ދަރަނީގެ އަޅުވެތިކަމުގައި ފަނާވާން ނުތިބެ، ފުދުންތެރިކަމުގެ ފާގަތި ފަތިހަކަށް މަރުޙަބާ ކިޔާން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ހުރަވީ ދުވަހުގެ މުނާސަބަތުގައި ’އެކްސް‘ ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ މެސެޖުގައި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އަދި މާތްވެގެންވާ އިސްލާމްދީނުގެ ޙައްޤުގައި ހިތްވަރުގަދަ ޖިހާދެއް ކުރައްވައި، މަލާބާރީން ނުވަތަ ހޮޅިންގެ ވަކިތަކުން މި ޤައުމު ސަލާމަތްކުރެއްވި ޤައުމީ ބަޠަލު ސުލްޠާން ޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން) ގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުން އެދިވަޑައިގެން ދުޢާ ދަންނަވާފައިވެއެވެ.
ހުރަވީ ދުވަހުގެ ހާދިސާއަށް ގާތްގަނޑަކަށް ތިން ޤަރުނު ފުރެން ކައިރިވަމުން އަންނައިރު، މިއަދު ދުނިޔޭގެ ކަންކަން ހިނގަމުންދާ ގޮތާއި މިނިވަންކަން ދިފާޢުކުރަން ޖެހޭ ގޮތްތަކާމެދު ފުންކޮށް ވިސްނުން މުހިންމު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، ތާރީޚުގެ ލޯގަނޑުން ދައްކާ މަންޒަރުތަކުން ފިލާވަޅު ލިބިގަނެ، މުސްތަޤްބަލުގެ މޫނު އުޖާލާކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ސިޔާސީ ޖަޒުބާތުތަކަށްވުރެ ކުރިޔަށް ޤައުމީ އިޚްލާޞްތެރިކަން ނެރެންޖެހޭ ކަމަށާއި، ޒާތީ އަރާރުންތަކުގެ ކުރިޔަށް ޖަމާޢަތުގެ ބާއްޖަވެރިކަން އިސްކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ކުރިޔަށް ޤައުމީ ސަލާމަތާއި، ފުދުންތެރިކަމާއި، ދިވެހި ކޮންމެ ފަރުދެއްގެ އުފާވެރިކަމަށް އިސްކަންދޭން ޖެހޭ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހުރަވީ ދުވަހަކީ ހިޖުރައިން 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރޭ، ހޮޅިން ދިވެހިރާއްޖެ އަޅުވެތިކޮށްގެން ތިބި ތިން މަހާއި ވިހި ދުވަހަށްފަހު، މުލީގޭ ދޮން ޙަސަން މަނިކުފާނާއި އެމަނިކުފާނުގެ ހަތަރު އެކުވެރިން އަދި ހިތްވަރުގަދަ 200 އެއްހައި މީހުން ނުކުމެ ރާއްޖެ މިނިވަންކުރި ތާރީޚީ ހާދިސާގެ ޒިކުރާ އާކުރާ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ޤައުމީ އަބްޠާލުންގެ ޒިކުރާ ޢަމަލީގޮތުން ދިރުވައި، އެ އަބްޠާލުން ހޯއްދަވައިދެއްވި މިނިވަންކަމާއި ޤައުމިއްޔަތު ދެމެހެއްޓުމުގެ ޢަޒުމާއި ޖޯޝް ދިވެހިންގެ ހިތްތަކުގައި ދެމެހެއްޓުމެވެ.

