ތަޢުލީމީ ދާއިރާގެ ތެރެއިން ޚާއްޞަ އެހީއަށް ބޭނުންވާ އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދީ، މުޖުތަމަޢުގައި ބާރުވެރި ބަޔަކަށް ހެދުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ހާސިލުކުރަން ބޭނުންވާ މުހިންމު އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް ސީދާ އެމަނިކުފާނާ ހިއްސާކުރުމަށް ކުރިއަށްގެންދާ ”ރައްޔިތުންގެ އަޑު“ ޕްރޮގްރާމުގައި، އަޑުއިވުމުން މަޙްރޫމުވެފައިވާ ކުދިންގެ ބެލެނިވެރިއަކު ހުށަހެޅި ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުންނެވެ.
އެ ޕްރޮގްރާމުގައި ވާހަކަދައްކަމުން އެ ބެލެނިވެރިޔާ ފާހަގަކުރި ގޮތުގައި، އަޑުއިވުމުން މަޙްރޫމުވެ ”ކޮކްލިއާ އިމްޕްލާންޓް ސާޖަރީ“ ހަދާފައިވާ ކުދިންނަކީ ބަސްކޮށާރު މުއްސަނދި ނުވުމުގެ ސަބަބުން ފުރިހަމަ ޖުމުލައިން ވާހަކަދައްކަން ދަތިވާ ކުދިންނެވެ.
އާންމު ކްލާސްރޫމެއްގައި 30 ނުވަތަ އެއަށްވުރެ ގިނަ ކުދިން ތިބޭއިރު، 35 މިނެޓުގެ ޕީރިއަޑެއްގެ ތެރޭގައި ޓީޗަރަށް އެފަދަ ކުދިންނަށް ވަކިން ސަމާލުކަން ނުދެވޭތީ، ފިލާވަޅުތައް ދޭހަވުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭކަން ބެލެނިވެރިޔާ ފާހަގަކުރިއެވެ. އެހެންކަމުން، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް އެ ކުދިންނަށް ”ޝެޑޯ ޓީޗަރުން“ ހަމަޖައްސައިދިނުމަށާއި، ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީއަށް ޚާއްޞަކޮށްގެން ސެން ޓީޗަރުން ތަމްރީނުކުރުމަށް އޭނާ ވަނީ އެދިފައެވެ. އަދި ސްކޫލް މަރުޙަލާގެ ތެރެއިން މަސައްކަތްތެރިކަން ދަސްކޮށްދޭ ޕްރޮގްރާމްތައް ހިންގުމުގެ މުހިންމުކަމާއި، މަތީ ތަޢުލީމު ހާސިލުކުރަން ދާއިރު އެހީތެރިވާނެ ތަމްރީނުވެފައިވާ ލެކްޗަރާއިން ނެތުމުގެ ސަބަބުން ޑިގްރީ ފެންވަރަށް ކިޔަވާ ބައެއް ކުދިންނަށް ކިޔެވުން މެދުކަނޑާލަން ޖެހޭ މައްސަލަ ވެސް ބެލެނިވެރިޔާ ހިއްސާކުރިއެވެ.
މީގެއިތުރުން، ޞިއްޙީ ދާއިރާއިން ކުރިމަތިވާ ދަތިތަކަށް އަލިއަޅުވާލަމުން، ރާއްޖޭގައި ސްޕީޗް ތެރަޕިސްޓުން މަދުވުމުގެ ސަބަބުން ތެރަޕީ މެދުކެނޑިގެންދާ މައްސަލައާއި، ކޮކްލިއާ އިމްޕްލާންޓަށް ބޭނުންވާ ޑިވައިސް، ކޭބަލް އަދި ބެޓެރި ފަދަ ތަކެތި ހޯދުމުގައި އެންސްޕާގެ ތެރެއިން ދިގު މުއްދަތެއް ހޭދަވުމާއި އެއްވެސް ސަބަބެއް ބަޔާންނުކޮށް ރިޖެކްޓްވާ މައްސަލަ ވެސް ބެލެނިވެރިޔާ ފާހަގަކުރިއެވެ. އަދި އެ ތަކެއްޗަކީ ރާއްޖެއިން ބޭރުން ގެންނަންޖެހޭ އެއްޗެއްސަށް ވާތީ، އާސަންދަ ނުވަތަ އެންސްޕާ މެދުވެރިކޮށް ރާއްޖެއިން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އޭނާ އެދިފައިވެއެވެ.
ބެލެނިވެރިޔާ ފާހަގަކުރި ކަންބޮޑުވުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތަޢުލީމީ އަދި ޞިއްޙީ ނިޒާމުގެ ތެރެއިން ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ހުރި މިފަދަ ހުރަސްތައް ނައްތާލުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އެގޮތުން ދަރިވަރުންނަށް ބޭނުންވާ ޝެޑޯ ޓީޗަރުންނާއި ވަސީލަތްތައް ފަހިކޮށްދިނުމަށާއި، އެންސްޕާ މެދުވެރިކޮށް ލިބޭ ޚިދުމަތްތައް ހަރުދަނާކޮށް، ދިމާވާ ދަތިތަކަށް އަވަސް ޙައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

