އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއިން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ބައިނަލްއަގްވާމީ އެހީތެރިކަން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ތުރުކީގައި މިހާރު ކުރިއަށްދާ ކޮޕް 31 ސަމިޓުގެ ތެރެއިން ބޭއްވި ކްލީން އެނަރޖީ ޓްރާންސިޝަން އެންޑް އިލެކްޓްރިފިކޭޝަން ހައިލެވަލް ޑައިލޮގްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ތިމާވެއްޓާއި ރަށްޓެހި ހަކަތައަކީ ރާއްޖެ ފަދަ ގައުމަކަށް އެންމެ ރަނގަޅު ހަކަތައިގެ ބާވަތް ނޫންކަމަށާއި، އެއީ ދެމެހެއްޓެނިވި ގޮތެއްގައި، ޚަރަދުކުޑަކޮށް ކަރަންޓު ފޯރުކޮށްދިނުމަށްވެސް މުހިއްމު ހަކަތައިގެ ބާވަތެއް ކަމަށެވެ.
ރާއްޖެއަކީ ބޭރު ގައުމުތަކުން އިމްޕޯޓްކުރާ ތެލަށް ވަރަށް ބޮޑަށް ބަރޯސާވާ ޤައުމެއް ކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެކަމުގެ ސަބަބުން ތެލުގެ ބާޒަރަށް އަންނަ ލޮޅުންތަކާއެކު އޭގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރާކަމަށެވެ. އަދި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ރާއްޖެއިން އެންމެ އިސްކަންދީގެން ހާސިލުކުރަން ބޭނުންވާ އަމާޒެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ އަމާޒެއް 2023 ވަނަ އަހަރު ކަނޑައަޅާފައިވާ ކަމަށެވެ. މި އަމާޒަށް ވާސިލުވެ، މުޅި ރާއްޖެއަށް އިއާދަކުރަނިވި ހަކަތަ ފުޅާކުރުމަށް ހަކަތަ އުފައްދާ ނިޒާމްތަކާއި ހަކަތަ ރައްކާކުރާ ނިޒާމްތައް ޤާއިމްކުރުމަށް އިންވެސްޓްކުރަންޖެހޭކަމަށާއި، ނަމަވެސް އެއީ ގޮންޖެހުން ބޮޑު މަސައްކަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖެއިން ކަނޑައަޅާފައިވާ އިއާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލުވުމަށް 10 އަހަރުގެ މަގު ޗާޓެއް އެކުލަވާލާފައިވާކަމަށާއި، ނަމަވެސް އެކަންކަން ތަންފީޒުކުރަން މާލީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުންނާއި އަދި އިންވެސްޓްމަންޓުގެ ދާއިރާއިން ބައިނަލްއަޤްވާމީ އެހީތެރިކަން މުހިއްމުކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ތިމާވެއްޓާއި ރަށްޓެހި ހަކަތައިގެ ދާއިރާއިން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށް ރާއްޖެ އޮތީ ބައިނަލްއަޤްވާމީ ޕާޓްނަރުންނާއެކު މަސައްކަތްކުރުމަށް ތައްޔާރަށް ކަމަށެވެ.

