވެރިއެއްގެ ގޮތުގައި ހުށަހެޅި ސަބަބުތަކަށް ބަލާއިރު، އެއީ މި ދައުވާއާ ސީދާ ގުޅުންހުރި ކަންތައްތަކެއް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ފުލުހުންނަށް ފޮނުވި ކަމަށް ބުނާ ސިޓީއަކީ އޭގެ ސައްހަކަމާމެދު ދައުލަތުން ވެސް އިންކާރުކުރާ އެއްޗަކަށް ނުވާއިރު، އެ ސިޓީގެ ސައްހަކަން ކަށަވަރުކުރުމަށް ރައީސް މުއިއްޒު ކޯޓަށް ހާޒިރުކުރަންޖެހޭ ފަދަ ގާނޫނީ ސަބަބެއް އޮތްކަން ދިފާއަށް ބަޔާންކޮށްދެވިފައި ނުވާކަމަށް ވެސް ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ރައީސް މުއިއްޒު ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށް ދަށު ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ.
އީޝާގެ ހެކިބަސް ނެގުމަށް ދަށު ކޯޓުގެ ނިންމުން ބާތިލުކުރުން
ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅި އައިޝަތު އީޝާ އަޝްރަފަކީ އަދަދު ނޫހުގެ ވީޑިއޯ ރިޕޯޓުގައި ވާހަކަދައްކާފައިވާ ފަރާތެކެވެ. ދިފާއުން ކޯޓުގައި ބުނެފައިވަނީ އެ ރިޕޯޓުގައި އީޝާ ދައްކާފައިވާ ވާހަކަތަކަކީ ޒިނޭގެ ތުހުމަތު އެކުލެވޭ ވާހަކަތަކެއް ނޫންކަން އޭނާގެ ހެކިބަހުން ސާބިތުކޮށްދެވޭނެ ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ހެކިބަސް ބަލައިނުގަތުމަށް ނިންމާފައެވެ.
ކްރިމިނަލް ކޯޓުގެ މި ނިންމުން ބާތިލުކޮށް ހައިކޯޓުގެ އަޣުލަބިއްޔަތު ރައުޔުގައި ފާހަގަކުރައްވާފައިވަނީ، އީޝާއަކީ މި މައްސަލައިގެ އަސްލު ވާގިއާއާ ސީދާ ގުޅުންހުރި މީހަކަށް ވާތީ، އޭނާގެ ހެކިބަސް ނުނަގައި ދޫކޮށްލުމަކީ ދިފާއު ބިނާކުރުމަށް ހުރަސްއެޅިގެންދާނެ ކަމެއް ކަމަށެވެ. އަދި ހެކި ހުށަހެޅުމާއި ބަލައިގަތުމުގެ މަރުހަލާގައި ހެކިބަހުގެ ބުރަދަނަށް ބަލައި ހެކިވެރިޔާ މައްސަލައިން ބޭރުކޮށްނުލެވޭނެ ކަމަށާއި، ހެކިބަހުގެ ބުރަދަން ވަޒަންކުރުމަކީ އަޑުއެހުންތައް ކުރިއަށްދާއިރު ޝަރީއަތުގެ މަރުހަލާގައި ފަނޑިޔާރު ނިންމަވަންޖެހޭ ކަމެއް ކަމަށް ވެސް ހައިކޯޓުން ކަނޑައެޅިއެވެ.
މި މައްސަލަ ހައިކޯޓުގައި ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި، ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ހިމެނޭ ބެންޗަކުންނެވެ.
މި މައްސަލައިގައި ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ ގެ ރައުޔަކީ ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. ނަމަވެސް ބެންޗުގެ އަޣުލަބިއްޔަތު ކަމުގައިވާ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު އަބްދުލްމާނިއު ހުސައިންގެ އިއްތިފާގުން ނިންމެވީ އީޝާގެ ހެކިބަސް ބަލައިގަތުމަށާއި، ރައީސް މުއިއްޒު ހެކިވެރިއެއްގެ ގޮތުގައި ބަލައިނުގަތުމަށެވެ.

