މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ލޯބި ދެމެހެއްޓުމަށްޓަކައި އިސްލާމްދީން ދަސްކޮށްދޭ އެންމެ މުހިންމު އެއް ސިފައަކީ މާތް ﷲ ދެއްވާފައިވާ ގުނައި ޢަދަދުނުކުރެވޭހައި ގިނަގުނަ ނިޢުމަތްތަކަށް ޝުކުރުވެރިވުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.
”ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ މުހިންމުކަން“ މި މައުޟޫޢަށް ޚާއްޞަކޮށްގެން މިއަދު ދިން ޚުޠުބާގައި ބަޔާންކުރި ގޮތުގައި، ﷲގެ ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ އެކަލާނގެ ފަޟްލުވަންތަކަމަށް އިޢުތިރާފުވެ، އެ ނިޢުމަތްތައް އެކަލާނގެ ރުހިވޮޑިގަންނަވާ ގޮތުގައި ބޭނުންކުރުމެވެ.
ޚުޠުބާގައި ފާހަގަކުރި ގޮތުގައި، ޝުކުރުވެރިވުމަކީ އަޅާގެ ދީނާއި ދުނިޔެއަށް ހެޔޮކަން ގެނެސްދޭ އަދި މާތް ﷲގެ ރުހިވޮޑިގަތުން ލިބޭ މަތިވެރި އަޅުކަމެކެވެ. އަދި އެއީ ނަބީބޭކަލުންގެ ވެސް މަތިވެރި ސިފަފުޅެއްކަން ޤުރުއާނުގެ އާޔަތްތަކުން ވަނީ ދައްކުވައިދީފައެވެ. އެގޮތުން އިބްރާހީމް ޢަލައިހިއްސަލާމްގެ ޝުކުރުވެރިކަމަށް ތަޢުރީފުކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ، އެކަލާނގެ ދެއްވި ނިޢުމަތްތަކަށް ޝުކުރުކުރައްވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު ވެވަޑައިގެންނެވި ކަމަށާއި، އެކަލާނގެ އެކަލޭގެފާނު ޚިޔާރުކުރައްވައި ސީދާވެގެންވާ މަގަށް މަގުދެއްކެވި ކަމަށެވެ.
މާތް ﷲއަށް ޝުކުރުވެރިވުމުގެ އިތުރުން، އިންސާނުންގެ ހެޔޮ ފޯރުވުންތަކަށް ޝުކުރު އަދާކުރުމަކީ ވެސް އިސްލާމީ ތަރުބިޔަތުގައި ނުހަނު ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާ ކަމެއްކަން ޚުޠުބާގައި ހާމަކުރިއެވެ. މިގޮތުން މައިންބަފައިންނަށް ޝުކުރުވެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، މީސްތަކުންނަށް ޝުކުރުވެރިނުވާ މީހަކު މާތް ﷲއަށް ވެސް ޝުކުރުވެރި ނުވާނެކަމަށް އޮތް ޙަދީޘްފުޅު ވަނީ ހަނދާންކޮށްދީފައެވެ. އަދި މީހަކު އެހެން މީހަކަށް ހެޔޮކަމެއް ކޮށްދިނުމުން، އެކަން ކޮށްދިން މީހާއަށް ”جَزَاكَ اللهُ خَيْرًا“ (ﷲ ތިބާއަށް ހެޔޮ ޖަޒާދެއްވާށި)އޭ ބުނެފި ނަމަ، ޝުކުރުވެރިވުމުގެ އެންމެ މަތީ ދަރަޖައަށް އޭނާ ވާޞިލުވެއްޖެކަމަށް ޙަދީޘްފުޅުން ސާބިތުވާކަން ވެސް ފާހަގަކުރިއެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުން މިސާލު ދައްކަވަމުން، ޚަދީޖަތުގެފާނުގެ ހެޔޮފުޅުކަން އަބަދުމެ ހަނދުމަފުޅު ކުރެއްވި ކަމާއި، މުޠުޢިމު ބުނު ޢަދިއްޔު ދިން ޙިމާޔަތުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ބަދުރުގެ ހަނގުރާމައިގެ އަސީރުންނާ މެދު ޙަދީޘްކުރެއްވި ބަސްފުޅުން، އަނެކުންގެ ހެޔޮކަމުގެ އަގު ވަޒަންކުރުމުގެ މުހިންމުކަން ވަނީ ހަނދާންކޮށްދީފައެވެ. މީގެ އިތުރުން މާތް ﷲ ދެއްވާ ނިޢުމަތްތަކުގެ މަތިން ހަނދުމަކުރުމަށާއި، ތިމާ ދަތިޙާލުގައި ވަނިކޮށް ﷲގެ ފަޟްލުވަންތަކަމުން ތަނަވަސްކަން ދެއްވިކަން ހަނދާންކޮށް، މީހުންނަށް އެ ފަދަ ވާހަކަތައް ކިޔައިދީ އުޅުމަށް ވެސް ގޮވާލާފައިވެއެވެ.
ޚުޠުބާ ނިންމާލަމުން ފާހަގަކުރީ ނިޢުމަތްތައް ދެމިއޮތުމާއި އިތުރުވުން ބިނާވެފައިވަނީ ޝުކުރުވެރިވުމުގެ މައްޗަށް ކަމަށެވެ. އަދި ދިރިއުޅުމުގައި ޝުކުރުވެރިކަން ދެމެހެއްޓުމަށްޓަކައި ދުންޔަވީ ކަންކަމުގައި ތިމާއަށް ވުރެ ދަށުގައިވާ މީހުންނަށް ބެލުމަށާއި، އިސްރާފުކުރުމާއި ބޮޑާކަމުން ދުރުހެލިވެ، ހިތާއި ދުލާއި ގުނަވަންތަކުން ﷲގެ ނިޢުމަތްތަކަށް ފުރިހަމައަށް ޝުކުރުވެރިވުމަށް މިއަދުގެ ޚުޠުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ.

